15 ޖުލައި 2023 - 07:15

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދިތުޔަ ޗޯޕްރާގެ ޕްރޮޑަކްޝަން ހައުސް، ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެއްގެ ލީޑު ރޯލަށް އާލިއާ ބަޓް ނަގައިފި އެވެ.
މިއީ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެއްގައި އަންހެނަކު ލީޑު ރޯލު ކުޅޭނެ ފުރަތަމަ ފަހަރެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެ ފިލްމުގެ ނަން އަދި ހާމައެއް ނުކުރެ އެވެ.
ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ އެންމެފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން، ޝާހްރުކް ހާން ލީޑު ރޯލު ކުޅުނު "ޕަތާން" އެވެ. އެ ޔުނިވާސްގައި ދެން ހިމެނޭ ފިލްމުތަކަކީ ސަލްމާން ހާންގެ "ޓައިގާ" އާއި ރިތިކް ރޯޝަންގެ "ވޯ" އެވެ. އެ ޔުނިވާސްގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3" އާއި "ވޯ 2" ހިމެނެ އެވެ.
އާލިއާ މީގެ ކުރިން ވެސް ސްޕައި ފިލްމެއް ކުޅުނެވެ. އެއީ 2018 ގައި ގެނެސްދިން "ރާޒީ"ގަ އެވެ.
އާލިއާ މިހާރު ރެޑީވަމުން އަންނަނީ މި މަހު 27 ގައި ރިލީޒްކުރާ އޭނާގެ ބޮލީވުޑް ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އާއި އަންނަ މަހު 11 ގައި ރިލީޒްކުރާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އަށެވެ.