ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އަދީބަށް ދީފި
ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އަދީބަށް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް 10 ދުވަހަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ދީފި އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އެއްޗެއް ނުބުންޏެވެ. އެކަމަކު، އަދީބުގެ އާއިލީ ބޭފުޅަކު "މިހާރު" ޔަގީންކޮށް ދެއްވި ގޮތުގައި ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ އަދީބަށް ވަނީ ލިބިފަ އެވެ. އަދި ވީ އެންމެ އަވަހަކަށް ފުރުމުގެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ.

ބޭސްފަރުވާ އަށް އަދީބު ފުރުމުގެ ހުއްދަ ދީފައިވާއިރު، މިފަހުން އޭނާ އަށް ވަނީ އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާދީފަ އެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދައަށް އެދުނީ އޭގެފަހުންނެވެ.

އަދީބުގެ ޕާޓީ، އެމްޓީޑީއިން ބުނެފައިވަނީ އަދީބު ދަނީ ފުރާނަ އަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. އެ ބައްޔަށް އޭނާ ހުށަހެޅުނީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކަމަށް އެ ޕާޓީން ބުނެ އެވެ.

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން އަދީބަށް މިފަހުން ފަރުވާދިން ނަމަވެސް، މިހާރު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް، އޭނާގެ ހާލު އަދިވެސް ރަނގަޅު ނޫން ކަމަށް އާއިލާ ބޭފުޅާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެކަމަކު ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ.

އަދީބު ވަނީ ޕެރޯލްގެ ދަށުން ޖަލު ހުކުމްގެ ލުޔަކަށް ވެސް އެދިފަ އެވެ. ނަމަވެސް، އެ ފުރުސަތު އަދި ދީފައެއް ނުވެ އެވެ.