ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް މިނިވަން ނުވާނެ ކަމަށް ބުނެ އިދިކޮޅުން ކޮމަންވެލްތަށް
ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް މިނިވަން ނުވާނެ ކަމަށް ބުނެ އިދިކޮޅުން ކޮމަންވެލްތަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ކޮމަންވެލްތާ ބައްދަލުކޮށްފި އެވެ.

އެ ބައްދަލުވުގައި ބައިވެރިވެ ވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާއި ޖުޑިޝަރީއަށް "ސަރުކާރުން ބާނަމުންދާ ގޮތް" ބައިނަލްއަގުވާމީ އެކި ފަރާތްތަކާ ހިއްސާ ކުރަމުން އަންނަ ކަމަށާއި ކޮމަންވެލްތުގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށެވެ.

ސައީދު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު ކޮމަންވެލްތުން އޮބްޒާވް ކުރާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓް ނުހިމެނޭ ގޮތަށް އިންތިހާބު ބާއްވަން ކުރާ މަސައްކަތް އެ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަށް [ޔާމީނަށް] އިންސާފު ނުލިބި ބާއްވާާ އިންތިހާބެއް މިނިވަނެއް ނުވާނެ. އެކަން ވަރަށް ބޮޑަށް ފާހަގަކޮށް ކުށްވެރި ވެސް ކުރަން. [ކޮމަންވެލްތުން ހަދާ] ޕްރީ އިލެކްޝަން އެސެސްމަންޓެއްގެ އެންމެ ފުރަތަމަ ސަފުހާގައި އޮންނަން ވާނެ އެކަން،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުންނެވެ.

ކޯލިޝަން ޕާޓްނަރުންނަށް ރަށްތަކާއި ފަޅުތައް ދެމުން އަންނަ ކަމަށާއި ކުންފުނިތަކުން ހާހުން ވަޒީފާތަކަށް މީހުން ނަގަމުން އަންނަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މިކަންކަން ހިނގާއިރު ހަރަދަށް ޒިންމާވުމުގެ ގާނޫނު ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި މި މައްސަލަތައް ކޮމަންވެލްތާ ހިއްސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިދިކޮޅު ލީޑަރަށް އިންސާފު ލިބުމަކީ ލައްކައެއްހާ މީހުންގެ ހައްގު. އިސްތިއުނާފް ލަސް ކުރަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލަން. ޖުޑިޝާރީގެ ޒިންމާއެއް އެއީ އެ މަނިކުފާނަށް ލިބެންވާ އިންސާފު ލިބުން،" ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ އިސްތިއުނާފާ ބެހޭ ގޮތުން ސައީދު ވިދާޅުވި އެވެ.

ޔާމީންގެ ދެ ޕާޓީން ކޮމަންވެލްތާ ބައްދަލު ކުރި އިިރު އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ވަނީ ކޮމަންވެލްތާ ރާއްޖެ އާ އޮތް ގުޅުން ކަނޑާލައިފަ އެވެ. އެ ގުޅުން އަލުން އިއާދަކޮށް ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނީ މި ސަރުކާރުގަ އެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ޔާމީންގެ މައްސަލަ އީޔޫ އާއި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ.