ބެޑްމިންޓަން ޖޫނިއާ ޗެމްޕިއަންޝިޕް: އެންމެ މޮޅީ އެލީ، ޔޫހާ، މައީޝް، އައިދިން، ނާޝިތު، މައާޝް
ބެޑްމިންޓަން ޖޫނިއާ ޗެމްޕިއަންޝިޕް: އެންމެ މޮޅީ އެލީ، ޔޫހާ، މައީޝް، އައިދިން، ނާޝިތު، މައާޝް

ބެޑްމިންޓަން އެސޯސިއޭޝަނުން މިއަހަރު މުޅިން އަލަށް ބޭއްވި ޖޫނިއާ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން ކުޅުންތެރިންނަށް ލައިބާ އަހުމަދު މަހްލޫފް (އެލީ) އާއި އައިޝަތު ޔޫހާ އަހުމަދު ހޮވުނުއިރު، ފިރިހެން އެންމެ މޮޅު ކުޅުންތެރިންނަށް މައީޝް މުހައްމަދު، މުހައްމަދު އައިދިން އަންވަރު، އިބްރާހިމް ނާޝިތު ހަމްދީ އަދި ހުސައިން މައާޝް މުހައްމަދު ހޮވިއްޖެ އެވެ.

އިއްޔެ ނިމުނު މި މުބާރާތުގައި އަންހެން 72 ކުޅުންތެރިންނާއި ފިރިހެން 110 ކުޅުންތެރިން ވާދަ ކޮށްފައި ވެއެވެ. މުބާރާތް ކުރިއަށް ގެންދިޔައީ 11 އަހަރާއި 13 އަހަރާއި 15 އަހަރު އަދި 17 އަހަރާއި 19 އަހަރުން ދަށުގެ އުމުރުފުރާއަށް ބަހާލައިގެންނެވެ.

އެލީ ވާދަ ކޮށްފައި ވަނީ 11 އަހަރުން ދަށުގެ އުމުރުފުރައިގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގަ އެވެ. ދެ އިވެންޓުން ވެސް އޭނާ ވަނީ އެއްވަނަ ހޯދައިފަ އެވެ.

ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސީދާ ދެ ސެޓުން އައިޝާ ސަނާޔާ ބިންތި އަފްރާހް ބަލިކޮށްފަ އެވެ. އެލީ ސެޓްތައް ގެންދިޔައީ 21-6، 21-6 އިންނެވެ. ޑަބަލްސް ފައިނަލްގައި އެލީ އާއި ލައިސާ ޝަޒްވާންގެ ޕެއާ ވަނީ 21-14، 21-6 އިން އައިޝާ ލައިބާ މުހައްމަދު އަޒަދު އާއި މަރްޝާ ހުސެއިންގެ ޕެއާ ބަލިކޮށްފަ އެވެ.

ޔޫހާ ވަނީ 15 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސިންގަލްސް ފައިނަލްގައި އަނާތު މޫސާއާ ދެކޮޅަށް ކުޅެ މެޗު ކާމިޔާބު ކުރީ 21-13، 21-17 އިން ސެޓްތައް ގެންގޮސްގެންނެވެ. ޑަބަލްސްގައި ޔޫހާ ވަނީ އައިނީ ބިންތި ޝާހިދު ހުސެއިން އާއެކު ކުޅެ 21-8، 21-7 އިން އައިޝަރު އަމްރާ މުހައްމަދާއި ފާތިމަތު ސަލްހާ އަލީގެ ޕެއާ ބަލިކޮށްފަ އެވެ.

ތޭރަ އަހަރުން ދަށުގެ ސިންގަލްސް ކާމިޔާބު ކުރީ އާމިނަތު އައިނީ އަޝްރަފެވެ. އައިނީ ވަނި ސީދާ ދެ ސެޓުން އާމިނަތު އަމްނާ އަލީ އާމިރު ބަލިކޮށްފަ އެވެ. ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިރާ އަބްދުﷲ އާއި ޔަލްވީ ހުސައިންގެ ޕެއާ އެވެ. އައިރާ އާއި ޔަލްވީ ވަނީ 2-1 ސެޓުން ފައިނަލްގައި އައިޝަތު ޔޫމީ އަލީ އަހުމަދާއި އަމްނާ އަލީ އާމިރުގެ ޕެއާ ބަލިކޮށްފަ އެވެ.

