01 ފެބުރުއަރީ 2017 - 06:10

އަހުމަދު ޝާކިރޭ ބުނެފި ނަމަ މިއީ ކާކުކަން ފަހަރުގައި ނޭނގި ދާނެ އެވެ. މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" އިން ބެލުންތެރިން ހެއްވާލި އެކްޓަރެެވެ.

އެއްވެސް ޑައިލޮގެއް ނެތް، އެކަމަކު އެކްސްޕްރެޝަންތަކުން ބެލުންތެރިން ހެއްވާލި ޝާއްކޮއަކީ އެ ފިލްމުން ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އެކްޓަރެކެވެ.

"ވާށޭ މަށާއެކީ" ގައި އޭނާ މުޅިން ވެސް ފެނިގެން ދިޔައީ ތޯބެގެ ކެރެކްޓާ ކުޅުނު މުހައްމަދު ފައިސަލްގެ ފަރާތުން ތަފާތު އަނިޔާތައް ލިބި، ބެލުންތެރިންނަށް ހެއްވައިލުމާ އެކު، ހަމްދަރުދީ ވެސް ހޯދި މަޖާ ރޯލަކުންނެވެ.
"ވާށޭ މަށާއެކީ" އަށް ފަހު، ޝާއްކޮ އައްމަޑޭގެ ދެވަނަ ފިލްމެއް ވެސް މިހާރު އޮތީ ސްކްރީނަށް އަންނަން ތައްޔާރުވެފަ އެވެ. އެއީ އަންނަ މާޗް ދޭއްގައި ރިލީޒް ކުރާ "މަލިކާ" އެވެ.
"މިއީ އަނެއްކާ ވެސް މުޅިން ތަފާތު ރޯލެއް. ކުރިން ކުޅުނީ ކޮމެޑީ ރޯލަކަށް ވިޔަސް، މި ފަހަރު ވަރަށް ސީރިއަސް ރޯލަކުން ފެނިގެން ދާނީ،" އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ޝާއްކޮ އައްމަޑޭ ބުންޏެވެ. "ވަރަށް ހިތްހަމަޖެހޭ މީގައި ކުޅުނު އިން ރޯލާ ދޭތެރޭ. ވަރަށް މަސައްކަތްކޮށްފައި ހުންނާނެ."
އޭނާ ބުނި ގޮތުގައި ސެމީ އާއި އޭނާގެ ޓީމާ އެކު މަސައްކަތްކޮށްލަން ފުރުސަތެއް ލިބުނީ އެކަމަށް އިންތިޒާރު ކުރަމުން ދަނިކޮށެވެ.
"ސެމީއަކީ އަބަދު ވެސް ވަރަށް ކަމުދާ ޑައިރެކްޓަރެއް. އަނެއްކޮޅުން މަލިކާގެ ޓީމަށް ބަލާއިރު މޫމިން ފުއާދާއި ކޮޕީ އިއްސެ އަދި އަޖްނާޒްމެން ކަހަލަ މީސްމީހުން މީގެ ޓެނިކަލް ޓީމުގައި ހިމެނުމަކީ ވަރަށް ސަޅި ތަޖުރިބާއެކޭ ބުނާނީ،" ޝާއްކޮ އައްމަޑޭ ބުންޏެވެ. "ވަރަށް ގިނަ އެއްޗެހި ދަސްވި ފިލްމެއް މިއީ އެ މީހުންގެ ފަރާތުން."
އޭނާ ބުނީ އެކްޓް ކުރުމަކީ ކުރިން އެއްގޮތަކަށް ވެސް ކުރަން ވިސްނައިގެން ހުރި ކަމެއް ނޫން ކަމަށެވެ. އެކަމަކު 2010 ވަނަ އަހަރުން ފެށިގެން ޝާއްކޮ އަންނަނީ ޑާކް ރެއިނާ އެކު ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރަމުންނެވެ.
އެކްޓް ކުރަން ހިތު އަޅައިގެން ނެތަސް، އެކަމަށް ޝައުގުވެރި ކަމެއް އޮތެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ޝާއްކޮގެ ބައްޕަ އަލީ ޝާކިރަކީ ކުރީގެ މަޝްހޫރު އެކްޓަރެކެވެ.
އަނެއްކޮޅުން ފިލްމީ ދާއިރާގައި މިހާރު ތިބި ތަޖުރިބާކާރު ބަތަލާއިންގެ ތެރެއިން މަރިޔަމް ޝަކީލާއަކީ ޝާއްކޮގެ ބޮޑުދައިތައެކެވެ. އެހެންވެ އެކްޓް ކުރުމުގެ ހުނަރު ޝާއްކޮ އަށް ވާރުތަކުރުމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
ކަންދިމާ ކުރި ގޮތުން "މަލިކާ" ގައި އޭނާ ކުޅެނީ ޝަކީލާގެ ދަރިއެއްގެ ރޯލެވެ.
"ޝަކީއްތައާ އެކީގަ މަލިކާގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުނީމަ ވަރަށް އުފާވި. އަސްލު އެކްޓް ކުރުމަކީ ވާރުތަ ކުރި ކަމަކަށް ވުރެ ބޮޑަށް، އިންޓްރަސްޓް ހުރެގެން ފެށުނު ކަމެކޭ ބުނާ ހިތްވަނީ." އޭނާ ބުންޏެވެ. "މީގެ ތެރެއަށް އަސްލު ވައްދާލި ބަޔަކީ ޑާކް ރެއިންގެ މޮގާ އާއި ޗިއްޕެ."
އޭނާ ބުނަނީ މިއީ މުސްތަގުބަލް އޮތް ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމަށެވެ.
"މަލިކާ" ގެ އިތުރުން ޑާކް ރެއިނުން އަންނަ އެޕްރީލް ފަހެއްގައި ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އިން ވެސް ޝާއްކޮ ފެނިގެން ދާނެ އެވެ.
"މިއީ އަނެއްކާ ހަމަ އެހާ މަޖާ ރޯލަކުން ފެނިގެން ދާނެ ފިލްމެއް. އެކަމަކު ވާށޭ މަށާއެކީން ފެނުނު ރޯލާ މި ފަހަރުގެ ރޯލާ ވަރަށް ތަފާތު ވާނެ. މި ފަހަރު ވާހަކަ ވެސް ދައްކާނެ،" އޭނާ ބުންޏެވެ. "އެއީ އެންމެ ބޮޑު އެއް ތަފާތަށް ވާނެ."
ޝާއްކޮ އައްމަޑޭ މިހާރު ހުރީ މި ދާއިރާ އިން ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ. އެ ޖޯޝް މިހާރު ވަރަށް ގަދަ އެވެ.
"އަހުމަދު ޝިނާން [4426 ގެ އެއް ޑައިރެކްޓަރު] ގެ ދެ ޕްރޮޖެކްޓަކުން ވެސް އެބަ އޮތް ފުރުސަތު ލިބިފައި. އެކަމާ ވަރަށް އުފާވެފައި މި ހުންނަނީ. އޭނައަކީ އެކުގައި މަސައްކަތްކޮށްލަން އެންމެ ބޭނުންވި އެއް ޑައިރެކްޓަރު،" ސެމީ އާއި ޗިއްޕެ އަށް ހާއްސަ ޝުކުރެއް އޮތްކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.