31 ޖެނުއަރީ 2017 - 06:31

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް މުޅި ދުނިޔެ ވެސް އަންނަނީ ފާޑު ކިޔަމުންމެވެ. މީގެ ތެރޭގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒް ގަދަ ސެލެބްރިޓީން ވެސް ހިމެނެ އެވެ.
މި ލިސްޓަށް މި ފަހަރު އިތުރުވި ތަރިއަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެޝްޓަން ކުޗާ އެވެ. އޭނާ ވަނީ މުސްލިމުންނާ ދެކޮޅަށް އަދި ރެފިއުޖީން އެމެރިކާ އަށް އެތެރެވުމާ ދެކޮޅަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަަށް ފާޑު ކިޔައިފަ އެވެ.
އެޕަލް ކުންފުނީގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސްގެ ބައޮގްރަފިކަލް ޑްރާމާ ވެސް ކުޅުނު ކުޗާ ކުރި ޓްވީޓްތަކެއްގައި ބުނީ އެމެރިކާ ރައްޔިތެއްގެ ހައިސިއްޔަތުން ޓްރަމްޕަށް އިހުތިރާމު ކުރާ ކަމަށާއި ނަމަވެސް ރެފިއުޖީންނާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދު ނުކުރާ ކަމަށެވެ.
އޭނާ ބުނީ އަންހެނުން/ބަތަލާ މިލާ ކުނިސްއަކީ ވެސް ފިނި ހަނގުރާމައިގެ ދުވަސްވަރު ރެފިއުޖީ ވިސާއެއްގައި އެމެރިކާ އަށް އެތެރެވި މީހެއް ކަމަށެވެ. މިލާ ނިސްބަތް ވަނީ ޔުކްރެއިނަށެވެ.
"އަހަރެންގެ ލޭ މިހާރު އެބަ ކެކޭ،" ކުޗާގެ ޓްވީޓެއްގައި ބުންޏެވެ.
އޭނާ ބުނީ ޓްރަމްޕް ގެންގުޅުއްވާ މިފަދަ ސިޔާސަތުތަކުން ދައްކުވައި ދެނީ ތަފާތު ކުރުން ކަމަށާއި މިއީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާގެ ބޯޑަރު ރައްކާތެރިކޮށް، ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަމަކު އެކަން ކުރަން ވާނީ އުސޫލްތަކާއި ހަމަތަކާއި އިންސާނީ ކަރާމާތަށް އިހުތިރާމް ކުރެވޭ ގޮތަށް ކަމަށް ބުންޏެވެ.
ކުޗާ ބުނީ އެމެރިކާއަކީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ ގައުމެއްކަން މުޅި ދުނިޔެ އަށް ދައްކުވައި ދޭން ކުރާ އަގުހުރި މަސައްކަތްތަކަށް ޓްރަމްޕް ގެންގުޅުއްވާ ފީކަޅާ ސިޔާސަތުތަކުގެ ސަބަބުން ބުރޫ އަރާ ކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އަގު ވެއްޓުން ނޫން ކަމެއް ނުވާނެ ކަމަށް 38 އަހަރުގެ އެކްޓަރު ބުންޏެވެ.