ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

"ސިހުރުހެދީ ކާކު؟" ފައިސަލް ބުންޏެވެ.

"ތީ ވަރަށް ގިނައިން ޖެހޭ މައްސަލައެއް،" ކަރުކެހިލާފައި މަންސޫރު ބުންޏެވެ. "ސިހުރުހެދި މީހާގެ ކިބައިން ބަދަލުހިފަން ވަރަށް ގިނަ މީހުން ބޭނުންވޭ! ހަމަ ތި ސުވާލުކުރާނެ. ބައެއް ރާގީން ނަން ބުނެދޭ! އަހަރެން ނުބުނެދެން. މި އުޅެނީ މުސީބާތަކުން މިންޖުވާން. މުސީބާތެއް މީހަކަށް ޖައްސާކަށް ނޫން."

"ނަން ބުންޏަކަސް އަހަރެން އޭނައަކަށް ކަމެއް ނުކުރާނަމޭ!" ފައިސަލް ބުންޏެވެ. "އެއްވެސް ޒާތީކަމެއް ނުބާއްވާނަން."

ފައިސަލާ ދިމާއަށް މަންސޫރު ބަލައިލީ، ޝައްކުގެ ނަޒަރަކުންނެވެ. ތިމާއަށް މީހަކު ސިހުރުހަދާކަށް އެނގިހުރެ އެ މީހާއަށް ހިތްހެޔޮކުރާނީ ކިހިނެއްހެއްޔެވެ؟ މަންސޫރަށް އެ ވަރު ވިސްނެއެވެ.

"ނުބާއްވާ ހުރެވޭނެ؟" މަންސޫރު އެހިއެވެ. "އެހެންވިއްޔާ ނަން ނާހާ ވެސް ހުރެވެންޖެހޭނެ."

ފައިސަލަށް ނިދުނީ ޒިޔާންގެ އެނދުގައި އޮއްވައެވެ. ސިހުރަކީ މުޑުދާރު އެއްޗެކެވެ. ހަގީގަތެކެވެ. އުމުރުދުވަހު އެ ސަކަރާތުގައި އުޅެންޖެހިއްޖެ ނަމަ، ޒިޔާނަށް ވާނީ ކިހިނެއްހެއްޔެވެ؟ ފައިސަލަށް ދިރިއުޅުމެއްހޯދޭނީ ކިހިނެއްހެއްޔެވެ؟ ޖިންނީންނަކީ އުޅޭ ބައެކެވެ. އެ ފިކުރުގައި ފައިސަލް އޮތް ވަގުތު، ފައިސަލްގެ ކުރިމަތީގައި އެ މަހުލޫގު ނެތްކަމެއް ވެސް ފައިސަލަކަށް ނޭނގެއެވެ. ރަހުމެއް އަމުދުން ނުބަހައްޓާ ސައިތާނުންނަކީ އިންސާނާގެ ހަލާކެވެ. ދެދުނިޔެ ޖަހައިގަންނަ ބައެކެވެ. ކުއްލިއަކަށް ފޯނު ރަނގަބީލުވުމުން ފައިސަލް ރަނގަޅަށް ވެސް ސިއްސައިގެންދިޔައެވެ. ގުޅީ ކާކުތޯ ވެސް ނުބަލައި އަވަހަށް ފޯނުނެގިއެވެ. ޒިޔާން ހޭލަފާނެތީއެވެ.

"ހަލޯ!" ފައިސަލް މަޑުމަޑުން ބުންޏެވެ.

"ހަލޯ!" ނިދިއަޑަކުން ރިންދާ ބުނި އަޑު އިވުނެވެ. "ނިދަނީތަ؟"

"ނޫން! ހަމަ ޖައްސާލައިގެން އޮތީ!" ފައިސަލް ބުންޏެވެ.

"އަހަރެން ހަނދާންވާތީ ނުނިދިފަ؟" ރިންދާ އެހިއެވެ.

