14 ޖުލައި 2023 - 17:59

އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރަޖްނީކާންތު ރާއްޖެ އައީ މިއަދު މެންދުރު ފަހު ސްރީލަންކަން އެއާލައިންގެ ފްލައިޓަކުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓްގެ ކުރިމަތީގައި ހުރެގެން ނަގާފައިވާ އޭނާގެ ފޮޓޯއެއް ސްރީލަންކަން އެއާލައިންގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ ހިއްސާކޮށްފަ އެވެ.
އޭނާ ރާއްޖެ އައީ ކީއްކުރަން ކަމެއް އަދި ނޭނގެ އެވެ. ބެލެވޭ ގޮތުގައި އޭނާ އައީ ޗުއްޓީ އަށެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު ރަޖްނީކާންތު އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަރިއެކެވެ. އޭނާގެ އެކްޝަން ފިލްމުތަކަކީ ހަމަ "މަރެކެވެ".
ރަޖްނީކާންތު މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ދަރިފުޅު، އައިޝްވާރިޔާ ރަޖްނީކާންތު ޑައިރެކްޓުކުރާ ފިލްމެއް ކަމަށްވާ "ލާލް ސަލާމް"ގަ އެވެ. އައިޝްވާރިޔާ ފިލްމެއް މި ޑައިރެކްޓުކުރަނީ ވެސް ދިހަވަރަކަށް އަހަރު ފަހުންނެވެ.
އެ ފިލްމުގެ ޝޫޓިން ނިމުނީ މިދިޔަ ބުދަ ދުވަހު އެވެ. އެހެންވެ، ބެލެވޭ ގޮތުގައި، ރަޖްނީކާންތު ރާއްޖެ މި އައީ އެ ފިލްމުގެ މަސައްކަތަށް ފަހު އަރާމުކޮށްލުމަށެވެ. އޭނާއާ އެކު، އާއިލާގެ އިތުރު ބަޔަކު ރާއްޖެ އައި ކަމެއް ވެސް އަދި ނޭނގެ އެވެ.