30 ޖެނުއަރީ 2017 - 14:07

މުސްލިމުން ގިނަ ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ދިޔުމާއި ރެފިއުޖީން އެ ގައުމަށް އެތެރެވުން ރައީސް ޑޮނަލްޑް ޓްރަމްޕް މަނާކުރެއްވުމުން ސްޓާބަކްސް އިން ވަރުގަދަ ރައްދެއް ދީފި އެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭ 10،000 ރެފިއުޖީންނަށް އެ ކުންފުނިން ވަޒީފާ ދޭނެ އެވެ.
ސްޓާބަކްސް ކުންފުނީގެ ޗެއާމަން އަދި ސީއީއޯ ހަވަޑް ޝުލްޓްޒް މުވައްޒަފުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވިގޮތުގައި 75 ގައުމެއްގައި ހުޅުވާފައިވާ ސްޓާބަކްސް ކެފޭތަކުން ރެފިއުޖީންނަށް ވަޒީފާ ހަމަޖައްސައިދޭން ފަށާނީ އެމެރިކާގަ އެވެ. އެ ފުރުސަތުގައި އިސްކަންދޭނީ ތަރުޖަމާނުންގެ ގޮތުގައި އަދި ސަޕޯޓް ދޭ މީހުންގެ ގޮތުގައި އެމެރިކާ ސިފައިންނާ އެކު މަސައްކަތްކޮށްފައިވާ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަނަށް ސަޕޯޓްކުރެއްވި ޝުލްޓްޒް ވަނީ ޓްރަމްޕްގެ އެޖެންޑާގައި ހިމެނޭ އެހެން ބައެއް ކަންކަމުގެ ރައްދުގައި ވެސް އާ ސިޔާސަތުތަކެއް އިއުލާންކުރައްވައިފަ އެވެ. އެގޮތުން މެކްސިކޯގެ ކޮފީ ހައްދާ މީހުންނަށް އެހީތެރިވުމަށާއި "އޮބާމާކެއާ" ގާނޫނު އުވާލައިފި ނަމަ ކުންފުނިން މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދިނުމަށް ވެސް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.
އީރާން، އިރާގު، ލީބިޔާ، ސޯމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަނުގެ މީހުން އެމެރިކާ އަށް ދަތުރުކުރުން މަދުވެގެން 90 ދުވަހަށް ހުއްޓުވާފައިވާ އިރު ސީރިއާގެ ރެފިއުޖީން އެ ގައުމަށް އެތެރެވުން މުއްދަތެއް ނެތް ގޮތަށް ވަނީ މަނާކޮށްފަ އެވެ. ޓްރަމްޕް ނެރުއްވި އެ އަމުރާ ގުޅިގެން އޭނާ އަށް ފާޑުކިޔަމުންދާ މީހުންގެ ތެރޭގައި އެމެރިކާގެ އެކި ކުންފުނިތަކުގެ ވެރިން ވެސް ހިމެނެ އެވެ. އަދި އެއާބީއެންބީގެ ފައުންޑާ އަދި ސީއީއޯ ބްރަޔަން ޗެސްކީ ވަނީ އެމެރިކާ އަށް ވަނުން މަނާ ކޮންމެ މީހަކަށް ހިލޭ ގެދޮރު ފޯރުކޮށްދެއްވަން ވެސް ވައުދުވެވަޑައިގެންފަ އެވެ.
ޓްރަމްޕްގެ ފިޔަވަޅާ ދެކޮޅަށް އެމެރިކާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ގޫގްލްގެ އެއް ފައުންޑަރު ސާޖީ ބްރިން ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި ޓެސްލާ، އެޕަލް، ފޭސްބުކް، އަދި މައިކްރޮސޮފްޓްގެ ސީއީއޯގެ މަގާމްގައި ތިއްބެވި ބޭބޭފުޅުން ވަނީ އެ އަމުރާ ދެކޮޅަށް ވާހަކަދައްކަވައިފަ އެވެ.
އެކަމަކު ޓްރަމްޕްގެ ސިޔާސަތަށް އެންމެ ވަރުގަދަ ރައްދެއް މިހާތަނަށް ދީފައިވަނީ ސްޓާބަކްސް އިންނެވެ.
ޝުލްޓްޒްގެ ސިޓީގައި ވިދާޅުވީ އާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ކަންބޮޑުވެ ހިތާމަކުރައްވާ ކަމަށާއި އެ ކަންކަމާ ގުޅިގެން ނުތަނަވަސްކަން އިތުރުވަމުންދާ އިރު ކަމެއް ނުކޮށް ހިމޭނުން ސްޓާބަކްސް ނޯންނާނެ ކަމަށެވެ.