11 ޖުލައި 2023 - 23:18

ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފާރެއް ވެއްޓި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު 5:30 ހާއިރު ހިނގި މި ހާދިސާގައި އަނިޔާ ލިބުނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ތިން މުވައްޒަފަކަށެވެ.
އަނިޔާވި ތިން މީހުންނަށް ރ. އުނގޫފާރު ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން ދާއިރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އާރްޑީސީގެ އޮފިޝަލަކު ބުނިގޮތުގައި އަނިޔާވި މީހުންގެ ތެރެއިން އެންމެ ސީރިއަސް އަނިޔާތަކެއްވީ މީހާގެ ޅިނދުކަށިގަނޑު ހަތަރު ތަނަކުން ވަނީ ބިނދިފައިވެ އެވެ. އަދި އަނެއް މީހާގެ ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފައި ވާއިރު ތިންވަނަ މީހާއަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.
މި ހާދިސާ ހިނގީ މަގު ކޮނެގެން ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.