12 ޖުލައި 2023 - 06:39

އާދިއްތަ ދުވަހާ ގުޅޭ
ބުރިޖު މައްޗަށް އަރައިގެން ތަންކޮޅަކަށް ނުދެވެނީސް ފައިސަލްގެ ދެއަތް އައްސިވާން ފެށިއެވެ. އައްސިވާން ފެށި ގޮތާއި، އޭގެ ކުރިން އެހެންވެފައި ނެތުމުން، ވާން އުޅެނީ ރަނގަޅުކަމެއް ނޫންހެން ފައިސަލަށް ހީވިއެވެ. އެ ވަގުތަކީ، ކަނޑުހުރަސްނުކުރަން މަންސޫރު ބުނި ހަނދާން އާވި ވަގުތު ވެސްމެއެވެ. ސައިކަލު އޭރު ދުވެފައިދިޔައީ ފަންސާހުގެ ދުވެލީގައެވެ. ދުވެލި މަޑުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ފައިސަލަށް ޖެހުނީ ރޭސްމުއްގަނޑުން އަތް ދަމައިގަންނާށެވެ. އެ ހިސާބުން ފައިސަލްގެ އަތުގެ އިހުސާސްކެނޑުނުހެން ހީވިއެވެ. އަތް އައްސިވިލެއް ބޮޑުކަމުން އިނގިލި ހަރަކާތްކުރިޔަސް ނުކުރިޔަސް ނޭނގެއެވެ. ދެން އައްސިވާން ފެށީ ފަޔެވެ. އެއް އަތުގެ އެހީގައި ދުއްވަމުންދިޔަ ސައިކަލު ފައިސަލަކަށް ކޮންޓުރޯލެއް ނުވިއެވެ.
"ދަރިފުޅާ! ބައްޕަ ގައިގަ ބާރަށް ހިފާއްޓާ!" ފައިސަލް ބުންޏެވެ.
ހެލުމެޓުއަޅައިފައިވާތީ ފައިސަލް ބުނި އެއްޗެއް ޒިޔާނަކަށް ނީވުނެވެ. ސައިކަލު ދިޔައީ އަރިމަތީ ފެންސާ ދިމާއަށެވެ. ފެންސުގައި ޖެހުނަނުދިނުމަށް ޓަކައި، އަނެއް ފަރާތަށް ހުންގާނު އަނބުރައިލި ވަގުތު ފައިސަލަށް ބާރުލެވުނީ، ލާންއުޅުނު ވަރަށް ވުރެ ބޮޑަށެވެ. ސައިކަލު ކައްސައިލިއެވެ. ފައިސަލާއި ޒިޔާން ވެސް ވެއްޓުނެވެ. ދެބަފައިންކުރެ އެކަކަށް ވެސް، ބޭރުފުށުން އަނިޔާއެއް ނުވެއެވެ. ޒިޔާންގެ ކަކުލަށް ތަދުވިއެވެ. ފައިސަލްގެ ކޮނޑުހުޅަށް ތަދުވިއެވެ. ސައިކަލަށް ވަރަށް ގެއްލުންވިއެވެ. ހުޅުމާލެއަށް ދިޔުން ކެންސަލުކޮށްފައި ފައިސަލް ދެން އައީ ގެއަށެވެ.
ޒިޔާންގެ ނަޒަރުގައި ސައިކަލު ކައްސައިލީއެވެ. ފައިސަލް ދެކޮޅެއްނަހަދައެވެ. އެހެނަސް، ރިންދާޔާ އެކުގައި ދާން ރޭވި ދަތުރުގައި ރިންދާއަށް ބައިވެރިނުވެވުމާއި، ކާރުގެ ބަދަލުގައި ސައިކަލުގައި ފައިސަލަށް ދެވުމާއި، މަންސޫރުގެ ނަސޭހަތް ހަނދާންނެތުން އެއީ އިއްތިފާގުތަކެއްކަމަކަށް ފައިސަލަކަށް ގަބޫލެއް ނުކުރެވެއެވެ. އެއިން ކޮންމެ ކަމެއް މަގުފަހިކުރީ އެންމެ ކަމަކަށެވެ. ޒިޔާން ގޮވައިގެން ސައިކަލުގައި ފައިސަލް ބުރިޖަށް އެރުމެވެ.