"ކިހިނެއް އެނގުނީ؟" އެނދުން ތެދުވެ، ދުރަށްޖެހިލަމުން ފައިސަލް ބުންޏެވެ. "އަހަރެންގެ ހިތްތެޅޭ އަޑުއިވުނީތަ؟ ކީއްވެ ރިންދާ ނިދިނައިސްގެން ތި އުޅެނީ؟"

ރިންދާގެ ޖަވާބެއްނައެވެ. އެ ހަމަހިމޭންކަން ފައިސަލްގެ ހިތުގައި އުންޗުކުލިކެނޑިއެވެ. ދެން ފައިސަލް ހަނދާންވިއެވެ. ކައިވެނީގެ ވާހަކަ މަންމަ ގާތުގައި ބުނާނެކަމަށް ރިންދާ ބުންޏެވެ.

"މަންމަ ނޫނެކޭ ބުނީ ދޯ؟" ފައިސަލް ސުވާލުކުރިއެވެ.

"މަންމަ ބުނީ އާނއެކޭ!" ރިންދާ ވަރަށް އުފާވެފައި ބުންޏެވެ.

ފައިސަލަށް ހަޅޭއްލަވައިގަނެވުމާއި، ޒިޔާން ވެސް ސިއްސައިގެން ހޭލާފައި ހަޅޭއްލަވައިގަތެވެ.

ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ޒިޔާނެއް ނެހޭލައެވެ. ފައިސަލް ސައިބޯން ނުކުތެވެ. ހަޝްމާ ވަރަށް އަތްމަތި އަވަސްކޮށްލައިފައި އުޅެއެވެ. ފައިސަލް އިށީނުމުން ސައި ތައްޔާރުކުރަން ފެށިއެވެ. އެހެން ދުވަސްދުވަހާ ތަފާތު ގޮތަކަށެވެ. ހަޝްމާ މަސައްކަތްކުރަނީ ފައިސަލާ ދިމާއަށް ނުބަލާށެވެ. މޭޒުމަތީގައި ތަށްޓެއް ބަހައްޓަން އަޔަސް، ބެހެއްޓުމާއެކު އެނބުރިފައި ހިނގައިގަނެއެވެ.

"ހަޝްމާ!" ފައިސަލް ގޮވައިލިއެވެ.

"އާނ!" ފައިސަލަށް ފުރަގަސްދީގެން ކަމެއްކުރަމުން ހަޝްމާ ބުންޏެވެ.

"އޯކޭތަ؟" ފައިސަލް އެހިއެވެ.

"ޔޭސް!" ހަޝްމާ ބުނީ އެ ވަރަށެވެ.

ފައިސަލަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. ކަމެއް ނުވާ ނަމަ ހަޝްމާއަށް އެހައި ބޮޑު ބަދަލެއް އަންނަންޖެހުނީ ކީއްވެގެންހެއްޔެވެ؟

"މި ތާ އިށީނދެބަލަ!" ފައިސަލް އެދުނެވެ.

"ކުޑަކޮށް ބިޒީ!" ހަޝްމާ ދިނީ ދުވަހަކު ވެސް ނުދޭ ޖަވާބެކެވެ. "ނަޓެއްލާ ހުސްވެފަ ހުރީ. ކައިރި ފިހާރަޔަކުން ވެސް ނުލިބުނު. ޒިޔާން މި ދުވަސްކޮޅު ވަރަށް ނަޓެއްލާ ކައި."

ހަޝްމާ ވާހަކަ އޮޅުވައިލީކަން ފައިސަލަށް އެނގުނެވެ. އެހެނަސް، ވީ ގޮތް އެނގޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. އޮފީހަށް ދިޔުމުން ސިރާޖު ވެސް ފައިސަލާ ދިމާއަށް ބެލީ ޒާތަކަށެވެ. އެހެންޏާ ނުބަލާ ކަހަލަ ގޮތަކަށެވެ. ސިރާޖު ވެސް އުޅެނީ ފައިސަލާ ހަތަރުކަޅި ހަމަނުކުރާށެވެ.

"ވަރުގަދަ ކަމެއްނު!" ފައިސަލް ބުންޏެވެ. "ކަލެއަށް ކިހިނެއްވީ؟"

"ނަތިން!" ހަމަޖެހިލާފައި ސިރާޖު ބުންޏެވެ. "އަސްލު ތެދަށް ބުނަން؟ ނަތިންއެއް ނޫން. ފައިސަލް ރުޅިއަޔަސް އަހަރެން އެބަ ޖެހޭ މި ވާހަކަދައްކަން. އެ ކަހަލަ ކަންތައް ކުރާކަށް ނުވާނެ. ކަލެއަކީ އެ މިޒާޖުގެ މީހެއް ވެސް ނޫނެއްނު!"

