ޖަޒީރާ ރާއްޖެ ތަރައްގީކުރުމުގެ ނަތީޖާ އެބަ ފެނޭ: ރައީސް
ޖަޒީރާ ރާއްޖެ ތަރައްގީކުރުމުގެ ނަތީޖާ އެބަ ފެނޭ: ރައީސް

ކުދި ރަށްތަކަށް އަމާޒުކޮށް ރާއްޖެ ތަރައްގީކުރަން ހެދި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ ނަތީޖާ އެބަ ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަޒީރާ ރާއްޖެ ތަރައްގީކުރުމުގެ ނަތީޖާ އެބަ ފެނޭ: ރައީސް
ޖަޒީރާ ރާއްޖެ ތަރައްގީކުރުމުގެ ނަތީޖާ އެބަ ފެނޭ: ރައީސް

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ވޭވަށަށް ވަޑައިގެން ރައީސް ވިދާޅުވީ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ވޭވަށް ހިމެނޭތީ، 2018ގެ ރިޔާސީ ކެމްޕޭނާ ހިސާބަށް ވެސް މި ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އޮތީ ލިސްޓުގެ ފަހަތުގައި ކަމަށެވެ.

އެކަން ބަދަލުކުރުމަށް، ޖަޒީރާ ރާއްޖޭގެ ނަމުގައި ހެދި މެނިފެސްޓޯއިން އެ މަގުސަދުތައް ހާސިލްވެ، އެ މީހަކު އުފަން ރަށުގައި ހިތްހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ފަހަރުގެ ކެމްޕެއިންގައި، އާބާދީގައި 240 މީހުން ދިރިއުޅޭ ވޭވަށަށް ރައީސް ވެވަޑައިގެންނެވި ހަމައެކަނި ވައުދަކީ ބަނދަރު ބޮޑުކުރުމެވެ. އެ މަސައްކަތް ނިންމައި، މީގެ 11 މަސް ދުވަސް ކުރިން އިންޖީނުގޭގެ އާ އިމާރާތާ އެކު އެ ތަން ވެސް ވަނީ ހުޅުވައިފަ އެވެ.

އޭގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމާއި ސްކޫލާއި ކައުންސިލް އިދާރާ އަދި މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ވެސް ހިމެނެ އެވެ. އެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ކުރިއަށް އޮތް ތަނުގައި، ޒުވާނުން އެދިފައިވާ ގޮތަށް ފުޓްބޯޅަ ދަނޑު އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން މި އަތޮޅުގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖޭގައި 41 ފުޓްބޯޅަ ދަނޑު ނިންމައި، ހަމަ އެ ވަރަށް ދަނޑުތައް އަންނަނީ ހަދަމުންނެވެ. ފުޓްސަލް ކުޅޭ 71 ދަނޑު ނިންމައި، ވޮލީ ކުޅޭ 17 ކޯޓު ނިންމައި، އައުޓްޑޯ 54 ޖިމް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހެން ގޮސް ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުނުކޮށް ރައްޔިތުންނަށް މި ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ބާރަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.