17 ޖުލައި 2023 - 11:35

މާލޭގެ މަގުމަތިން ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި އަލީ ހަފީޒް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެ ދިން މީހުން ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީ ލެކްޗަރާއެއް ކަމަށްވާ ހަފީޒް އެކްސިޑެންޓް ވީ، މަޖީދީ މަގުން ހީނާމާގޭ ޕާކިން ކައިރީގައި ހުންނަ ސުލްތާން އާދިލް މިސްކިތަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދަށް ގޮސްފައި ދަނިކޮށް، ސައިކަލަކުން ޖެހިގެންނެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި ހަފީޒު ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަނީ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
"ވީމާ، އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެ މީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުން ބުންޏެވެ.
ހަފީޒުގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން އެއާ އެންބިއުލެންސެއްގައި އޭނާ އިންޑިއާ އަށް ގެންގޮސް ފަރުވާދޭން ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ހަފީޒަށް ފަރުވާ ދެނީ ކޮޗިންގެ ހޮސްޕިޓަލެއްގަ އެވެ. އެ ކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަ ބަޔަކު ވަނީ މަސައްކަތްކޮށްފަ އެވެ.
ތައުލީމީ ދާއިރާ އަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ހަފީޒްގެ ގާތް ބައެއް މީހުން ބުނި ގޮތުގައި، ހަފީޒްގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާ އިންޑިއާއަށް ފުރުވާލުމާ ހަމައަށް ވެސް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި، ސައިކަލް ދުއްވި 22 އަހަރުގެ މީހާ އަކީ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.