11 ޖުލައި 2023 - 15:36

ތުލުސްދޫގައި ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން 18 އަހަރުން ދަށުގެ ޖޫނިއާ ކެޓެގަރީގެ ފުރަތަމަ ބުރުގައި ރާއްޖޭގެ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ، ވާދަކުރި ހީޓުތަކުން އެއްވަނަ ހޯދައިފި އެވެ.
ސާފިން ފެޑެރޭޝަނުން ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޖޫނިއާ އެތުލީޓުން ވާދަަ ކުރާއިރު، ރާއްޖޭގެ ޖޫނިއާ އަށް ރާޅާއެޅުންތެރިން ވާދަ ކުރެ އެވެ. ކަޔާން ޒަކީ އާއި އިނާންގެ އިތުރުން ދެން ވާދަ ކުރަނީ ކަޔާން އަބްދުﷲ އަރީފް، ޔަސީން އަހުމަދު ނާޝިދު، މުހައްމަދު ޒަޔާން، ސައްޔިދު ސަލާހުއްދީން، އިސްމާއިލް މަދުހު އަހުމަދު އަދި ޝާނިފް ޝަފީގެވެ.
މިދިޔަ ހޮނިހިރު ދުވަހު ފެށި މުބާރާތުގެ ޖޫނިއާ ބައިގެ ހީޓުތައް ފެށީ މިއަދު އެވެ. ޖޫނިއާ ބައިގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި މުޅި އެކު ހަ ހީޓެއް ކުރިއަށް ދިޔައިރު، އިނާން ވަނީ 6.67 ޕޮއިންޓް ހޯދައިގެން ފަސްވަނަ ހީޓު ކާމިޔާބު ކޮށްފަ އެވެ. ދެވަނައަށް ދިޔައީ 3.87 ޕޮއިންތް ލިބުނު ތައިލެންޑްގެ މާސްޓާ ނަޓްރީ ޖަރިޔަވަޓަނަވިޖިތު އެވެ. ތިންވަނައަށް ދިޔަ ދެކުނު ކޮރެއާގެ ދޮހޫން ޔުން ވަނީ 3.03 ޕޮއިންޓް ހޯދައިފަ އެވެ.
ފަހު ހީޓުގައި ވާދަކުރި ކަޔާން ޒަކީ، ހީޓް ކާމިޔާބު ކުރީ 9.93 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔަ ދެކުނު ކޮރެއާގެ ހަނޯއާ ހީޖާއޭ ޕަލްމިއާނޯ ވަނީ 9.67 ޕޮއިންތް އެއްކޮށްފަ އެވެ. ތިންވަނައިގައި ނިންމީ 4.60 ޕޮއިންތް ލިބުނު ތައިލެންޑްގެ މާސްޓާ ޓިން ޖޯންސަން އެވެ.
ދެވަނަ ބުރުގައި އިނާން ނުކުންނާނީ އޯޕަން ޑިވިޝަނުގައި ވެސް ވާދަކުރި ތިން ރާޅާއެޅުންތެރިންނާ ދެކޮޅަށެވެ. ހީޓް 2 ގައި އިނާން އާއެކު ހިމެނެނީ ސްރީލަންކާގެ ކަނަޕަތީ ރަމޭޝް ޖޭ ހޭލާ އާއި ކައިލާޝް ލިންޑަން މޭސަން އަދި ޗައިނީޒް ޓައިޕޭގެ ޖޯން ޖޯން ޗާން އެވެ. ތިންވަނަ ހީޓުގައި ކަޔާން ޒަކީ ނުކުންނާނީ ޖަޕާނުގެ ޓާރޯ ޓަކާއި އާއި އިންޑިއާގެ ސްރީކާންތު ޑީ އާއި ޖަޕާނުގެ ކައިސޭ އަޑާޗީއާ ދެކޮޅަށެވެ. ޓަކާއި އާއި އަޑާޗީ އަކީ އޯޕަން ޑިވިޝަނުގައި ވެސް ވާދަކުރަމުން އަންނަ ދެ ރާޅާއެޅުންތެރިންނެވެ.
