މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ގައްބަރޭ ދޫކޮށްލި އަމުރު އިސްތިއުނާފަށް
މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ގައްބަރޭ ދޫކޮށްލި އަމުރު އިސްތިއުނާފަށް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

އެ އޮފީހުން ބުނީ ގައްބަރޭ ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކެފޭއެއްގެ ތެރޭގައި މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކޯޓުން 30 ދުވަހަށް ކުރިން އިތުރުކުރި އެވެ. ގައްބަރޭ ހައްޔަރުކުރީ އޭނާ ހޯދަން އިއުލާންކޮށްފައި ވަނިކޮށް އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.

ކްރިމިނަލް ކޯޓުން ގައްބަރޭ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު އޭނާ ދޫކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ.

ގައްބަރޭއަކީ މީގެކުރިން ވެސް އެފަދަ ބައެއް މައްސަލަތަކުގައި ހައްޔަރުކުރި މީހެކެވެ.

މެމްބަރު ޒަރީރަށް ހަމަލާދީފައިވަނީ ގްރޫޕަކުންނެވެ. ނަމަވެސް އެ މައްސަލާގައި އިތުރު ބަޔަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.