އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ޓީޓީ އިން 12 ކުޅުންތެރިންގެ ސްކޮޑެއް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ޓީޓީ އިން 12 ކުޅުންތެރިންގެ ސްކޮޑެއް

މަޑަގަސްކަރައިގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ގެ ގައުމީ ސްކޮޑް އިއުލާން ކޮށްފި އެވެ.

ރާއްޖޭގެ ޓީޓީ ސްކޮޑްގައި ހަ އަންހެން ކުޅުންތެރިންނާއި ހަ ފިރިހެން ކުޅުންތެރިންނާ އެކު ޖުމްލަ 12 ކުޅުންތެރިން ހިމެނެ އެވެ.

އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމާއި މިޝްކާ މުހައްމަދު އިބްރާހީމާއި ލައިސާ ފަތުހުﷲ އާއި ފާތިމަތު ޖުމާނާ ނިމާލް އަދި އައިމިނަތު ޝިއުރާ ޝަރީފެވެ.

ފިރިހެން ހަ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއީލާއި މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޒީސްތު ނަސީމާއި އަޚްޔާރު އަހުމަދާއި އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމުގެ ގޮތުން ޓީޓީ އެތުލީޓުންގެ ތަމްރީނުތައް ވަނީ ކްރޮއޭޝިއާ އާއި އިންޑިއާގައި ކުރިއަށް ގެންގޮސްފަ އެވެ.

އެތުލީޓުންގެ އިތުރުން ރާއްޖޭގެ ދެ އަމްޕަޔަރުން ވެސް އައިއޯއައިޖީގެ މުބާރާތްތަކުގައި އިންސާފު ކުރާނެ އެވެ. އެއީ މުހައްމަދު ޔާމީނާއި އައްޒާމް އިބްރާހިމެވެ.

އައިއޯއައިޖީގެ ޔޫތު ކޭމްޕުގައި ބައިވެރިކުރާ ޒުވާން ދެ ކުޅުންތެރިންނަކީ އައުން އިބްރާހިމް ލަތީފާއި މިންހާ މަހުޖޫބް ޝުޖާއު އެވެ.

ޓީޓީ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި މުބާރާތުގައި މުޅި ދިވެހި ރާއްޖެ ފަހުރުވެރި ކޮށްދިން ކުޅިވަރެކެވެ. އެ އަހަރު ޓީޓީ އިން ވަނީ ޖުމްލަ ތިން ރަން މެޑަލް ހޯދައިދީފަ އެވެ. ޓީމް އިވެންޓާއި އަންހެން ޑަބަލްސް އަދި އަންހެން ސިންގަލްސް އިން ވެސް އެއަހަރު ރަން މެޑަލް ހޯދި އެވެ.

ޓީޓީ އިން، އަންހެން ޑަބަލްސް އާއި ސިންގަލްސް އިން ރިހި މެޑަލް ވެސް ހޯދި އެވެ.