ސައިކަލު ގަރާޖަށް ލައިފައި، ގެއަށް އައިތަނާ ގެ ކައިރިން ރިންދާޔާ ދިމާވިއެވެ. ރިންދާ އައީ ފައިސަލް އެ ވާހަކަ ކިޔައިދިނީމައެވެ. އެތައް ފަހަރަކު ރިންދާ މާފަށްއެދުނެވެ. އެ ދަތުރުގައި ބައިވެރިނުވެވުނީތީއެވެ. އެކުސިޑެންޓުން ފައިސަލް ސަލާމަތްނުކުރެވުނީތީއެވެ. ފައިސަލަށް އެނގެއެވެ. އެކަކަށް ވެސް ފައިސަލް ސަލާމަތެއްނުކުރެވުނީހެވެ.
"އެ ވާހަކަ ދެން ނުދައްކަމާ ހިނގާ!" އެޕާޓުމަންޓަށް ވަންނަމުން ފައިސަލް ބުންޏެވެ. "ބޮލުގަރިހުން މިހާރު ކިހިނެއް؟ ބޮލުގަރިހޭތީ ނުދެވޭނޭ ކިޔާފަ ފޯނު ބޭއްވި ހިސާބުން ރިހުން ކެނޑިއްޖެ ދޯ؟"
"ތެދަށް ބުނަން؟ ހަމަ ތިހެންވީ!" ރިންދާ ބުންޏެވެ. "އަހަރެން ވަރަށް ހައިރާންވި. ހީވަނީ ފައިސަލާ އެއްކޮށް އަހަރެން ގޮއްސާނެތީ ވީކަމެއްހެން. ހަމަ ޓަސްލާފަ ރިހުން ކެނޑިއްޖެ!"
ބުނަން ހިތުގައިއޮތް އެއްވެސް ވާހަކައެއް ފައިސަލަށް ބުނެވޭކަށް ނެތެވެ. ރިންދާ އައީ، ތަދުވާތީ އުނގުޅާ ތެލެއް ހިފައިގެންނެވެ. ޒިޔާން ކަކުލުގައި ތެޔޮއުނގުޅައިދިނީ ވެސް ރިންދާއެވެ. ފައިސަލް ކޮނޑުގައި ތެޔޮދަމައިދޭން ފައިސަލް އެދޭނެކަމަށް ރިންދާ އުންމީދުކުރި ނަމަވެސް އެ ކަމެއް ނުވިއެވެ. އަރާމުކުރަން ޒިޔާން އެނދުގައި ބާއްވާފައި ފައިސަލް ނުކުތީ ބޮޑުކޮޓަރިއަށެވެ.
"ހާލުބަލައިލަން އައީތީ ޝުކުރިއްޔާ!" ސޯފާގައި އިށީންނަމުން ފައިސަލް ބުންޏެވެ.
"މީ ދެން މީހަކު ޝުކުރުއަދާކުރާ ވަރުގެ ކަމެއްތަ؟" ރިންދާ އިށީންނަމުން ބުންޏެވެ.
"ތިހާ ކެއާކުރާ މީހަކަށް ޝުކުރަކީ ވަރަށް ކުޑަ އެއްޗެއް،" ފައިސަލް ބުންޏެވެ. "ތަނަކަށް ތަދުވާ ވާހަކަ ބުނެލާ އިރަށް ތިހެން އައިސް ތެޔޮދަމައިދޭކަށް ފަސޭހައެއް ނުވާނެ. އަހަރެން ޖެހޭނެ އެ ވަރު ދަންނަން."
ރިންދާ ހިނިތުންވެލީ ހިތާމަވެރި ގޮތަކަށެވެ. ހީވަނީ ކޮންމެވެސް ކަމަކާ ކަންބޮޑުވެފައިއިންހެންނެވެ.
"ދެން ދަންނަންވީނު!" އިސްޖަހާލައިގެންއިން ރިންދާ ބުންޏެވެ. "ޝުކުރަކަށް ވުރެ ބޮޑު އެއްޗެއް ވެސް ދިނީމަ ހަމަ ދެވޭނެ. ތެދެއް ތި ބުނީ! މިހެން އަންނާކަށް ފަސޭހައެއް ވެސް ނޫން."
ދެން ރިންދާ އެއްޗެއް ނުބުނެއެވެ. ފައިސަލާ ދިމާއަކަށް ނުވެސް ބަލައެވެ.
"ކިހިނެއްވީ؟" ފައިސަލް އެހިއެވެ.
"ކަމެއްނުވޭ!" ކުޑަކޮށް ފޫހިވެފައިވާ ރާގެއްގައި ރިންދާ ބުންޏެވެ. "އެއް ވާހަކައެއް ރިޕީޓުކުރަންޖެހުނީމަ މޫޑުސަކަރާތްވަނީ!"