ސަތާޜަ އަހަރުން ދަށުގެ ސިންގަލްސް ފައިނަލްގައި ސީދާ ދެ ސެޓުން އުލްވާ އަހުމަދު ޝިޔާޒް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އައިޝަތު ޒޯޔާ ހުސައިން އެވެ. ސިންގަލްސް ފައިނަލުން ބަލިވިއަސް އުލްވާ ވަނީ ޑަބަލްސް އިވެންޓުގެ ފައިނަލްގައި ޝައިބާ މުހައްމަދު ޝަރީފާއެކު ކުޅެ ސީދާ ދެ ސެޓުން އާމިނަތު ނައުރާ ޝަރުވަތާއި ޝާނާ އަލީ އަބްދުލްގެ ޕެއާ ބަލިކޮށްފަ އެވެ.

އަންހެން 19 އަހަރުން ދަށުގެ ޑަބަލްސް އިވެންޓް ކުރިއަށް ނުގެންދިޔަ ނަމަވެސް ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އަބްހާ އިސްމާއިލް ރަޝީދެވެ. އަބްހާ ވަނީ ފައިނަލްގައި ސީދާ ދެ ސެޓުން އައިޝަތު ޔޫމަލް އަމްޖަދު ބަލިކޮށްފަ އެވެ.

ފިރިހެން ބައިގެ 17 އަހަރުން ދަށުގެ އުމުރުފުރާއިން އެއް ކުޅުންތެރިއަކަށް ދެ އިވެންޓު ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ބާކީ ހަތަރު އުމުރުފުރާއިން ވެސް އެއް ކުއްޖަކު ވަނީ ދެ އިވެންޓުން ވެސް ރަން މެޑަލް ހާސިލް ކޮށްފަ އެވެ.

އެއީ، 11 އަހަރުން ދަށުގެ މައީޝް އާއި 13 އަހަރުން ދަށުގެ އައިދިންގެ އިތުރުން 15 އަހަރުން ދަށުގެ ނާޝިތާއި 19 އަހަރުން ދަށުގެ މައާޝް އެވެ.

މައީޝް ވަނީ ސިންގަލްސް ފައިނަލްގައި ވިލާން ޝާފީ އަލީއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅު ވެފަ އެވެ. ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ އުމަރު ބިން އަދީލް އާއެކު ސީދާ ދެ ސެޓުން ކައިސަން އަފްރާހު އުމަރާއި ނޫރު ރޫދު ހުސެއިންގެ ޕެއާ ބަލިކޮށްފަ އެވެ.

އައިދިން ސިންގަލްސް ފައިނަލް ކާމިޔާބު ކުރީ ސީދާ ދެ ސެޓުން ރިޝާމް އަބްދުލް ފައްތާހު ބަލިކޮށްފަ އެވެ. ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޔާން އަހުމަދު ނަދީމް އާއެކު އެވެ.

ނާޝިދު ވާދަކުރި އުމުރުފުރާގެ ސިންގަލްސް ފައިނަލްގައި ސީދާ ދެ ސެޓުން އަހުމަދު ފަލާހު ފަރޫޒާން ބަލިކުރި އިރު ޑަބަލްސް ފައިނަލް ކާމިޔާބު ކުރީ ޔޫނުސް ކައިފް އާއެކު ކުޅެގެންނެވެ.

މައާޝް ސިންގަލްސް ޗެމްޕިއަންކަ ހޯދީ ހޫދު ބިން ހާމިދު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ހޫދު އަކީ މައާޝްގެ ޑަބަލްސް ޕާޓްނަރެވެ. މި ޕެއާ ވަނީ އަހުމަދު ޔުސްރު މުހައްމަދާއި އިފްޒާލް ސޯދިގުގެ ޕެއާ ދެ ސެޓުން ބަލިކޮށްފަ އެވެ.

ސަތާރަ އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާދަމް މަހީން މުހައްމަދެވެ. އޭނާ ވަނީ ފައިނަލްގައި 2-1 ސެޓުން ޔޫސުފް މުނާދީ ބަލިކޮށްފަ އެވެ. ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސެއިން އިޒުއާން ސޯދިގާއި މުހައްމަދު އަލޫފްގެ ޕެއާ އެވެ. އިރުއާން އާއި އަލޫފް ވަނީ ފައިނަލްގައި 2-1 ސެޓުން އަހުމަދު އަޔާން ބިން މުހައްމަދު ސަލާހާއި ޔޫސުފް މުނާދީގެ ޕެއާ ބަލިކޮށްފަ އެވެ.