13 ޖުލައި 2023 - 11:19

މާލޭގެ ރައްޔިތުންނަށް އެތައް އަހަރެއް ފަހުން ގޯތި ދޭން ހުޅުވާލައި ޝަރުތު ހަމަވާ ލިސްޓް އާއްމުކުރުމުން އެއާ އެއްގޮތަށް ގޯތި މި ސަރުކާރުން ދީފާނެކަމާ މެދު ބަޔަކު ސުވާލު އުފެއްދިޔަސް މާލޭ ރައްޔިތުންގެ ހިތުގައި ގޯތި ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ދައުރެއްގެ ކެމްޕޭންގައި، ގަލޮޅު ދެކުނު ދާއިރާގެ ގެތަކަށް ވަޑައިގަތުމަށް ފަހު ރައީސް މީޑިއާތަކަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށެވެ. މި ސަރުކާރަށް 2018ގައި އެކަން ހުށަހެޅުމުން ރައްޔިތުން އެދުނު ގޮތަށް ގޯއްޗާއި ފްލެޓް ދިނުމުގެ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކަން ހާސިލްވާނެ ކަމަށް ރައްޔިތުންގެ އުއްމީދު ބޮޑު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތުން ޝައްކުތަކެއް އުފެދުނެވެ.
"އެ ޝައްކު އޮންނަނީ ކުރިން ކަންތައްތައް ވެފައި އޮތް ގޮތުން. އަޅުގަނޑު އެ ބޭފުޅުންނަށް ޔަގީންކޮށް ދެންނެވިން ލިސްޓުގައި ލިބޭނެ ކަމަށް ތިއޮތް ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑު މައްސަލައެއް އޭގައި ނެތް ކަމަށް ވަންޏާ އެކަން ކުރާނަމޭ،" ރައީސް ވިދާޅުވި އެވެ.
ޖޮއިންޓްވާން ހުޅުވާލީ ވެސް، ރައީސް ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށެވެ. އެކަން ކުރާނެ ގޮތުގެ މައުލޫމާތު ތަފްސީލްކޮށް މީޑިއާ މެދުވެރިކޮށް ހާމަކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކަންކަން ނިންމަވަނީ ވީހާވެސް ގިނަ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. މާލޭގެ ދާއިރާތަކުގައި މިހާރު ކުރިއަށް ގެންދަވާ ހަރަކާތަކީ ވެސް ދެން އަންނަ ދައުރަށް ރައްޔިތުން އެދޭ ކަންކަން ބެލުން ކަމަށް ވިދާޅުވި އެވެ.
"އެންމެ ބޮޑަށް އޭރު ވެސް ބޭނުންވި ކަމަކީ ބޯހިޔާވަހިކަން އެކަން ތަންފީޒު މިކުރަނީ. އޭގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހައްލެއް ލިބޭނެ ކަަމުގެ އުއްމީދުގެ އެ ބޭފުޅުންނަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި ސަރުކާރަށް ގަލޮޅު ދެކުނު ދާއިރާގެ ތާއިދު އޮތް މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން [މި ސަރުކާރުގައި] ކޮށްފައި ހުރި ކަންތައްތައް ކިޔައިދޭން ޖެހޭނެ. އެހެން ބަޔަކު އެ އޮޅުވާލައިގެން އެބަ ވާހަކަ ދައްކާ."
ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރި ދަތި ހާލަތާއި މިހާތަނަށް ކޮށްދެވިފައި ހުރި ކަންކަން ކިޔައިދެވުމުން، މިހާރަށް ވުރެން ވެސް ބޮޑު ތާއީދެއް ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަމެއް އެބައޮތް ކަމަށެވެ.
ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް ވެސް ބުނެފައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.
ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ފްލެޓް ލިސްޓު ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.