13 ޖުލައި 2023 - 22:26

ވޭތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދިނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކ. މާފުށީގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ވިދާޅުވީ، ކުދި، ބޮޑު ހުރިހާ ރަށެއްގައި ވެސް މުހިއްމު ގިނަ ޕްރޮޖެކްޓްތަކެއް ހިންގިފައިވާ ކަމަށެވެ. އަދި މި ދައުރު ނިމޭ އިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނައި ނަރުދަމާގެ ހިދުމަތް ގާއިމް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމާ ހަވާލުވި އިރު ގައުމު އޮތީ، ވަރަށް ބޮޑު ހަލަބޮލިކަމެއްގައި ކަމަށާއި އެ ހަލަބޮލިކަން ނައްތާލާއި އަމާންކަމާއި ހަމަޖެހުން ރައްޔިތުންނަށް ގެނެސްދީފައިވާ ކަމަށެވެ.
"މިރަށުގެ [މާފުށި] ގެސްޓްހައުސްތައް ހިންގެނީ ވެސް ރާއްޖޭގައި އޮތް ހަމަޖެހުމުގެ ސަބަބުން. އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ހަލަބޮލިކަން ނައްތާލުން. ހަމަޖެހުން ގެނެސް އަމާންކަން ގެނައުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި ދައުރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކޮވިޑްގެ ބަލިމަޑުކަން ކަމަށެވެ. އެހެން ނަމަވެސް އެތައް ބައެއްގެ ފަންނީ ލަފާއާއި އިރުޝާދާ އެކު އެކަމުން އަރައިގަނެވިފައިވާ ކަމަށެވެ.
"ވެރިކަމަށް އައީ ވައުދުތައް ވެގެން. އެ ވައުދުތައް ފުއްދަމުން އަންނަ އިރު ދަތިތައް ވެސް އެބަ ހުރި. ރާއްޖޭގެ އެކި ރަށްރަށުގައި ވެފައިވާ ވައުދުތަކުގައި 90 ޕަސެންޓު މަސައްކަތް ވަނީ ފެށިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.