15 ޖުލައި 2023 - 17:30

ބޮޑު ބަދަލެއް ގެނެސް، ރާއްޖެއަށް ލިބޭ އާމްދަނީ ދެ ގުނަ އިތުރުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ކޮވިޑުގެ ސަބަބުން، އެތައް ބިލިއަން ރުފިޔާއެއް ނުލިބި ދިޔަ ކަމަށެވެ.
އެ ދަތިކަމުގެ ތެރޭގައި ވެސް ބެލީ، ރަށްރަށުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ މަހާ ހަމައަށް މި ރަށަށް އެކަނި ވެސް 284 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"...މުޅި ރާއްޖެއަށް މި ގެންނަނީ ބޮޑު ބަދަލެއް. އޭގެ ނަތީޖާއަކަށް ވާނީ އިގުތިސާދު ކުރިއަރައި އާމްދަނީ ދެ ގުނަވުން." މި ރަށުގެ ޔޫތު ސެންޓަރު ކައިރީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފުދުންތެރި އަދި މިއަށްވުރެ ރަނގަޅު ހިދުމަތްތަކެއް ކައިރިން ލިބޭކަން ކަށަވަރުކޮށްދެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުލީގައި ސަރުކާރުން ހަދާ އެއާޕޯޓް މި އަހަރު ނިންމައި، ނާލާފުއްޓާ ގުޅާލާ ކޯޒްވޭ ހަދަން ފަށާނެ ކަމަށެވެ. ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ޓެންޑަރިންނަށް ހުޅުވާލާފައިވާއިރު، އުމްރާނީ އެހެން މަސައްކަތްތައް ވެސް ނިމުމަކާ ގާތްވެފައިވާ ކަމަށް ވިދާޅުވި އެވެ.
މި ރަށުގެ ރައްޔިތުންނާ އެކު މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި ވަނީ ހޮސްޕިޓަލުގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރަން ހުށަހަޅައިފަ އެވެ. އެކަން ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ
އެ މަނިކުފާނު ވިދާޅުވީ ރާއްޖެ މިސްރާބު ޖަހާފައިވަނީ ޒަމާނީ ޑިމޮކްރަސީއަށް ކަމަށެވެ. މިއަދު އާދެވިފައިވާ ހިސާބުން ޒަމާނީ ޑިމޮކްރަސީގެ ސިފަތައް ފެންނަން ފަށާފައިވާ ކަމަށާއި މިއީ އެތައް ބައެއްގެ ގުރުބާނީއަކަށް ވާއިރު، މި މަސައްކަތައިގެން ދާނީ ކުރިއަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން ވިސްނަންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013-2018 އާ ދެމެދު އޮތް ހާލަތަށެވެ. ދިވެހިން އަލުން އެ ބިރުވެރިކަމަށް ދާނެތޯ ނުވަތަ މަޝްރޫއުތަކާއެކު ކުރިއަށްގެންދާނެތޯ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ގޮތް ނިންމާނީ ދިވެހިން ކަމަށް ވިދާޅުވެ، އިންތިހާބުގައި މި ރަށާއެކު މި އަތޮޅުން ބޮޑު މެޖޯރިޓީއެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.