18 ޖުލައި 2023 - 06:54

އިންސާނުންނާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާ މެދު ހިނގާ ހަނގުރާމައެއް ދައްކާ ސައިންސްފިކްޝަން ފިލްމެއް ކަމަށްވާ "ދަ ކްރިއޭޓާ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ސްޓާ ވޯސްގެ "ރޯގް-ވަން"ގެ ޑައިރެކްޓަރު، ގެރެތު އެޑްވާޑްސް ޑައިރެކްޓުކޮށް، ކޯ ރައިޓްކޮށް އަދި ޕްރޮޑިއުސްކޮށްފައިވާ "ދަ ކްރިއޭޓާ" އަކީ ސައިންސްފިކްޝަން ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. އަދި މިއީ މި އަހަރު ނެރޭ އެ ޖޯންރާގެ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ ފިލްމެވެ.
މި ފިލްމުގައި ލީޑު ރޯލު ކުޅެނީ ޖޯން ޑޭވިޑް ވޮޝިންޓަން އެވެ. އޭނާ ކުޅެނީ އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ އޭޖެންޓެއްގެ ރޯލެވެ. މުސްތަގުބަލުގައި ހިނގާ ކަންތައްތަކެއް ދައްކާ މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންސާނުންގެ ރައްކާތެރިކަމަށް އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް ރޮބޮޓްތަކެއް، އިންސާނުންނާ ދެކޮޅުވެ ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އެކަމުގެ ތެރެއިން ހިނގާ ހަނގުރާމައެކެވެ.
ވޮޝިންޓަންއާ އެކު ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ގެމާ ޗެން، ކެން ވޮޓަނަބީ، އަމަރު ޗަންދާ ޕަޓޭލް، ބެނެޓިކް ވޯންގް، ސްޓާގިލް ސިމްޕްސަން، މެޑެލީން ޔޫނާ ވޮއިލްސް އަދި އެލިސަން ޖޭނީ އެވެ.
"ދަ ކްރިއޭޓާ" ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 29 ގަ އެވެ.