ތިން މަރަށް ފަހު، ޗައިނާ ޓޫރިސްޓުން މޫދަށް އެރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި
ތިން މަރަށް ފަހު، ޗައިނާ ޓޫރިސްޓުން މޫދަށް އެރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޗައިނާ ޓޫރިސްޓުންނަށް މޫދުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީ އެ މީހުން މޫދު ކުޅިވަރުގައި އުޅޭއިރު ސަމާލުވާން ޗައިނާ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ޗައިނާ އެމްބަސީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ފާއިތުވި މަސްތަކުގައި އެ ގައުމުގެ ޓޫރިސްޓުންނަށް މޫދުގައި އެކި ކަހަލަ ހާދިސާތައް ދިމާވެފައިވާއިރު މޫދަށް ގެނބުމުގެ ހާދިސާތަކުގައި މިފަހުން ތިން ޓޫރިސްޓަކު މަރުވި އެވެ.

އެކަމާ ގުޅިގެން ޗައިނާ އެމްބަސީން އެ ގައުމުގެ ޓޫރިސްޓުންނަށް އިލްތިމާސްގައި ވަނީ މޫދަށް އެރި އުޅުމުގައި މިޔަރު ދަތް އެޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށެވެ.

އެމްބަސީން ޓޫރިސްޓުންނަށް އިލްތިމާސްކޮށްފައި ވަނީ ފުން ހިސާބުތަކަށް މޫދަށް އެރުމުގެ ކުރިން އެ ސަރަހައްދަކީ މިޔަރު އުޅޭ ސަރަހައްދެއްތޯ ބެލުމަށާއި މޫސުމަށް ސަމާލުވުމަށެވެ. އަދި މުދަލަށް އަމިއްލައަށް ރައްކާތެރިވުމާއި ރާއްޖެއަށް އެކަނި ދަތުރުނުކުރުމާއި ވަކިން ހާއްސަކޮށް ބަލިވެ އުޅޭ ނަމަ، ދަތުރުނުކުރަން އެމްބަސީން ބާރު އަޅަ އެވެ.

އެމްބަސީން މިގޮތަށް އިލްތިމާސްކުރި އަނެއް ސަބަބަކީ ރާއްޖެއަކީ ސިއްހީ ހިދުމަތުގެ ގާބިލުކަން ކުޑަ ގައުމެއް ކަމަށްވާތީ ކަމަށްވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާ ޓޫރިސްޓުން ދަތުރުކުރުން މެދުކަނޑާލުމަށް ފަހު ރާއްޖެއަށް ދަތުރުކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގަ އެެވެ.