11 ޖުލައި 2023 - 13:35

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިތުރު ދެ އޭޓީއާރު ބޯޓު ކުއްޔަށް ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިިވިއަން އިން ގެޒެޓު ކުރި އިއުލާނުގައިވާ ގޮތުން އޭޓީއާރްގެ ދެ މަތިންދާ ބޯޓު ހޯދަން އެދިފައިވަނީ ލީޒްކޮށްގެންނެވެ. އަދި ލީޒް މުއްދަތު އެންމެ މަދުވެގެން 15 އަހަރު ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ ތެރެއިން އެއް މަތިންދާ ބޯޓު ބޭނުން ވަނީ މި އަހަރުގެ ފަހުކޮޅަށެވެ. އަދި އަނެއް ބޯޓު ބޭނުން ވަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ކަމަށް ލީޒް ރިކުއެސްޓް ޕްރޮޕޯސަލްގައި ބުނެފައިވެ އެވެ.
މޯލްޑިވިއަން އިން ހޯދަން އެދިފައިވަނީ އޭޓީއާރްގެ 42 މީހުންގެ ޖާގައިގެ ދެ ބޯޓަށެވެ. މޯލްޑިވިއަން އިން ވަނީ މި އަހަރު ކުރީކޮޅު އޭޓީއާރްގެ 72 މީހުންގެ ޖާގައިގެ ދެ ބޯޓާއި އޭޓީއާރްގެ 42 މީހުންގެ ޖާގައިގެ ބޯޓެއް ވެސް ގެނެސްފަ އެވެ. އެ އެއާލައިންގެ ފްލީޓުގައި 14 މަތިންދާ ބޯޓު ހިމެނެ އެވެ.
އޭޓީއާރް ދެ ބޯޓު ލީޒް ކުރަން ބޭނުންވާ ފަރާތްތަކުން ލީޒް ރެންޓާއި ސެކިއުރިޓީ ޑިޕޮސިޓާއި މެއިންޓަނަސް ރޭޓުތަކަށް ހިމެނޭ ގޮތަށް އަގު ކަނޑައަޅައި މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް މޯލްޑިވިއަން އިން ވަނީ އެދިފަ އެވެ.
މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ވަރަކަށް ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުތައް ކުރަމުންނެވެ. އެ އެއާލައިންގެ ފްލީޓު ބާވެ، ބޯޓުތައް އާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެންނެވެ.