15 ޖުލައި 2023 - 22:39

ދެ ވަނަ ދައުރެއް ހޯދަން ކުރާ މަސައްކަތުން ކާމިޔާބު ލިބޭނެ ކަމަށާއި އެކަމާ މެދު ޝައްކެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ މ. އަތޮޅުގެ ހަތަރު ވަނަ ރަށަށް ވަޑައިގަތްއިރު، ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަތީ އަމާން ރާއްޖެއަކަށް ދިއުމަށް ރައްޔިތުން ތައްޔާރުވެ ތިބި ތަން ކަމަށެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް "ޖަޒީރާ ރާއްޖޭ"ގެ ތަސައްވުރާ އެކު ނުކުތީ ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި އަސާސީ ފަރުވާ ދޭން ކަމަށެވެ. އޭރު ބޭނުމަކަށް ވީ ރާއްޖެއަށް ބޮޑު ބަދަލެއް، ހެޔޮ ބަދަލެއް ގެނެސްދިނުންކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އުތުރާއި މެދު ރާއްޖެ އަދި ދެކުނުގެ ހިސާބުތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ.
ހދ. ހަނިމާދޫގައި ހިންގާ މަޝްރޫއުތަކުގެ ސަބަބުން އެ ރަށުގެ ބިމުގެ އަގު ބޮޑުވެ، ކައިރި ހިސާބުތަކުގެ ރަށްތަކުގެ އަގު ވެސް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އައްޑުއަށް އަންނަ ބަދަލުތަކުން އެ އަތޮޅުގެ ރައްޔިތުން ތިބީ ހިތްހަމަޖެހިފައި ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓުތައް އަޅައި، ދަތުރުތައް ފަށާފައިވާތީ، ރައްޔިތުންނަށް އުއްމީދެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، މި ހިސާބަށް އާދެވުނީ، ރައީސް ވިދާޅުވި ގޮތުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަކީ އެއް ގޮންޖެހުމެވެ.
އެ ބަލި މަޑުކަމުން އަރައިގަތުމަށް ރާއްޖޭގެ ބޯޑަރުތައް ތިން މަސް ވަންދެން ބަންދުކޮށްފައި ބޭއްވުމަށްފަހު، ރާއްޖޭގެ އިގުތިސާދު މީގެ ތިން އަހަރު ކުރިން، ޖުލައި 15، 2020 ގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން މީގެ ކުރިން ލަފާކުރީ 6-7 ޕަސެންޓާ ދޭތެރޭ ކަމަށް ވިޔަސް މިހާރުގެ އަންދާޒާކުރީ 9.6 ޕަސެންޓުގައި ކަމަށެވެ. އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ކުރިން އަންދާޒާކުރި ވަރަށް ވުރެ ދަށުގައި ހިފެހެއްޓިފައި ހުރީ މި އަހަރު އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ވިސްނުންތެރިކަމާ އެކު އެ ދުވަހު އެޅި ފިޔަވަޅުތަކުގެ ސަބަބުން، ދަތި އުނދަގުލުގައި އުޅެމުން ދިޔަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ދިން ކަމަށާއި ކުދި ވިޔަފާރިތަކަށް 380 މިލިއަން ރުފިޔާ އަދި ބޮޑެތި ވިޔަފާރިތައް ހިމަނައިގެން 1.1 ބިލިއަން ރުފިޔާ ދައުލަތުން ލުއި ލޯނުގެ ގޮތުގައި ދިން ކަމަށް ވިދާޅުވި އެވެ.
"މި ހިސާބަށް އާދެވިފައި ވަނީ އެ ފިޔަވަޅުތައް އެޅުމުން." އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮވިޑުގެ ހާލަތު ރަނގަޅަށް މެނޭޖްނުކުރެވުނު ގައުމުތަކުގައި މީހުން އުޅޭ ހާލަތު ފެންނަ ކަމަށާއި ސަރުކާރަކުން ކުރަންޖެހޭ ކަންތައްތައް އެ ދުވަހު ކޮށްދިން ކަމުގެ ނަތީޖާއަކީ، މާދަމާ އެއް މިލިއަން ޓޫރިސްޓު ހަމަވުމެވެ.
"އެ ފިޔަވަޅުތަކާއެކު، ބޯޑަރު ހުޅުވާލުމުން ގިނަ ބަޔަކު ކަންބޮޑުވި.. މި އަހަރު އިރާދަކުރެއްވިއްޔާ 1.8 މިލިއަން ޓޫރިސްޓުން ގެނައުން އަމާޒަކީ. މާދަމާ 1 މިލިއަން ޓޫރިސްޓަށް މަރުހަބާ ކިޔަން މި ތައްޔާރުވަނީ. އެކަން ހާސިލްވާތަން ފެނޭ." ރައީސް ވިދާޅުވި އެވެ.
ކޮވިޑަށް ފަހު ހިންދެމިލިތަނާ އަނެއްކާ ވެސް ޔޫކްރެއިން ހަނގުރާމައާ އެކު ދައުލަތުގެ ހަރަދުތައް އިތުރުވެގެން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިގެން 20 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހުނެވެ. ނަމަވެސް، މިދިޔަ އަހަރު އާމްދަނީން 26 ޕަސެންޓް އިތުރަށް ލިބުނު ކަމަށް ވިދާޅުވި އެވެ.
އެކަމަކު، ކުރިއަށް އޮތް، އިތުރު ފަސް އަހަރަށް އެ މަނިކުފާނު އިންތިހާބު ކޮށްދީފި ނަމަ އާމްދަނީ ދެގުނަ ވާތަން ފެންނަ ކަމަށާއި 2028 ވަނަ އަހަރު ނިމޭއިރު، ދައުލަތަށް 50 ބިލިއަން ރުފިޔާ ވައްދައި އާމްދަނީ އިތުރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"...މިކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނެ. ޝައްކެއް ނެތް." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ހިންގަން އައި ނަމަވެސް، ބައެއް މަސައްކަތްތައް ރައްޔިތުން އެދޭ ބާރު މިނުގައި ކުރިއށް ނުދާ ކަމަށް ގަބޫލުކުރަައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮންޖެހުންތަކަށް ހައްލުކުރަން ސްޕީޑު އަވަސްކުރަން މަސައްކަތްކޮށް، މި ރަށުގެ ރައްޔިތުން އެދިފައިވާ އިތުރު ކަންތައްތައް ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރެއިން، އޭޓީއެމް ބެހެއްޓުމާއި އިތުރު މަގުތަކާއެކު މުލަކުގެ ގިނަ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. އަދި، ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް ވެސް، މެނިފެސްޓޯގައި އާ ތަސައްވުރެއް ހިމަނައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.