ފައިސަލް ބަލަހައްޓައިގެން ހުރީ، ދުވަހަކު ވެސް ނުދެކޭ އެއްޗަކަށް ބަލާހެންނެވެ. ހީވާ ކަހަލައެވެ. ސިރާޖަކީ އެހެން ގުރަހައަކުން އައި މަހުލޫގެކެވެ.

"އަހަންނަކީ އޭލިޔަނެއް ނޫނޭ ތިހެން ބަލަން،" ސިރާޖު ބުންޏެވެ. "ކަލޭ ކީއްކުރަން ހަޝްމާ އުޅޭ ކޮޓަރީގަ ޓަކިޖެހީ؟ އެ ވެސް ދަންވަރު. ދޮރު ހުޅުވަބަލާށޭ، މީ މަށޭ، މި އުޅެނީ... މަ ބޭނުމެއް ނޫން ކަލޭ ދެއްކި ހުރިހާ ވާހަކައެއް ރިޕީޓުކުރާކަށް ވެސް. ކަޑަކަމެއް ތި ކުރީ. ދެން ބުނޭ އެއީ މަށެއް ނޫނޭ!"

"އެއީ މަށެއް ނޫން!" ފައިސަލް ވަގުތުން ބުންޏެވެ. "ހަމަ އެކަނި މި ތަންކޮޅަށް ވިސްނާލާ! ގޭގެ ހުރިހާ ރޫމެއްގެ ޑަބަލް ކީ އޮންނާނެ. މަ ކީއްކުރަން ޓަކިޖަހަންވީ؟"

ފައިސަލް ދެއްކި ހެކި ސިރާޖަށް ގަބޫލުކުރެވުނެވެ.

"އެކަމަކު ޖިންނިއެއް ވެސް ކީއްކުރަން ދޮރުގަ ޓަކިޖަހަންވީ؟" ސިރާޖު އެހިއެވެ. "އެ ގޮލާ ވަންނަނީ ދޮރަކުން ނޫނެއްނު!"

"އަހަރެންގެ އަގުވައްޓާލަން ގަސްތުގަ އެހެން ހަދާފާނެ." ފައިސަލަށް ވިސްނޭ ހަމަ އެކަނި ސަބަބަކީ އެއީއެވެ.

"ނޫނީ، ނިދީގަ ފައިސަލަށް ނޭނގި އެނދުން ނަގައިގެން ދޮރުކައިރިއަށް ގެނެސް ވެސް ފާނެ." ސިރާޖު ބުންޏެވެ.

އެހެން ބުނީމައި ފައިސަލް ބަލިހަނދާނެއްވިއެވެ. ފަތިހު ހޭލެވުނު އިރު ފައިސަލް އޮތީ ސޯފާގައެވެ. ކުރިން ފައިސަލް ހީކުރީ ސޯފާގައި އޮއްވައި ނިދުނީކަމަށެވެ. އެކަމަކު ފައިސަލް ނިދީ ފައިސަލްގެ އެނދުގައެވެ. ފަތިހު ހޭލެވުމުން އަނެއްކާ ވެސް އެނދަށް ދިޔަ ހަނދާން ވެސް ވިއެވެ.

"މަ ބުނަން ވާހަކައެއް؟" އިރުކޮޅަކު ވިސްނުމަށް ފަހުގައި ފައިސަލް ބުންޏެވެ. "ކަލޭ ހަޝްމާއަށް ވިސްނައިދީ! ހަމަ ރީތިކޮށް ހުރިހައި އެއްޗެއް ކިޔައިދީ! ބުނޭ، އަހަރެން ދޮރުގަ ޖެހިޔަސް ނުހުޅުވައްޗޭ! ދެން ހިނގާ މަންސޫރަށް ގުޅަމާ! މިރޭ އެ ގޭގަ އަހަންނަށް ކިޔަވާނީ. މި ކަން މައިތިރިނުކޮށް ނެތެއްނު ވާކަަށް. އަހަންނަށް ރުގުޔާކުރާ އިރު ކަލޭ ޖެހޭނެ ހުންނަން."

