13 ޖުލައި 2023 - 09:11

އޮސްލޯ، ނޯވޭ (ޖުލައި 13) - މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު މިޑްފީލްޑަރު މޭސަން މައުންޓުގެ ކުޅުމުގެ ސްޓައިލުން ޔުނައިޓެޑަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ޗެލްސީ ދޫކޮށް ފަސް އަހަރުގެ އެއްބަސްވުމެއްގައި މައުންޓް، 24، ޔުނައިޓެޑަށް ބަދަލުވީ 71 މިލިއަން ޑޮލަރަށެވެ.
ޔުނައިޓެޑްގެ ޕްރީ ސީޒަން ފުރަތަމަ މެޗުގައި ރޭ ވަނީ ނޯވޭގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެފަ އެވެ. ފުރަތަމަ ފަހަރަށް މައުންޓް ޔުނައިޓެޑަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 0-2 އިންނެވެ.
މައުންޓް ކުޅުނީ ފުރަތަމަ ހާފެވެ. އެ ހާފުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.
"މިޑްފީލްޑުގައި ހުރެގެން އެޓޭކަށް ދާއިރު މައުންޓު ހުރުމުން ފަސޭހަވާނެ. މައުންޓަކީ އެކި މަގާމުތަކަށް ކުޅޭނެ ހުނަރު ހުރި ކުޅުންތެރިއެއް. މިޑްފީލްޑަށް ކުޅޭއިރު އެޓޭކް ކުރުމާ އެކު ޑިފެންސް ކުރުމުގައި މައުންޓުގެ ބޭނުންކުރެވޭ. އެއީ މިދިޔަ ސީޒަނަށް ފަހު ޔުނައިޓެޑަށް ބޭނުންވި ކަމެއް" މައުންޓުގެ ފުރަތަމަ މެޗަށް ދިން ކޮމެންޓުގައި ޓެން ހަގް ބުންޏެވެ.
ޓެން ހަގް ބުނީ މައުންޓުގެ ކޮލިޓީއާ އެކު ޔުނައިޓެޑަށް ކާމިޔާބީ އަށް ދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ޗެލްސީގައި ހޭދަކުރި މުއްދަތުގައި ވެސް މައުންޓް ފާހަގަކުރެވުނީ މިޑްފީލްޑްގެ އެކި މަގާމުތަކަށް ކުޅުނު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ރޭ ޔުނައިޓެޑުން ދެ ހާފުގައި ނެރުނީ ތަފާތު ދެ ޓީމެވެ. މެޗުގައި ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު 67 ވަނަ މިނިޓުގައި ޖެހީ އުމުރުން 20 އަހަރުގެ ނޮއަމް އެމެރަން އެވެ. އަދި ފަހު ގޯލް ޖެހީ 19 އަހަރުގެ ކުޅުންތެރިޔާ ޖޯ ހިއުގިލް އެވެ. ކުޅުންތެރިންނެވެ.
ޕްރީ ސީޒަނުގައި ޔުނައިޓެޑް ކުޅޭ ދެ ވަނަ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ލިޔޯންއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ސްކޮޓްލެންޑުގަ އެވެ. އޭގެފަހުން ޔުނައިޓެޑް ދާނީ އެމެރިކާ އަށެވެ. އެމެރިކާގައި އާސެނަލް އާއި ވްރެކްސްހަމް އަދި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭނެ އެވެ.