ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް ނަންގަވަންޖެހޭ: ޣައްސާން
ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް ނަންގަވަންޖެހޭ: ޣައްސާން

ރިޝްވަތު ގަބޫލު ކުރުމާއި ފައިސާތަކެއް ލޯންޑަ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފުލަން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ މުއްދަތު އޮއްވައި ނިންމައި ދިނުމަށް އެދި އިދިކޮޅުން އަންނަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.

އެކަމަކު އަންނަ މަހުގެ 7 ވަނަ ދުވަހަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާއިރު، ހައި ކޯޓުގައި ހިނގަމުންދާ އިސްތިއުނާފުގެ މައްސަލަ ނިމޭނެ ކަމާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

އެ ކަމާ ގުޅުވައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު، ދައުލަތުގެ އެއްވެސް ބާރެއްގެ ހިންގުން ހީނަރު ވިޔަސް، އަވަސް ކުރަން ގާނޫނުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންގެވުމަކީ އެ މަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް ސޯލިހު އުފުއްލަވަން ޖެހޭނެ،" ޣައްސާން ވިދާޅުވި އެވެ.

އިންތިޚާބުގައި ޔާމީނަށް ވާދަކުރެއްވޭނެ ކަމާ މެދު ސުވާލު އުފެދީފައިވީ ނަމަވެސް، އެހެން ކެންޑިޑޭޓަކު ނެރުމަށް ނުވެސް ވިސްނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އިސްތިއުނާފުގެ މައްސަލަ ނިމި، ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.