30 ޖެނުއަރީ 2017 - 18:33

ދިވެހި ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުކުރަން ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިއުކޭޝަން ކުންފުނިން ތައްޔާރުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުކުރަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އިނގިރޭސިވިލާތުގެ "އެޑިއުކޭޝަން ފަސްޓް" (އީއެފް) ގެ އިސްވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްވަރާ ބޭއްވީ، މިިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އެޑިއުކޭޝަން މިނިސްޓަރު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.
އީއެފްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކުގައި މިނިސްޓަރު ވަނީ، ދިވެއްސާއި އިސްލާމާއި ގުރުއާން އަދި އަރަބި ބަސް ފިޔަވައި އެހެން މާއްދާތަކަކީ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކަށް ވާތީ ހުރިހާ މާއްދާއެއްގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ޓީޗަރުންނާއި ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ކުުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ފާހަގަކޮށްފަ އެވެ.
ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރު މަތިކުރަން ކުރިއަށްގެންދާ ޕްރޮގްރާމުގެ ބައެއް ކަންތައްތައް ފުރިހަމަކުރަން، އެ ކުންފުނީގެ އިސް ވަފުދެއް އަންނަ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ވީ އެންމެ އަވަހަކަށް ތަމްރީނު ޕްރޮގްރާމްތައް ފަށާނެ ކަން ފާހަގަކޮށްފައި ވެ އެވެ.
އީއެފް އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިއުކޭޝަން ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވެސް 50 ގައުމެއްގައި 500 ސްކޫލު ހިންގަ އެވެ.