ބްރެޒިލްގެ އުއްމީދީ ތަރި ރޮކޫ ބާސެލޯނާ އަށް
ބްރެޒިލްގެ އުއްމީދީ ތަރި ރޮކޫ ބާސެލޯނާ އަށް

ބާސެލޯނާ (ޖުލައި 13) - ބްރެޒިލްގެ އުއްމީދީ ކުޅުންތެރިޔާ ވިޓޯ ރޮކޫ ބާސެލޯނާ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

ރޮކޫ، 18، ގެންނަން 33 މިލިއަން ޑޮލަރު ބާސެލޯނާ އިން ދައްކާނެ އެވެ. އަދި، އިތުރު ފީތަކާ އެކު 34 މިލިއަން ޑޮލަރު ބާސެލޯނާ އިން ދައްކަން ޖެހޭނެ އެވެ. އެހެންވެ ރޮކޫ އަށް ބާސެލޯނާ އިން ދައްކާ ޖުމްލަ ފީ އަކީ ގާތްގަނޑަކަށް 67 މިލިއަން ޑޮލަރެވެ. ރޮކޫގެ ރިލީޒް ކްލޯޒްގެ ގޮތުގައި މިހާރު ވަނީ 556 މިލިއަން ކަނޑައަޅައިފަ އެވެ.

ބާސެލޯނާއާ ރޮކޫ ގުޅޭނީ ކުރިއަށް އޮތް ސީޒަން ނިމުމުންނެވެ. ރޮކޫ އަށް ބާސެލޯނާ އިން ހުށަހެޅީ ހަތް އަހަރުގެ އެއްބަސްވުމެކެވެ. އެއްބަސްވުން ހަމަވާނީ 2030/2031 ސީޒަނަށް ފަހު އެވެ.

"ބާސެލޯނާ އަށް ބަދަލުވެވުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއީ ހުވަފެން ހަގީގަތަކަށް ވުން" ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފޯވާޑް ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ބުންޏެވެ.

ރޮކޫ މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ އެތުލެޓިކް ޕެރަނައެންސް އަށެވެ. އެޓީމަށް ކުޅުނު 66 މެޗުގައި 22 ގޯލު ރޮކޫ ވަނީ ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ޕެރަނައެންސް ކޮޕާ ލިބަޓެޑޯރެސް ފައިނަލަށް ކުރި ދަތުރުގައި ރޮކޫ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިއަހަރު ކުރީކޮޅު އޮތް ދެކުނު އެމެރިކާގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ރޮކޫ ހޯދި އެވެ. އެ މުބާރާތް 12 ވަނަ ފަހަރަށް ބްރެޒިލް ކާމިޔާބު ކުރިއިރު ރޮކޫ ހަ ގޯލު ޖެހި އެވެ.

ޒުވާން އުމުރުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު މިދިޔަ މާޗް މަހު ރޮކޫ އަށް ބްރެޒިލްގެ ސީނިއާ ފުޓްބޯޅަ ޓީމުން ވެސް ފުރުސަތު ލިބުނެވެ. ރޮކޫ އަކީ ބްރެޒިލްގެ ސީނިއާ ޓީމުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ޔޫރަޕްގެ އެހެން ޓްރާންސްފާތަކަށް ބަލާއިރު، އިނގިރޭސި ކްލަބް އެސްޓަން ވިލާ އިން ވަނީ ސްޕެއިންގެ ޑިފެންޑަރު ޕައު ޓޮރޭޒް 41 މިލިއަން ޑޮލަރަށް ގެނެސްފަ އެވެ.

ބޮޑު ހަރަދު ކުރަމުން އަންނަ ސައުދީގެ ކްލަބް އަލް ހިލާލް އިން ފުލަމްގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވޮޗް ހޯދަން ކުރި ބިޑަށް ވަނީ ނޫނެކޭ ބުނެފަ އެވެ. ސާބިއާގެ ފޯވާޑަށް ހިލާލް އިން ހުށަހެޅީ 32 މިލިއަން ޑޮލަރެވެ.

މިޓްރޮވިޗްގެ ސޮއި ނުހޯދުނަސް ހިލާލުން ވަނީ ލާޒިއޯ އަށް ކުޅުނު މިޑްފީލްޑަރު ސާގެއީ މިލިންކޮވިޗް-ސަވިޗް 44 މިލިއަން ޕައުންޑަށް، އެ ޓީމަށް ގެންގޮސްފަ އެވެ.