"ހައުސްފުލް 3" ކާމިޔާބު، "ހައުސްފުލް 4" ވަރަށް އަވަހަށް ފަށަނީ
"ހައުސްފުލް 3" ކާމިޔާބު، "ހައުސްފުލް 4" ވަރަށް އަވަހަށް ފަށަނީ

އަކްޝޭ ކުމާރުގެ "ހައުސްފުލް 3" އަކީ މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ހަފުތާ ބަންދުގައި އެންމެ ރަނގަޅު ވިޔަފާރިއެއް ވީ ފިލްމުގެ ރެކޯޑް މިހާރު އޮތް ފިލްމެވެ. ކުރިން މި ރެކޯޑް އޮތީ ޝާހްރުކް ޚާންގެ "ފޭން" އަށެވެ. މި ފިލްމަކީ މިއަހަރު އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑު ލިބޭ ފިލްމަށް ވެސް ވެދާނެ އެވެ.

މި މަހުގެ 3 ގައި ރިލީޒްކުރި މި ފިލްމަށް ހަ ދުވަހުގެ ތެރޭގައި 748 މިލިއަން ރުޕީޒް ލިބިފައިވެ އެވެ. އަދި ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި 100 ކްރޯޑު ހޯދާ ފިލްމުތަކުގެ ކްލަބަށް މި ފިލްމު ވަންނާނެ އެވެ.

އަކްޝޭގެ އިތުރުން އަބީޝެކް ބައްޗަން، ރިތޭޝް ދޭޝްމުކް، ޖެކްލީން ފެނާންޑިސް، ލީސާ ހޭޑްން، ނަރްގިސް ފަޚްރީ އަދި ޖެކީ ޝްރޮފް ފަދަ ގިނަ ތަރިންތަކެއް ހިމަނައިގެން އުފައްދާފައިވާ މި ފިލްމަކީ ކުރިން އުފެއްދި "ހައުސްފުލް"ގެ ފިލްމުތަކަށް ވުރެ ހަމަ ގައިމުވެސް މާ ކާމިޔާބު ފިލްމެއްކަން މިހާރުވަނީ ޔަގީން ވެފަ އެވެ.

ފިލްމަށް ކްރިޓިކްސް ކިތަންމެ ފާޑުކިޔާފައި ވިޔަސް މައްސަލައެއް ނެތެވެ. ފިލްމު ބަލާމީހުން ސިނަމާތަކަށް ވަނުން މަދެއް ނުވެ އެވެ. އެހެންކަމުން ފިލްމުގެ ޕްރޮޑިސަރުން ތިބީ ހެވިފަ އެވެ.

"ހައުސްފުލް 3"ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޕާޓީގައި އަކްޝޭ ވަނީ މިހިސާބުން މި ސިލްސިލާގެ ފިލްމުތައް އުފެއްދުން ނިމުނީ ނޫންކަން ޔަގީން ކޮށްދީފަ އެވެ. އަދި ކުރިން ވެސް ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވާ ގޮތަށް މި ނަމުގައި ހަތަރު ވަނަ ފިލްމެއް ވެސް ވަރަށް އަވަހަށް އުފައްދަން ނިންމާފައިވާކަން އެ ޕާޓީގައި އަކްޝޭ ވަނީ އިއުލާން ކޮށްފަ އެވެ.

"ހައުސްފުލް"ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރީ ސާޖިދު ޚާން އެވެ. ނަމަވެސް ތިން ވަނަ ފިލްމު ޑައިރެކްޓްކުރީ ސާޖިދު-ފަރްހާދު އެވެ.