15 ޖުލައި 2023 - 15:34

އާބާދީ ކުދި ރަށްތައް މިހާތަނަށް ތަރައްގީ ނުވީ، އެ އިރެއްގައި ހުންނަވާ ވެރިޔަކު ސިޔާސީ ވިސްނުން އިސްކުރުމުން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އާބާދީ އެންމެ ކުޑަ ރަށްރަށުގެ ތެރޭގައި ހިމެނޭ، މ. ނާލާފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކުރިން ބައްޓަންކޮށްފައި އޮތްގޮތުން، އަބާދީގައި 384 މީހުން ދިރިއުޅޭ މި ރަށަށް ތަރައްގީގެ މަޝްރޫއެއް އަރަނީ 15-20 އަހަރު ފަހުން ކަމަށެވެ.
އެ ސިޔާސަތުތައް ބަދަލުކުރީ މި ވެރިކަމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއި ކޯލިޝަންގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދޭންޖެހޭނީ ވަކި ރަށެއް ތަފާތުނުކޮށް. އެ ރައްޔިތަކު ހުރި ތަނެއްގައި އެ ރައްޔިތަކު ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެން މަސައްކަތްކުރަނީ އެ މަގުސަދުގައި." އެ މަނިކުފާނު ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިންގެ ދަތުރުފުޅުގައިމި ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ވެރިންނަށް އަބަދު ވެސް ފެންނަނީ ކުރިއަށް އޮތް ފަސް އަހަރު ބާއްވާ އިންތިހާބު ކަމަށެވެ. އެހެންވެ، މަޝްރޫއުތައް ގެންދިއުމުގައި އަބަދު ވެސް ބެލީ ގިނައިން ވޯޓު ލިބޭ ރަށްރަށަށްކަން ފާހަގަކުރެއްވި އެވެ.
މި ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް، ރައީސް ވިދާޅުވީ ބައެއް ކުންފުނިތަކުން ކުޑަކޮށް ފަހަތަށް ޖެހޭ ކަމަށެވެ. ނާލާފުއްޓަށް ވެސް ދިމާވެފައިވަނީ އެ ހާލަތެވެ. އެކަމަކު، އެ މައްސަލަ ހައްލުކޮށް ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ވޭތުވެދިޔަ ތަނުގައި މި ފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް އޮތީ އެ އިރެއްގައި ހުންނެވި ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރާތީ. އަބަދު ވެސް ފެންނަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބު. އެހެންވީމަ، އަމާޒު ހިފަނީ ވޯޓު ލިބޭ ތަންތަނަށް އެކަނި. ގިނައިން ވޯޓު ލިބޭ ތަންތަނަށް. މި ރަށުގައި އުޅޭ 384 މީހުންނަކީ ސިޔާސީ މީހުން ދެކޭ ގޮތުގައި މާ މުހިއްމު ބައެއް ނޫން، ވޯޓަކަށް ބަލާއިރު." ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ، ބޮޑެތި އާބާދީ ހުރި ތަންތަނަށް މި ފަދަ މަޝްރޫއުތައް ހިންގާތީ މި ފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް އޮތީ. ބޭނުންވަނީ އަބަދު ވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރަން. އަޅުގަނޑުމެން އެގޮތަކަށް ނޫން މި ވިސްނަނީ. ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް މި ފޯރުކޮށްދެނީ ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރުމަށްޓަކައި. ގޮތް ނިންމާނީ ތި ބޭފުޅުން."
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގަތީ 38 ޕަސެންޓެވެ. މެޖޯރިޓީ ނުލިބުނަސް އެއްވެސް ތަފާތެއް ނުކޮށް މި ރަށުގައި ވެސް މަޝްރޫއުތައް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވި އެވެ.
"ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގެ ނަތީޖާ ބަދަލުވެގެންދާތަން ފެނޭ. އެ ލިސްޓުގައި ނާލާފުށީގެ ނަން ހިމެނިގެންދާނެ."
ނާލާފުއްޓާއި މުލި ގުޅާލުމަކީ ރައީސްގެ ވައުދެކެވެ. އެ މަސައްކަތް ޕްލޭންކޮށްފައިވާ ކަމަށާއި މުލި އެއާޕޯޓު މި އަހަރު ނިމުމުން، ދެ ރަށް ގުޅާލަން ވެސް ފެށޭނެ ކަމަށް ވިދާޅުވި އެވެ.