ފައިސަލްގެ ސައިކަލު މަޑުކޮށްލީ މާލޭގެ ވަރަށް އާދައިގެ ކެފޭއަކަށެވެ. އެ ތަނުގައި ހުންނަ މާ މީރު ކޮފީއެއް ބުއިމަށް ޓަކައެވެ. އޭރު، އިރުއޮއްސުމުގެ އަސަރު އުދަރެހަށް ޖަމާވާން ފަށައިފިއެވެ. ގޮނޑީގައި އިށީން އިރު ވެސް ދެ މީހުން ހެނީއެވެ. އެކަމަކު ފައިސަލްގެ މޭ ހީވަނީ ކުޑަކޮށް ފިތިފައިހުންނަހެންނެވެ.

"އާނ އެހެނެއްނު ވާނީ. އަހަރެން ހުރީ ދަރި ކޮޓަރީގަ. މަށަށް ހަޅޭއްލަވައިގަނެވޭ އިރަށް އޭނަ ވެސް ސިއްސައިގެން ގޮސް ހަޅޭއްލަވައިގެންފި!" ފައިސަލް ބުންޏެވެ. "ތިހިރީ ރިންދާ ދޭ ލަނޑު."

"އަހަރެން ކީއްތަ ކުރާނީ؟" ހެމުން ރިންދާ ބުންޏެވެ. "މަންމަ އޯކޭވާ އިރަށް ހިތަށްއެރީ ހަމަ ވަގުތުން ފައިސަލަށް ގުޅާފަ ބުނާނަމޭ!"

"އަސްލު ކީކޭތަ މަންމަ ބުނީ؟" ފައިސަލް އޮޅުންފިލުވަން ބޭނުންވިއެވެ. "ބުނި ގޮތަށް ބުނެބަލަ!"

"ޔާރައްބީ! ފުރަތަމަ ވަރަށް މޫޑުސަކަރާތްވި. ވަރަށް އެއްޗިިހިކިއި. އަސްލު އެއީ ބައްޕަޔާ ދިމާއަށް ކިއި އެއްޗިއްސޭ އަހަރެން ބުނާނީ،" ރިންދާ ކިޔައިދިނެވެ. "މަ ޖަހާ ކިޔާގަތްގަތީނުން މަންމަގެ ވިސްނުން ޗޭންޖުކޮށްލީ! މަންމަ ބުނީ، މެރީކުރާ ޑޭޓު ހަމަޖެހުނީމަ ގުޅާށޯ އޭރުން މަންމަ އަންނާނަމޯ! ދެން ގުޅީ ބައްޕައަށް. ބައްޕަ ވަގުތުން އޯކޭވެއްޖެ! އެއީ މާ ކޫލް މީހެއް. ބުނީ ބައްޕަ ވެސް ވެޑިންއަށް އަންނާނަމޯ! އެކަމަކު ބައްޕަ މިހާރު އުޅެނީ އިންޑިޔާގަ. ތަންކޮޅެއް ކުރީބައިގަ ޖެހޭނެ އަންގަން. ފައިސަލް އަވަހަށް ޑޭޓެއް ހަމަޖައްސާ!"

"މާދަމާ ކިހިނެއްވާނެ؟" ސަމާސާ ރާގަކަށް ފައިސަލް ބުންޏެވެ.

"ދެން ސީރިޔަސްކޮށް ބުނެބަލަ!" ހީނގެންފައި ރިންދާ ބުންޏެވެ.

ކައިވެނީގެ ކުރިން ރުގުޔާ، ކޮޅެއްގައި ޖައްސަން ފައިސަލް ބޭނުމެވެ. ރިންދާ ބަހައްޓަން ބޭނުންވަނީ، އެ އޮއިވަރާ ދުރުގައެވެ.

"ފުރަތަމަ ބަލާ މަންމައާ ބައްޕައަށް އެންމެ އަވަހަށް އާދެވޭނީ ކޮން ދުވަހަކުންތޯ؟" ފައިސަލް އެދުނެވެ. "މެރީކުރަންދެން އަހަރެންގެ ގޭގަ ރިންދާއަކަށް ނޫޅެވޭނެތަ؟" އެހެން ބުނުމުން ރިންދާ ހީނގަތެވެ. "ކީއްތަވީ؟ ހަޝްމާ ވެސް އެހެރަ އުޅެނީ. ހަމަ އެ ގޮތަށް ރިންދާއަށް ވެސް ..."

