ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލަނީ
ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލަނީ

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަށް އަންނަ ހަފްތާގައި ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ގ. ބޮޑުފެންވަޅުގޭގައި މިރޭ ބޭއްވި ޑިމޮކްރެޓްސްގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި މެންބަރަކު ވަނީ އެ ޕާޓީއަށް ކެމްޕެއިން ކުރާއިރު ދައްކަންވީ ކޮން ކެންޑިޑޭޓެއްތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ މިރޭ އެ ޕާޓީން އިންތިހާބުކުރި އިލެކްޝަންސް ކޮމިޓީން މަސައްކަތްކުރުމަށް ފަހު ދެ ދުވަހެއް ތެރޭގައި ޕްރައިމަރީ އަށް ހުޅުވާލަން ގަސްތު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނައިގެން މިތިބީ މި މަހުގެ 17 ހިސާބުގައި އިއުލާންކުރެވޭ ވަރުވޭތޯ ޕްރައިމަރީއަށް ހުޅުވާލަން. ދެން ކުރިމަތިލާން ލިބޭ މުއްދަތާއި ބާއްވާނެ ދުވަހާއި މި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޓީން އެ މަސައްކަތް ކުރަމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭ އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރެއިން އެ ޕާޓީން ވަކިވި މެންބަރުން އުފެއްދި ޑިމޮކްރެޓްސް އިން ޕްރައިމަރީ އަށް ހުޅުވާލާއިރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފަ އެވެ.

މީގެ ކުރިން އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި އިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ވާހަކަ ނަޝީދު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މިހާރު އެ ޝައުގުވެރިކަން ހުރި ކަމެއް ނުވަތަ ނޫން ކަމެއް އެ މަނިކުފާނު ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް ޑިމޮކްރެޓްސް އިން މި އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެ ކަމުގެ ޔަގީންކަން އައީ ދެމުންނެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާ ވެސް އެ ޕާޓީން އަންނަނީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރަމުންނެވެ.