މެސީ އަށް ހާއްސަކޮށް މަޔާމީން ސެކިއުރިޓީ ވަރުގަދަކޮށްފި
މެސީ އަށް ހާއްސަކޮށް މަޔާމީން ސެކިއުރިޓީ ވަރުގަދަކޮށްފި

ފްލޮރިޑާ (ޖުލައި 16) - ލިއޮނެލް މެސީ އަށް ހާއްސަކޮށް އިންޓަ މަޔާމީން، އެ ކްލަބްގެ ތަންތަނުގައި ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

މިދިޔަ ދެ އަހަރު ޕީއެސްޖީ އަށް ކުޅުމަށް ފަހު ހިލޭ ޓްރާންސްފާގައި މެސީ ވަނީ މަޔާމީ އަށް ބަދަލުވެފަ އެވެ. އެ ކްލަބްގެ ކުޅުންތެރިޔެއްގެ ގޮތުގައި މިއަދު އޭނާ ތައާރަފް ކުރުން އޮންނާނެ އެވެ.

މެސީ އެ ޓީމަށް ބަދަލުވާތީ އެ ކްލަބުން ވަނީ ސްޓޭޑިއަމް އާއި ޕްރެކްޓިސް ގްރައުންޑްތަކުގައި ސެކިއުރިޓީން އިތުރުކޮށްފަ އެވެ. އަދި ސްޓޭޑިއަމް ވައިޕީ އޭރިއާ ބޮޑުކޮށް ސެކިއިރުޓީ އޭރިއާ ވެސް ބޮޑު ކުރުމަށް ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް އެ ކްލަބުން ވަނީ ފަށައިފަ އެވެ.

މަރާމާތު ކުރުމުގެ މަސައްކަތް ނިމޭއިރު ސްޓޭޑިއަމްގެ ޖާގަ ވެސް އިތުރު ކުރާނެ އެވެ. މިހާރު 19،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް މިފަހަރުގެ މަރާމާތުތައް ނިމޭއިރު 22،000 ސަޕޯޓަރުންނަށް ސްޓޭޑިއަމަށް ވަދެވޭނެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޕްރައިވެޓް ޖެޓެއްގައި މެސީ އާއި އޭނާގެ އާއިލާ މަޔާމީގެ ފޯޓް ލައުޑާޑޭލް އަށް ދިޔައިރު ސެކިއުރިޓީ ބަލަހައްޓަން އެ ތަނުގެ މަތީގައި ހެލިކޮޕްޓަރެއް ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ.

މަޔާމީ ވެސް ހިމެނޭ ގޮތަށް ފްލޮރިޑާ އަކީ އެމެރިކާގައި އެންމެ ކުށްކުރުން ގިނަ ސްޓޭޓެވެ. މިދުވަސްވަރު މަޔާމީގައި ވެސް ކުށްކުރުން ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.