އުންމީދެއް؛ ހަފީޒް ވެންޓިލޭޓަރުން ނަގައިފި
އުންމީދެއް؛ ހަފީޒް ވެންޓިލޭޓަރުން ނަގައިފި

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރުވައިލި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް ގިނަ ދުވަސްތަކަކަށް ފަހު ވެންޓިލޭޓަރުން ނަގައިފި އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ހަފީޒްގެ އާއިލާ މީހަކު ބުނި ގޮތުގައި އޭނާ ލާފައި އޮތް ވެންޓިލޭޓަރު މިހާރު ކަނޑާލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޮތީ ޓިއުބް ގުޅައިފަ އެވެ.

"މިއީ ކުރިން އޮތް ހާލާ ބަލާފައި ވަރަށް ރަނގަޅު ކުރި އެރުމެއް،" އޭނާ ވިދާޅުވި އެވެ.

ހަފީޒް މިހާރު އޮތީ އެޗްޑީޔޫ އަށް ބަދަލު ކޮށްފަ އެވެ. އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ވަމުން އަންނަ ކަމަށް ޑޮކްޓަރުން ވެސް ބުނި ކަމަށް އާއިލާ އިން ބުންޏެވެ.

ހަފީޒް އެކްސިޑެންޓުވީ އޭނާ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގުން ހިނގާފައި ދަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ.

ސައިކަލު ދުއްވި މީހާ މިހާރު ހައްޔަރު ކޮށްފައިވާ އިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހަފީޒް ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން ވެސް ފުލުހުން މިއަދު އިއުލާން ކުރި އެވެ.