ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރައިފި
ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އަދީބުގެ ޕާޓީ އެމްޓީޑީން ބުނި ގޮތުގައި އަދީބު މިރޭ ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ޑޮކްޓަރުން އެކަމަށް ލަފާ ދެއްވާފައިވާތީ އެވެ. އަދީބު ފަރުވާ ހޯއްދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

އަދީބު ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފައިވަނީ ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ. އޭނާއަށް ހުއްދަ ދީފައިވަނީ 10 ދުވަހަށް ރާއްޖޭން ބޭރަށް ދިޔުމަށެވެ.

ބޭސްފަރުވާ އަށް އަދީބު ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ދީފައިވާއިރު، މިފަހުން އޭނާ އަށް ވަނީ އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާދީފަ އެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދައަށް އެދުނީ އޭގެފަހުންނެވެ.

ފުރާނަ އަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އަދީބަށް ޖެހުނީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކަމަށް އެމްޓީޑީން ބުނެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެކަމަކު ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ.

އަދީބު ވަނީ ޕެރޯލްގެ ދަށުން ޖަލު ހުކުމްގެ ލުޔަކަށް ވެސް އެދިފަ އެވެ. ނަމަވެސް، އެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.