ޕްރިމިއާ ލީގަށް ލޫޓަން ދަނޑު ތަރައްގީކޮށް ނިންމައެއް ނުލެވުނު
ޕްރިމިއާ ލީގަށް ލޫޓަން ދަނޑު ތަރައްގީކޮށް ނިންމައެއް ނުލެވުނު

ބެޑްފޯޝަޔާ (ޖުލައި 15) - އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުންގެ ސްޓޭޑިއަމް ލީގު ފެށުމުގެ ކުރިން ތަރައްގީކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން ނެތުމުން، އެޓީމު ލީގުގައި އަމިއްލަ ދަނޑުގައި ކުޅެން އޮތް ފުރަތަމަ މެޗު ފަސްކޮށްފި އެވެ.

ޕްރިމިއާ ލީގުން ފުރުސަތު ލިބުމާ އެކު ލޫޓަން ޓައުން އިން ވަނީ ލީގުގެ ސްޓޭންޑާޑަށް އެ ޓީމުގެ ސްޓޭޑިއަމް، "ކެނިލްވޯތު ރޯޑް" ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. ލީގު މެޗުތައް ކުޅެވޭ ފެންވަރަށް ދަނޑު ތަރައްގީކުރަން އެންމެ ފުރަތަމަ އެޓީމުން 13 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. އެ ދަނޑުގެ އެއް ފަޅި ތަރައްގީކުރަނީ މީޑިއާގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭ ގޮތަށެވެ.

އާދައިގެ ގޮތަކަށް ހަދައިފައިވާ އެ ޓީމުގެ ދަނޑަކީ 10،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ލޫޓަންގެ ދަނޑު ވެގެންދާނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ މަދުން ސަޕޯޓަރުން ވަދެވޭ ދަނޑަށެވެ. ލީގުގައި މިހާރު ކުޅޭ ޓީމުތަކަށް ބަލާއިރު އެންމެ މަދުން ސަޕޯޓަރުންނަށް ވަދެވޭ ދަނޑަކީ ބޯންމައުތުގެ ސްޓޭޑިއަމް އެވެ. އެ ސްޓޭޑިއަމްގެ ކެޕޭސިޓީ އަކީ 11379 އެވެ.

އަމިއްލަ ދަނޑުގައި ކުޅޭ ލީގު ފުރަތަމަ މެޗުގައި އޮގަސްޓް 19 ވަނަ ދުވަހު ލޫޓަން ކުޅެން އޮތީ ބާންލީއާ އެވެ. އެކަމަކު އެ ތާރީހުގެ ކުރިން ދަނޑުގެ މަސައްކަތް ނިންމާނުލެވޭނެތީ މެޗު ފަސްކުރަން ޕްރިމިއާ ލީގުން ނިންމީ އެވެ.

ލޫޓަން އިން ބުނީ ސަޕޯޓަރުންނަށް އެ މައުލޫމާތު ކުރިން އެނގެންޖެހޭ ކަމަށާއި، އެ ނިންމުމަކީ ހުރިހާ ގޮތަކުން ވިސްނާއިރު ރަނގަޅު ނިންމުމެއް ކަމަށެވެ.

މީގެކުރިން ލޫޓަން އިނގިރޭސި ލީގުގައި ކުޅުނީ 1992 ވަނަ އަހަރު އެވެ. ލޫޓަންގެ ސްޓޭޑިއަމް ހުޅުވީ 1905 ވަނަ އަހަރު އެވެ. ޕްރިމިއާ ލީގަށް އައުމުގެ ކުރިން ވެސް ސްޓޭޑިއަމް ތަރައްގީކޮށް 2026 ވަނަ އަހަރު ބޭނުންކުރަން އެ ކްލަބުން ޕްލޭންކުރި އެވެ. އެކަމަކު އެކަން އަވަސްކުރަން ޖެހުނީ ޕްރިމިއާ ލީގުން ފުރުސަތު ލިބުމުންނެވެ. ލޫޓަންގެ ދަނޑު 2005 ވަނަ އަހަރު ވެސް ވަނީ މަރާމާތު ކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި ލޫޓަން ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 12 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.