އެ ވަގުތު ފައިސަލަށް ފޯނެއްއައެވެ. ފޯނަށް ބަލައިލައިފައި ވަގުތުން ފޯނު ނެގިއެވެ.

"އާނ ކީކޭ ސިރާޖު؟" ފައިސަލް ބުންޏެވެ.

ވާހަކައިގެ މެދުތެރެއިން އެ ގޮތަށް ފޯނުނެގުމަކީ ރިންދާ ވަރަށް ފޫހިވާކަމެކެވެ. އެހެނަސް، މޫނުމަތިން އެ ފޫހިކަން ފާޅެއްނުކުރެއެވެ. ކައިރީގައިހުރި ކޮފީތަށި ގިރާލަގިރާލާ އިނީއެވެ. ކުދިކުދި ކަންތަކާ ފޫހިވާކަން ދައްކާކަށް ރިންދާ ބޭނުމެއް ނޫނެވެ. ދައްކަން ބޭނުންވަނީ ފައިސަލް ބަލަން ބޭނުންވާ ކަހަލަ ސިފަތަކެވެ. އަނެއްކޮޅުން، ކޮފީގެ ސަބަބުން ފައިސަލް މޭނުބައިކުރަން ފެށިއެވެ. އެ ވަރުން ވެސް، އެ ކަމަކަށް ފައިސަލް ސަމާލުކަމެއް ނުދެއެވެ. ރަނގަޅުވެދާނޭ ހީކޮށެވެ.

"ބިޒީ ގަޑިއެއްތަ؟" ސިރާޖު އެހިއެވެ.

"ނޫން! ބިޒީއެއް ނޫން! ކިޔާބަލަ!" ފައިސަލް އެދުނެވެ.

"ވާހަކައެއް އަޑުއިވިގެން މި ގުޅާލީ! އެއްވެސް ހެތްކެއް ނެތް! ބުނަންވީތަ؟" ސިރާޖު އެހިއެވެ.

"ތި ވަރަށް ސަސްޕެންސް ނުޖައްސާ ކިޔާބަލަ! އަހަރުމެންގެ ޑިޒައިން ކެޓީތަ؟" ފައިސަލް ސުވާލުކުރިއެވެ.

"ބިޒްނަސް ކަމެއް ނޫނޭ. ކަލޭގެ ޕާސަނަލް ކަމެއް!" ސިރާޖު ބުންޏެވެ. "އާމިރާ އެ ކޮޅުން ކޮންމެވެސް މީހަކާ ރައްޓެހިވެގެނޯ އުޅެނީ،" އެ އަޑު އިވިފައި ފައިސަލް މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. "ވަރަށް މުއްސަނދި މީހެކޯ! މިހާރު އެ މީހުން ވީ ސިންގަޕޫރުގަޔޯ! ދެ ދިމާއަކުން އެ ވާހަކަ އިވިއްޖެ މިހާރު. އެކަކު ބުނީ ފްރެންޑެކޭ! އަނެކަކު ބުނީ އިންނާށޭ އުޅެނީ."

"ޔަގީންތަ؟" ނުތަަނަވަސް ރާގެއްގައި ފައިސަލް އެހިއެވެ.

"ކުރިން ވެސް ބުނީމެއްނު އެއްވެސް ހެތްކެއް ނެތޭ! އެކަމަކު އަހަންނަށް ބެލިދާނެ. ބަލަންވީ؟" ސިރާޖު ބުންޏެވެ.

ފައިސަލް ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ ހުއްޓެވެ. އެހެނަސް ކުރިމަތީގައި ރިންދާ އިނުމުން، ވާހަކަތައް އޮއްބައިލީއެވެ.

"އުހުނ!" ފައިސަލަށް ފުރަތަމަ ބުނެވުނީ އެހެންނެވެ. "އާނ! ބަލާބަލަ! ބަލާފަ ގުޅައްޗޭ! އޯކޭ!"

ފައިސަލްގެ މޫނު، ފޮތެއްހެން ކިޔަންއިން ރިންދާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެހެނަސް، އެއްވެސް ސުވާލެއްކުރާނެ ފުރުސަތެއް ނުލިބުނެވެ. ފައިސަލްގެ ދެލޯ މެރުމާއެކު މޭޒު ތަންދޮށަށް ސޮހިގެން ވެއްޓުނެވެ.

ނުނިމޭ