ވަރުގަދަ މަންޒަރުތަކާ އެކު "ނީނާ"ގެ ޓްރެއިލާ
ވަރުގަދަ މަންޒަރުތަކާ އެކު "ނީނާ"ގެ ޓްރެއިލާ

ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ދިވެހި ފިލްމު "ނީނާ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

މިނެޓަކާއި 28 ސިކުންތުގެ މި ޓްރެއިލާގައި ފިލްމުގައި ފެންނާނެ ވަރުގަދަ މަންޒަރުތައް ހިމަނާފައިވެ އެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ހިތްވަރުގަދަ އަންހެނެއް ކަމަށްވާ ނީނާގެ ހަޔާތަށެވެ. މީގެ ތިން އަހަރު ކުރިން، 2020 ގައި ޕްރޮޑަކްޝަން ފެށި މި ފިލްމަށް 600،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނެފައިވެ އެވެ.

ފިލްމުގެ ޓައިޓަލް ކެރެކްޓާ ނީނާގެ ރޯލު ކުޅެނީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އޭނާއާއެކު ދެން ލީޑުން ފެންނަނީ ރިހި ސްކްރީނަށް އަލަށް ތައާރަފުވާ އެކްޓަރު ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ.

މިއީ މި ފިލްމު އުފައްދާ ޕްރޮޑަކްޝަން ހައުސް "އައިފިލްމްސް" އިން ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. އެ ޕްރޮޑަކްޝަން ހައުސިން އިން އެންމެ ފުރަތަމަ 2019 ވަނަ އަހަރު ނެރުނު "ބަވަތި" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެހެންވެ މި ފިލްމަށް ކުރެވޭ އުއްމީދު ވަރަށް ބޮޑެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ހިމެނޭ "ނީނާ" އޮލިމްޕަހުގައި ޕްރިމިއާކުރަނީ އަންނަ މަހު 6 ގަ އެވެ.