14 ޖުލައި 2023 - 14:00

ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅުންތެރިން ނުގެނެވޭގޮތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެ ކްލަބަށް އަދަބުދީފި އެވެ.

އަލް ނަސްރަށް އަދަބުދިނީ އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އިން 2018 ވަނަ އަހަރު އަހުމަދު މޫސާ ވިއްކާލިއިރު ދައްކަންޖެހޭ ފައިސާގެ ބާކީ އަދަދެއް އޮތުމުންނެވެ.
ނައިޖީރިއާގެ ވިންގާ، ލެސްޓާ ދޫކޮށް ދާއިމީ އެއްބަސްވުމެއްގައި އަލް ނަސްރަށް ބަދަލުވީ 2018 ވަނަ އަހަރު އޮގަސްޓް މަހު އެވެ. ލެސްޓާ އަށް އަލް ނަސްރުން ނުދައްކާ އޮތީ ފަސް ލައްކަ ޑޮލަރެވެ. ފީފާ އިން އަލް ނަސްރަށް އަދަބުދިނީ އެ ފައިސާ ހޯދުމަށް ލެސްޓާ އިން ހުށަހެޅުމުންނެވެ.
ދެ ސީޒަނަށް ފަހު އަލް ނަސްރު ދޫކޮށްލި 30 އަހަރުގެ މޫސާ މިހާރު ކުޅެމުން އަންނަނީ ތުރުކީ ލީގުގަ އެވެ.
އަލް ނަސްރު ދުނިޔޭގެ ސަމާލުކަން ހޯދީ މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމުންނެވެ. ރޮނާލްޑޯގެ ފަހަތުން އެ ގައުމުގެ ލީގަށް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ބަދަލުވަމުންނެވެ.
ފީފާ އިން ބުނީ އަލް ނަސްރުން އެ ފައިސާ ދެއްކުމާ އެކު ކުޅުންތެރިން ގެންނަން ކުރި ސަސްޕެންޝަން އުވާލާނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ ދެ ވަނަ ހޯދި އަލް ނަސްރު ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޮވިޗް ގެނެސްފަ އެވެ. އަދި، ޗެލްސީގެ ހަކީމް ޒިޔެކް ގެންނަން ވެސް އެޓީމުން ޝައުގުވެރިވެ އެވެ.