ޝައްކު އުފެއްދީތީ ޑރ. ޝަހީމް ހިތްހަމަނުޖެހިއްޖެ!
ޝައްކު އުފެއްދީތީ ޑރ. ޝަހީމް ހިތްހަމަނުޖެހިއްޖެ!

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރާ ގުޅިވަޑައިގަންނަވަނީ ކަމަށް ޕީޕީއެމްގެ މެންބަރުން ތުހުމަތު ކުރުމުން ނުރުހުން ފާޅު ކުރައްވައި އެކަމަށް ރައްދު ދެއްވައިފި އެވެ.

އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރެއްވި ޑރ. ޝަހީމަކީ ޕީޕީއެމް/ޕީއެންސީ އަށް ޔާމީން ކަނޑައަޅާފައިވާ އެޑްވައިޒަރެކެވެ.

ނަމަވެސް އޭނާ އަށް ސަރުކާރުން ދައުވަތު ލިބިފައިވާ ކަމަށް އަޑުފެތުރެން ފެށުމުން ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގްރޫޕުގައި މެންބަރުން ވަނީ ޝަހީމް އާ އެ ސުވާލު ކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ޝަހީމް ވަޑައިގަންނަވަނީތޯ އާއި ޑރ. ޝަހީމް ހިންގަވާ ސްކޫލެއް އަޅަން ހުޅުމާލެއިން ބިމެއް ދެނީތޯ ބައެއް މެންބަރުން ތުހުމަތު ކުރެއްވި އެވެ.

އެކަމަށް ރައްދު ދެއްވައި ޝަހީމް މިއަދު އެ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޕީޕީއެމް އާއެކު ކުރެވުނު މަސައްކަތުގެ ބަދަލުގައި އެ ޕާޓީން ދެއްވި އިނާމަށް އަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން 2013-2023 ދިހަ އަހަރު ޕީޕީއެމް އަށް ކުރި ހިދުމަތަށް ތިޔަ ދެއްވި އިނާމަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ބޮޑެތި ނިންމުންތައް ނިންމާއިރު ޕާޓީން އެޑްވައިޒަރުންނާއި ސެނެޓްގެ މެންބަރުން ކައިރީ ވެސް މަޝްވަރާ ނުހޯދާ ކަމުގެ ޝަކުވާ އޮވެ އެވެ. ޕީޕީއެމްގެ އިސް ބޭފުޅުންތައް އެކަހެރި ކުރައްވާ ވަކި ލީޑަޝިޕްގެ ވަކި މެންބަރުންތަކެއް އެ މަޝްވަރާތަކަށް އިސް ނަގާ ކަމުގެ ޝަކުވާ ވެސް ޕާޓީގެ ތެރޭގައި އެބަ އޮތެވެ.

ނަމަވެސް ޕީޕީއެމުން ޕާޓީގެ ތެރޭގައި އެފަދަ އެއްވެސް މައްސަލައެއް އޮތް ކަމަކަށް އެއްބަހެއް ނުވެ އެވެ.