"ކޮން ވާހަކައެއް؟" ފައިސަލް އެހިއެވެ.
ބުނާކަށް ރިންދާ ބޭނުމެއް ނޫނެވެ. ރިންދާ ދެކޭ ގޮތުގައި ނުބުންޏަސް ފައިސަލަށް އެނގޭނެއެވެ. ނޭނގޭކަމަށް ހެދެނީއެވެ. އެ ތަނުން ތެދުވެގެން ދާން ވެސް ރިންދާ މަސައްކަތްކުރިއެވެ. ފައިސަލް ހިފޭއްޓީއެވެ. އަލުން ރިންދާ ސޯފާގައި ބޭންދީއެވެ.
"ފޫހިވަންޏާ ވެސް ބުނެފަ ދޭ!" ފައިސަލް އެދުނެވެ.
"ފޫހިވާ މީހަކަށް ކަންތައްކުރާހެންތަ ފައިސަލަށް އަހަރެން ކަންތައް މި ކުރަނީ؟" ފައިސަލާ ހަތަރުކަޅި ހަމަކުރަމުން ރިންދާ ބުންޏެވެ. "ފައިސަލް ދެކެ ވެސް ޒިޔާން ދެކެ ވެސް ވަރަށް ލޯބިވޭ! ބޭނުން އަހަރެންނަށް ކޮށްދެވޭނެ ހުރިހާ ކަމެއް ވެސް ކޮށްދޭން. އެނގޭނެ އެ ކަން. އެކަމަކު، އަހަރެން މިހެން ފައިސަލާ އެކީގަ އުޅޭތީ ދައްތަ ކިހާ މައްސަލަޖައްސާކަމެއް މީހަކަށް ނޭނގޭނެ. މިއަދު އަސްލު ނާންނަން ހުރީ ވެސް. އެކަމަކު ޒިޔާން ގުޅާފަ އަންނާށޭ ބުނީމަ ނައިސް ނުކެރުނީ. އަބަދު ކިހިނެއް މިހެން އުޅޭނީ؟"
އެއީ ލޯބިވާ ވާހަކަ ރިންދާ ބުނި ފުރަތަމަ ފަހަރެވެ. ފައިސަލް ވަރަށް އުފާވިއެވެ.
"ރިންދާ ބޭނުންތަ އަހަންނާ އިންނަން؟" ފައިސަލް އެހިއެވެ.
"އެ ގޮތަކަށް އަދި ނުވިސްނަން،" ރިންދާ ހެދީ ދޮގެކެވެ. "ފައިސަލް ވަރަށް ހެޔޮ، ލައިކު ވެސް ވޭ! ދައްތަ އެއްބަސް ވެސް ކުރުވިދާނެ. އެކަމަކު، މަންމަ ހިއެއްނުވޭ، ޒިޔާން އޭޖުގެ ކިޑެއް ހުރި މީހަކާ އަހަރެން މެރީކުރަން ހުއްދަ ދޭނެހެނެއް. މަންމައަށް ވިސްނައިދޭން ވަރަށް އުނދަގޫވާނެ."
"އުނދަގޫވިޔަސް އެ ކަން ކުރަންތާ ޖެހޭނީ،" ފައިސަލް ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ދަރިއެއް އެބަހުރި. އޭނަގެ އުމުރެއް ބަދަލެއް ނުކުރެވޭނެ. ދުނިޔެ ނުވަތަކަށް ވެސް ނޭނބުރޭނެ. މަންމައަށް ވިސްނައިދީ! އަހަންނަށް ރިންދާ ކަމުދިޔަ އެންމެ ބޮޑު ސަބަބަކީ، ޒިޔާނަށް ރިންދާ ކަމުދިޔުން. އަމުދުން މި ކަހަލަ ދަނޑިވަޅެއްގަ. އެހެން ނޫން ނަމަ މި ހިސާބަކަށް މި ކަމެއް ނުވެސް ދާނެ. އަހަރެން މީހަކާ މެރީކުރާ އިރު އެ މީހަކީ، ޒިޔާނަށް ރަނގަޅު މަންމައަކަށް ވެސް ވާން ޖެހޭނެ. ރިންދާ މަންމައަށް އަހަރެން ގުޅާފަ ވާހަކަދައްކަންތަ؟"
ރިންދާ އެއްބަހެއްނުވިއެވެ. މަންމައަށް ކަންތައް ދިމާވި ގޮތުން، ފިރިހެނަކަށް އިތުބާރުކުރުމަކީ މަންމައަށް ފަސޭހަކަމެއް ނޫނެވެ.
