ދިރާގަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ފައިދާ 840 މިލިއަން ރުފިޔާ
ދިރާގަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ފައިދާ 840 މިލިއަން ރުފިޔާ

ދިރާގަށް މިދިޔަ އަހަރު ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަދި ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ފައިދާ 840 މިލިއަން ރުފިޔާ
ދިރާގަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ފައިދާ 840 މިލިއަން ރުފިޔާ

ދިރާގުން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު 2.5 ބިލިއަން ރުފިޔާގެ އާމްދަނީ އަކީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓް ނުވަތަ 226 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 840 މިލިއަން ރުފިޔާ އަކީ 2015 އާ އަޅާބަލާއިރު 16 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 643 މިލިއަން ރުފިޔާ ދިރާގަށް ލިބުނެވެ. އަދި އެ ކުއާޓަރުގައި ސާފު ފައިދާ އަކީ 187 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރަށް ހިއްސާއަކަށް 11.04ރ. ބެހުމަށް ދިރާގުން ނިންމާފައިވެ އެވެ.

ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާން އާންމުކުރުމަށް ދިރާގުގައި މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސާ ރޮބިން ވޯލްސް ވިދާޅުވީ، އެ ކުއާޓަރާއި މިދިޔަ އަހަރު ދިރާގުން މާލީ ގޮތުން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އޭގެ ފަހަތުގައި ވަނީ އަހަރު ތެރޭގައި ދިރާގުގެ 3ޖީ، 4ޖީ އަދި ފައިބަ ނެޓްވޯކް ތަރައްގީކުރުމަށް ކުރެވުނު އިންވެސްޓްމަންޓްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭ ގޮތަށް ދިރާގުގެ މޮބައިލް އަދި އިންޓަނެޓް ޕެކޭޖްތައް ފަރުމާކުރުމަށް މިދިޔަ އަހަރު ކުރެވުނު މަސައްކަތްތައް ވެސް ފާހަގަކޮށްލެވޭ ކަމަށް ރޮބިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް، ހެޔޮ އަގުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުން. އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

ރޮބިން ވިދާޅުވި ގޮތުގައި ދިރާގުން ހިދުމަތް ދޭ ހުރިހާ ދާއިރާއަކުން ލިބޭ އާމްދަނީ މަތިވަމުން އައި ނަމަވެސް، އެންމެ ބޮޑު އާމްދަނީއެއް މިހާރު ލިބެނީ އަދި އެންމެ ބާރަށް ކުރިއަރަނީ ވެސް މޮބައިލްގެ ހިދުމަތްތަކުންނެވެ. ހާއްސަކޮށް، މޮބައިލް އިންޓަނެޓަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި އެހެންކަމުން 4ޖީ ނެޓްވޯކް ހަރުދަނާކޮށް، ފުޅާކުރުމަށް ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން 2015 ގައި ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފް ކުރުމަށް ފަހު، އެ ކުންފުނީގެ 4ޖީ ނެޓްވޯކް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ފުޅާކޮށްފައިވެ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފޯރުކޮށް ދޭން ދިރާގުން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.

ބަހުރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް އަދި އާއްމުންގެ 6.2 ޕަސެންޓް ހިއްސާ އޮންނަ ދިރާގުން ވަނީ މިދިޔަ އަހަރު ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ. އެ ގޮތުން، ކ. މާފުށީގައި ފައިބަ ނެޓްވޯކެއް ގާއިމުކުރުމާއި ލ. އަތޮޅުގެ ރަށްރަށުގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދޭން ފެށުމާއި އިންސްޓޯލްމަންޓަށް އައިފޯން 7 ވިއްކުމާއި އައިފްލިކްސް ކޮންޓެންޓް ޕްލެޓްފޯމް ލޯންޗްކުރުމާއި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ހާއްސަ މޮބައިލް ޕެކޭޖެއް ތައާރަފްކުރުމުގެ އިތުރަށް އެންމެ ހެޔޮ އަގުގައި ހައްޖު ދުވަސްވަރު ސައުދީ އަރަބިއްޔާ އަށް ގުޅުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.

މިދިޔަ އަހަރު ދިރާގުން ގިނަ ސީއެސްއާރް ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ބޭއްވި ދިރާގު ސްޕެޝަލް ސްޕޯޓްސް މީޓް އަދި ކުޑަކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް އެކި ޖަމިއްޔާތަކާ އެކު މަސައްކަތްކުރުން ހިމެނެ އެވެ. އަދި ޕާލޭ އާއި ބީމް ގުޅިގެން ޕްލާސްޓިކް ކޮތަޅާއި ފުޅި ބޭނުންކުރުން މަދުކުރުމަށް ލޯންޗްކުރެވުނު "ފޯ ދަ އޯޝަންސް" ކެމްޕެއިން ވެސް ހިމެނެ އެވެ.