ރިޑްލީ ސްކޮޓްގެ ފިލްމުގައި ވަކީން ފީނިކްސް ހަނގުރާމައަށް ދަނީ
ރިޑްލީ ސްކޮޓްގެ ފިލްމުގައި ވަކީން ފީނިކްސް ހަނގުރާމައަށް ދަނީ

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް ޑައިރެކްޓުކުރާ އާ ފިލްމު "ނެޕޯލިއަން"ގެ ޓްރެއިލާ ނެރެފި އެވެ.

މަޝްހޫރު އެކްޓަރު ވަކީން ފީނިކްސް ލީޑު ރޯލު ކުޅޭ މި ފިލްމަކީ ފްރާންސްގެ އެމްޕަރާ، ނެޕޯލިއަން ބޮނަޕާޓްގެ ރަސްކަމަށް އެރުމަށް ކުރި ހަނގުރާމައާ ގުޅިގެން ހިނގާ ކަންތައްތަކެއް ދައްކާނެ ފިލްމެކެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި، ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައި އޮތް ފްރާންސްގައި ބާޣީންނަށް ހަމަލާދީ، އެމީހުން ބަލިކޮށްލައި، ތަހުތަށް އަރާނެ ކަމަށް އޭނާ ވައުދުވެ އެވެ.

ޓްރެއިލާގައި ފެންނަ މަންޒަރުތަކުން، "ބްލޭޑް ރަނާ" އާއި "ގްލޭޑިއޭޓާ" ކަހަލަ މަޝްހޫރު ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ރިޑްލީ ސްކޮޓްގެ އިތުރު ވަރުގަދަ މަސައްކަތަކަށް މި ފިލްމު ވާނެ ކަމަށް ބެލެވެ އެވެ. އަދި ބޮޑެތި ސެޓުތަކާއި ހަނގުރާމަ މަތީ ވަރުގަދަ މަންޒަރުތައް ވެސް ދެ މިނެޓާގައި 39 ސިކުންތުގެ މި ޓްރެއިލާއިން ފެނެ އެވެ.

ވަކީން ފީނިކްސްއާއެކު މި ފިލްމުގައި މުހިންމު ރޯލުތަކުން ފެންނާނީ ވެނެސާ ކާބީ، ޖޯޑީ ކޮމަ، ޔޫސެފް ކާކޫ، އެޑުއާޑް ފިލިޕޮނަންޓް، މެތިއު ނީދަމް، ތަހާރު ރަހީމް އަދި ކޯމެކް ހައިޑް-ކޮރިން އެވެ.

"ނެޕޯލިއަން" ސިނަމާތަކުގައި އަޅުވާނީ އަންނަ ނޮވެމްބަރު މަހުގެ 22 އިން ފެށިގެންނެވެ.