17 ޖުލައި 2023 - 14:42

މިދިޔަ އަހަރު އާބަންކޯއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ އެވެ.
އެސްއޯއީތަކާ ގުޅޭ ގޮތުން ޕީސީބީއިން ނެރުނު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އާބަންކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ދެވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި 478 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެންމެ ކުޑަ ފައިދާއެއް ލިބުނު ފަހު ކުއާޓާގައި 45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް 70 ޕަސެންޓުގެ ވެއްޓުމެކެވެ.
ފަހު ކުއާޓާގައި ފައިދާ އެހާ ބޮޑަށް ދަށްވީ މެއިންޓަނަންސް ހަރަދުތައް ބޮޑުވުމުން ކަމަށް ޕީސީބީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އާބަންކޯއަށް މިދިޔަ އަހަރު ލިބުނު ޖުމްލަ ފައިދާ 100 މިލިއަން ރުފިޔާ ދަށްވި އެވެ. އެ ކުންފުންޏަށް 2021 ވަނަ އަހަރު 1.1 ބިލިއަނުގެ ފައިދާވި އެވެ.
އާބަންކޯއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 75 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނެ އެވެ. އެ ކުންފުނީގެ އާމްދަނީ ދަށްވީ، 2021 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ބިން ވިއްކައިގެން ލިބުނު އާމްދަނީ ދަށްވުމުންނެވެ.
އާބަންކޯ އިން ހިންގާ ހައުސިން ޕްރޮޖެކްޓްތަކަށް ނެގި އިތުރު ލޯނުތަކާ އެކު ދަރަނީގެ ޖުމްލަ މިހާރު ހުރީ 10.6 ބިލިއަން ރުފިޔާގަ އެވެ.