މިއަދު ބާއްވާނެކަމަށް ވިދާޅުވި ބައްސާމްގެ ޕްރެސް ކޮންފަރެންސް ފަސްކޮށްފި
މިއަދު ބާއްވާނެކަމަށް ވިދާޅުވި ބައްސާމްގެ ޕްރެސް ކޮންފަރެންސް ފަސްކޮށްފި

މިއަދު މީޑިއާ އާ ބައްދަލު ކުރައްވާނެ ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ މަހު އިއުލާން ކުރި ނަމަވެސް، ޕްރެސް ކޮންފަރެންސް ފަސްކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ބަލިވުމުން، ކުރިމަތިވި ޕްރެޝަރާ އެކު މިދިޔަ މަހުގެ 27 ގައި ބައްސާމް ވިދާޅުވީ ޖުލައި 15 ގައި ނޫސް ކޮންފަރެންސެއް ބާއްވައި މީޑިއާގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނާ ޖުލައި 15 ވަނަ ދުވަހު ޕްރެސް ކޮންފަރެންސެއްގައި ބައްދަލުކޮށް ތިޔަ ބޭފުޅުންގެ ހުރިހާ ސުވާލުތަކަކަށް ޖަވާބު އަރުވާނަން،" ހައްޖުގެ އަޅުކަން އަދާކުރައްވަން މައްކާގައި ހުންނަވައި މިދިޔަ މަހު 27 ގައި އެފްއޭއެމްގެ މީޑިއާ ގުރޫޕަށް ބައްސާމް ފޮނުއްވެވި މެސެޖްގައި ވިދާޅުވެފައި ވެއެވެ.

އިއްޔެ އިރު އޮއްސުނު އިރު ވެސް، ޕްރެސް ކޮންފަރެންސް ބާއްވާނެ ވަގުތާއި ތަނެއް ވެސް އަންގާފައި ނުވުމުން، މީޑިއާގައި ގުރޫޕްގައި ނޫސްވެރިން ވަނީ ތަކުރާރުކޮށް ޕްރެސް ކޮންފަރެންސާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.

އެކަމަކު އެ ސުވާލަށް އެއް ވެސް ޖަވާބެއް ރޭގެ 7:30 އާ ހަމައަށް ވެސް ބައްސާމް ވެސް އަދި އެފްއޭއެމްގެ އެހެން ވެރިޔަކު ވެސް ދެއްވާފައެއް ނުވެ އެވެ. އޭގެ ފަހުން ބައްސާމް ވަނީ ޕްރެސް ކޮންފަރެންސް އަންގާރަ ދުވަހަށް ފަސް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އަންގާރަ ދުވަހު މެންދުރު ފަހު 2 ޖަހާއިރު ޕްރެސް ކޮންފަރެންސް ބާއްވާނެ ކަމަށެވެ. ނަމަވެސް ބާއްވާނެ ތަނެއް ވިދާޅުވެފައެއް ނެތެވެ. އެފްއޭއެމްގެ ޕްރެސް ކޮންފަރެންސް އާންމުކޮށް ބާއްވަނީ ގަލޮޅު ދަނޑުގެ ސެމިނާ ރޫމްގަ އެވެ.

މާލީ ސަބަބުތަކާ ހެދި އެފްއޭއެމް އަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފަ އެވެ. މިދިުޔަ ހަފުތާގައި އެ އިދާރާގެ ގިނަ މުވައްޒަފުން މަސައްކަތަކަށް ނުކުމެ އެވެ. އިދާރީ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރުވަރަކަށް މަސް ވެއްޖެ އެވެ.

ގައުމީ ޓީމުގެ ބައެއް ކޯޗުިން ސްޓާފުންނަށް މުސާރަ ނުދޭތާ އަށެއްކަ މަސް ވެއްޖެ އެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި

ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް ޓީމާ އެކު ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިއެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ގައުމީ ޓީމާ އެކު އޭނާ ނުދިޔައީ މުސާރަ ނުދޭތާ ނުވަ ވަރަކަށް މަސް ފާއިތުވުމުންނެވެ. އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކާކަށް އަސްލަމް ބޭނުމެއް ނުވެ އެވެ.

މުސާރައިގެ އިތުރުން ރޯދަ އިނާޔަތާއި ޕެންޝަން ފައިސާ، ދިނުމުގައި ވެސް އެފްއޭއެމުން ފަރުވާކުޑަ ކުރާ މައްސަލަ މީގެ ކުރިން ވެސް ފެންމަތި ވެފައި ވެއެވެ. މިދިޔަ ދެ އަހަރުގެ ރޯދަ މަހު ވެސް މުވައްޒަފުންނަށް ރޯދައިގެ އިނާޔަތް ދިނީ ގާނޫނުގައި ދޭން ކަނޑައަޅައިފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ.

މި އަހަަރަށް އެފްއޭއެމުން ވަނީ 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ބަޖެޓް ފާސްކުރަން ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަމުން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ ގުދަންތައް ކުއްޔަށް ދީގެން، ބަޖެޓްގެ ބޮޑު ބައެއް ކަވަރު ކުރެވޭނެ ކަމަށެވެ.
އެކަމަކު ފައިސާގެ މައްސަލަތަކާ ހުރެ އެފްއޭއެމް އޮތީ އަނދަވަޅަކަށް ވެއްޓިފަ އެވެ. ކްލަބްތަކަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާއެއް ނުދެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މެދުވެރިވެގެން، އޮކްޓޯބަރު 2021 ގައި ގައުމީ ޓީމު ކުޅުންތެރިންނަށް ހޯދައިދިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެފްއޭއެމްއާ ހަވާލު ކުރުމުން، އެ ފައިސާ އަދި ވެސް ކުޅުންތެރިންނަށް ދީ ހަލާސްކޮށްފައެއް ނުވެ އެވެ.