އިނާން އާއި ކަޔާން ޒަކީ ފިޔަވައި ބާކީ ހަ ރާޅާއެޅުންތެރިން ދެން ވާދަކުރާނީ ރެޕޭޗާޖް އިވެންޓުގަ އެވެ. ޖޫނިއާ ޑިވިޝަނުގެ ފައިނަލް ހީޓުގައި ވާދަ ކުރާނީ މެއިން އިވެންޓުގެ ހަތަރުވަނަ ބުރުން އެންމެ މަތިން ސްކޯ ކުރާ ދެ އެތުލީޓަކާއި ރެޕޭޗާޖް ފަސްވަނަ ބުރުގެ ހީޓުން އެންމެ މަތިން ސްކޯ ކުރާ ދެ އެތުލީޓެކެވެ.
މިއަދު ކުރިއަށް ދިޔަ މެއިން އިވެންޓުގެ ފުރަތަމަ ބުރުގެ އެއްވަނަ ހީޓުގައި ވާދަކުރި ކަޔާން އަރީފް އަށް ހީޓުގައި ރާޅަކާ އެޅޭގޮތެއް ނުވި އެވެ. މި ހީޓުގެ އެއްވަނަ ހޯދީ 15 ޕޮއިންތް ހޯދި ޖަޕާނުގެ ރިކީ ސަޓޯ އެވެ. ދެވަނައަށް ދިޔަ އިންޑިއާގެ ސްރީކާންތު ޑީ ވަނީ 9.84 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައަށް ދިޔަ އިންޑިއާގެ ކިޝޯރު ކުމާރު ވަނީ 7.17 ޕޮއިންޓް ހޯދައިފަ އެވެ.
ޔަސީން އާއި ޒަޔާން ވާދަކުރީ ދެވަނަ ހީޓުގަ އެވެ. މި ހީޓުގެ އެއްވަނަ ހޯދި ސްރީލަންކާގެ ކަނަޕަތީ ރަމޭޝް ޖޭ ހޭލާ ވަނީ 9.93 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔަ ޖަޕާނުގެ ކައިސޭ އަޑާޗީ 9.40 ޕޮއިންޓް ހޯދި އެވެ. ޔަސީން އަށް 5.93 ޕޮއިންޓް ލިބުނުއިރު ޒަޔާން އަށް ލިބުނީ 5.20 ޕޮއިންޓެވެ.
ތިންވަނަ ހީޓުގައި ރާއްޖޭގެ ސައްޔިދާއި މަދުހު ވާދަކުރި އިރު، ސައްޔިދަށް ހަމަކުރެވުނީ 5.97 ޕޮއިންޓެވެ. މަދުހު އަށް ހަމަކުރެވުނީ 4.63 ޕޮއިންޓެވެ. ހީޓު ކާމިޔާބު ކުރި ޖަޕާނުގެ ޓާރޯ ޓަކާއި 12.27 ޕޮއިންޓް ހޯދި އިރު ދެވަނައަށް ދިޔަ ލަންކާގެ ކައިލާޝް ލިންޑަން މޭސަން ވަނީ 11.07 ޕޮއިންޓް ހޯދައިފަ އެވެ.
ހަތަރުވަނަ ހީޓުގައި ވާދަކުރި ޝާނިފް އަށް ހަމަކުރެވުނީ 4.63 ޕޮއިންޓެވެ. މި ހީޓް ކާމިޔާބު ކުރީ 12.83 ޕޮއިންޓް ހޯދި ޖަޕާނުގެ އިއްކޮ ވަޓަނަބޭ އެވެ. ދެވަނައަށް ދިޔަ ޗައިނީޒް ތައިޕޭގެ ޖޯން ޖޯން ޗާން އަށް 11.17 ޕޮއިންޓް ލިބުނު އިރު ސިންގަޕޫރުގެ ޖޫލިއެން މާކް ސްޕަކަރޮޓެއްލާ އަށް ލިބުނީ 6.50 ޕޮއިންޓެވެ.
ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގެ ދެވަނަ ހީޓުގައި ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ވާދަ ކުރެ އެވެ. އެއީ ޔަސީން އާއި މަދުހު އަދި ޝާނިފް އެވެ. މި ތިން ރާޅާއެޅުންތެރިންނާ އެކު ދެން ހިމެނެނީ ދެކުނު ކޮރެއާގެ ދޮހޫން ޔުން އެވެ. ތިންވަނަ ހީޓުގައި ސައްޔިދާއި ކަޔާން އަރީފް އަދި ޒަޔާން އާއެކު ދެން ހިމެނެނީ ތައިލެންޑްގެ މާސްޓާ ޓިން ޖޯންސަން އެވެ.