"އަހަރެން ގުޅާނީ. ބައްޕަ ކަންތައްކުރި ގޮތުން، މަންމަ މިހާރު ފިރިހެނުންނަށް ވަރަށް ޓްރަސްޓު ނުކުރާނެ،" ރިންދާ ވިސްނާލައިފައި ބުންޏެވެ. "ދެން އެނގިދާނެތާ! މިރޭ ކޮން ކަމެއް އޮތީ؟ ބިޒީތަ؟"
"... މިރޭ.. ރެސްޓުކޮށްލާނީ!" ފައިސަލް ބުންޏެވެ. "ކޮނޑަށް ރެސްޓެއްނުދީ ނެތް ވާކަށް."
ފައިސަލް ބުނީ ތެދަކަށް ނޫނެވެ. ކޮނޑަށް އަރާމުދިނުމަށްވުރެ މާ މުހިންމުކަމެއް ފައިސަލް އޮތީ ތާވަލުކޮށްފައެވެ. ރިންދާ ގާތުގައި އެ ވާހަކަ ބުނަން ބޭނުންނުވީއެވެ.
މަންސޫރު އައި އިރު ރޭގަނޑު ނުވައެއްޖަހައި ބޮޑުވެއްޖެއެވެ. ފައިސަލް ހުރީ، މަންސޫރު ބުނި އެއްޗެހި ތައްޔާރުކޮށްފައެވެ. ސިރާޖު ވެސް ހުއްޓެވެ. ޒިޔާން އިނީ ކުޑަކޮށް ބިރުގެންފައެވެ. މަންސޫރު ކުރާނެ ހުރިހައިކަމަކާ، ޒިޔާން ހަދަންވާ ގޮތް ކުރީބައިގައި ކިޔައިދިނުމުން ވެސް ޒިޔާންގެ ނުތަނަވަސްކަމެއް ނުފިލައެވެ. ކިޔަވަން ހަމަޖެހިފައިއޮތީ ޒިޔާންގެ ކޮޓަރީގައެވެ.
"ކޮއްކޮ ހަމަ ރީތިކޮށް އޮށޯވެލައިގެން އޮވޭ އިނގޭ!" މަންސޫރު ބުންޏެވެ.
ޒިޔާން އެނދުގައި އޮށޯތެވެ. މަންސޫރު ތަނަށް ނަޒަރުހިންގައިލިއެވެ. އެ ކޮޓަރީގައި ހުރި ފާޑުފާޑުގެ ފޮޓޯތައް ފައިސަލް ނެއްޓި އިރު، އެނދުގެ ބޯލާކޮޅުގައިހުރި ޓްރާންސްފޯމާސްގެ ބަންބަލްބީއާއި ޑިސެޕްޓިކޯންގެ ކުޑަވަރެއްގެ އިސްޓިކާއެއް ނުނެއްޓި ހުއްޓެވެ. މަންސޫރަށް އެ އިސްޓިކާ ފެނުނު ވަގުތު ފައިސަލަށް ވެސް ފެނިއްޖެއެވެ. ވީމައި، މަންސޫރު ބުނުމުގެ ކުރިން ފައިސަލް އެ އިސްޓިކާ ނައްޓައިލިއެވެ.
"ލޯމަރައިގެންތަ އޮންނަންވީ؟" ޒިޔާން ބުނި އަޑުއިވުނެވެ.
"ކޮއްކޮއަށް ފަސޭހަ ގޮތެއް،" ކައިރީގައިހުރި ގޮނޑީގައި އިށީންނަމުން މަންސޫރު ބުންޏެވެ. "ހަމަޖެހިލައިގެން، ލޯމަރާލައިގެން އޮތިއްޔާ ފަސޭހަވާނީ. ހާސްނުވޭ! އަހަރުމެން ތިބޭނަމޭ ކައިރީގަ."
ޒިޔާން ހަމަޖެހިލުމުން ޒިޔާންގެ ކަރާ ހަމައަށް ފޮތިގަނޑެއް އެޅިއެވެ. ޒިޔާން ލޯމަރައިލިއެވެ. އެހެނަސް ޒިޔާންގެ ހިތެއް ހަމައެއްނުޖެހުނެވެ. ކުރިން ވެސް ޒިޔާނަށް ވަނީ ދެ ބައްޕަ ފެނިފައެވެ. ދެން ފެންނާނީ ކޯޗެއްކަމެއް ޒިޔާނަކަށް ނޭނގެއެވެ. ސިއްސައިގެންދިޔުމަކީ ޒިޔާން ވަރަށް ފޫހިވާކަމެކެވެ. ރުޅިއަންނަ ވެސް ކަމެކެވެ.
