16 ޖުލައި 2023 - 09:50

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، އަންނަ މަހު ދިވެހި ފިލްމު އެވޯޑްސް ބާއްވަން ނިންމައިފި އެވެ.

މިއީ އެ އެވޯޑް ބާއްވާ 10 ވަނަ އަހަރެވެ.
މި އެވޯޑް ހަފުލާ އިންތިޒާމުކުރާ ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގެ އިއުލާނުގައި ބުނީ މިފަހަރުގެ އެވޯޑްގައި ބައިވެރިކުރާނީ 2019-2022 އާ ދެމެދުގައި ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.
އެވޯޑުގައި ފިލްމު ބައިވެރިކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެކަމަށް އެދޭ ފޯމް އެންސީއޭގެ އޮފީހުންނާއި އެތަނުގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
މި އެވޯޑު ހަފުލާ ބާއްވަނީ އަންނަ މަހު ފަހެއްގަ އެވެ.
އެންމެފަހުން ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2019 ވަނަ އަހަރު އެވެ. އެފަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގްގެ "ވިޝްކާ" އެވެ.