"ފޯނުގެ ރިންގުތައް ކަނޑާލާ!" މަންސޫރު މަޑުމަޑުން ބުންޏެވެ.
އެ އަޑު ވެސް ޒިޔާނަށް އިވުނެވެ. ހައްތަހާ ބޮޑަށް ނުތަނަވަސްވިއެވެ. ޒިޔާނަށް ފެންނަނީ އަނދިރިކަމެވެ. އަޑެއްބަޑެއްނީވެއެވެ. އެހެން އޮއްވައި ކިޔަވާ އަޑުއިވެން ފެށިއެވެ. ޒިޔާން ހިތަށްއެރިއެވެ. އެއްޗެއް ފެނިއްޖެއްޔާ ޒިޔާން ކަންތައްކުރަންވީ ކިހިނެއްހެއްޔެވެ؟ އެ ވާހަކަ އަހަން އަނގަހުޅުވައިލި ވަގުތު، ވާހަކަނުދައްކައި އޮންނަން ބައްޕަ ބުނި އަޑުއިވުނެވެ. ޒިޔާން ދެން އެއްޗެއް ނުބުނެއެވެ. އޮތްގޮތަށް އޮތީއެވެ. އެހެނަސް ކިޔެވުން ދެބައި ނުވަނީސް ފައިސަލްގެ ބޮލުގައިރިއްސަން ފެށިއެވެ. ގައިކަހަން ފެށިއެވެ. ފައިހަލުވަން ފެށުނެވެ. އެއީ ފައިސަލް ގަސްތުގައި ކުރާކަމެއް ނޫނެވެ. އިރުކޮޅެއް ތެރޭގައި ކިޔަވައި ނިމުނެވެ.
"ނިމުނީ ދަރިފުޅާ!" ފައިސަލް ބުނި އަޑުއިވުނެވެ.
ޒިޔާން ލޯހުޅުވައިލިއެވެ. އެއީ އެހައި ފަސޭހަކަމެއްކަމަކަށް ޒިޔާން ހިޔެއްނުކުރެއެވެ.
"އެއްވެސް ކަމެއްވިތަ؟" މަންސޫރު އެހިއެވެ.
"ނުވޭ!" ޒިޔާން ބުންޏެވެ. "އެއްޗެއް ވެސް ނުފެނޭ!"
ޒިޔާން ނިންދަވަން ހަޝްމާއާ ހަވާލުކޮށްފައި ފައިސަލްމެން ނުކުތެވެ. އެ މީހުން ދިޔައީ ކައިރީގައިހުރި ކެފޭއަކަށެވެ. ދެން ކުރަންވީ ކަންތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ޓަކައެވެ. އެ ވާހަކަތައް ޒިޔާނަށް ނީއްވުމަށް ޓަކައި ވެސްމެއެވެ.
"ވީ ގޮތް ފެނިއްޖެއްނު!" މަންސޫރު ބުންޏެވެ. "އެއީ އެސްފީނާއެއް ނޫން. ސިހުރު. ދެން ކިޔަވަންޖެހޭނީ ސިހުރަށް."
"ކިޔެވީ ޒިޔާނަށް، ބޮޑުވަރު މި ވީ އަހަންނަށް،" ފައިސަލް ބުންޏެވެ. "ޒިޔާނަކަށް ނޭނގޭނެތަ އޭނަގެ އެއް ފައި މައްޗަށް އުފުއްލުނުކަމެއް؟"
"ނޭނގުނެއްނު! އަހަރެން އެހީމެއްނު!" މަންސޫރު ބުންޏެވެ. "ފައި ހިއްލީ ޒިޔާނެއް ނޫނޭ!"
ވީ ގޮތް ހަމަލޮލަށް ފެނުނު ނަމަވެސް، އެ ވާހަކަ ގަބޫލުކުރަން ފައިސަލަށް ފަސޭހައެއް ނުވިއެވެ. ތާކުންތާކު ނުޖެހޭ ކުޑަކުޑަ ކަމަކާ ހެދި ފައިސަލާއި ޒިޔާނަށް މީހަކު ސިހުރެއް ހަދައިފާނެ ހެއްޔެވެ؟
"މަންސޫރަށް މިހާރު ޔަގީންވެއްޖެތާ ސިހުރެއްކަން،" ފައިސަލް ބުންޏެވެ. "ސިހުރުހެދީ ކާކު؟"
ނުނިމޭ