11 ޖުލައި 2023 - 12:40

ރާއްޖޭގައި 2008އިން ފެށިގެން މިހާތަނަށް ބޭއްވި އިންތިހާބުތަކުން ރަނގަޅު ވެރިއަކާ ދިމާނުވި ކަމަށާއި ދެން ހައްލު ހޯދަން ޖެހެނީ ނިޒާމު ބަދަލުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންތައް މަޝްވަރާއަށް ހުޅުވާލައިފަ އެވެ. ރޭގެ ބައްދަލުވުމުގައި ހިޔާލަށް ހުޅުވާލެއްވީ ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ބަދަލުކުރާށެވެ.

ނަޝީދު ވިދާޅުވީ މިހާރު ހިނގާ ގޮތަށް 87 ދާއިރާ ބާއްވައިގެން ހިންގާނީތޯ ނުވަތަ ބަދަލުތަކެއް ގެންނާނީތޯ ނިންމަން ޖެހިފައިވާ ކަމަށެވެ. ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އާބާދީއަށް ބަލައި މަޖިލީހަށް ދާއިރާ އިތުރުވެ މެމްބަރުންގެ އަދަދު ގިނަވުން ހައްލުކުރަން އަތޮޅުތަކުން 55 ގޮނޑި މަޖިލީހުގައި ތަމްސީލްވާ ގޮތަށް ބަދަލުކުރުމެވެ. އެކަމަކު މިއީ ހިޔާލެއް ކަން ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަންނަވާ މެމްބަރަކު ވަކި ހިސާބަކުން ވަކިކުރަން އެ ދާއިރާގެ ރައްޔިތުން ބޭނުންވިޔަސް މެމްބަރުން ވަކިކުރެވޭނެ ގޮތެއް ނެތުމާއި އަންހެނުންގެ ބައިވެރިވުން ބޮޑުކުރެވޭނެ ގޮތެއް ނެތުމުގެ މައްސަލައަށް ހައްލު ހޯދަން ޖެހެ އެވެ.
އެއާއެކު އާބާދީގައި ހިމެނޭ ހާއްސަ ޖަމާއަތްތަކަށް ފުރުސަތު ދިނުމާއި މުޅި ރާއްޖޭގެ ފަރާތުން ވަކާލާތުކުރާ މީހުން މަޖިލީހުގައި އިތުރުކުރަން ވެސް ހިޔާލަށް ހުޅުވާލި އެވެ.
ސަރުކާރު ހިންގުމުގައި މަޖިލީސްގެ ބައިވެރިވުން ބޮޑުވާނެ ގޮތެއް ނުވަތަ ނިޒާމް ބަދަލުކުރަން ވަކާލާތުކުރައްވާ ހުށަހެޅުން ވެސް ނަޝީދު ހުށަހެޅުއްވި އެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ކުޑަތަންވެފައި އޮތްއިރު އެހެން ޕާޓީތަކުން ސިޔާސަތެއް ހުށަހަޅައިގެން އެއަށް ވާހަކަ ދައްކަ ތަނެއް ނުފެންނަ ކަމަށެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓެއް ނެތް ކަމަށް އުފައްދާ ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ސުވާލު އުފެއްދިޔަސް މުހިއްމީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކެންޑިޑޭޓެއް ނޫނެވެ. މުހިއްމީ ސިޔާސަތު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކު ކުރިމަތިލިޔަސް ގޯސް މިވަނީ. އަދި ރަނގަޅު މީހަކު ވަން ކަމަކަށް ނުވޭ. އަޅުގަނޑުމެން މިއުޅެނީ ގޯސް މީހާއަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭނެ ނިޒާމެއް ތައްޔާރުކުރުން،" އަންނަ ބުރާސްފަތިދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ޑިމޮކްރެޓްސްއަށް ސޮއިކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މުޅި ހަޔާތް މިދަނީ މިކަމުގައި، ރަނގަޅު މީހަކަށް ދިމައެއް ނުވޭ. ވަރިހަމަ ގާތް ރަހުމަތްތެރިއަކަސް، ވަރިހަމަ ކޮންމެ މީހަކަށް ވިޔަސް. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑެއް ނޫޅެން މިހާރު ރަނގަޅު މީހެއް ހޯދާކަށް. އަޅުގަނޑަށް ލަފައެއް ނުކުރެވޭ ތިޔަބުނާ ރަނގަޅު މީހާއާ ދިމާވާނެ ކަމަކަށް."
ނަޝީދު ވިދާޅުވީ ކޮންމެ ގައުމެއްގައި ވިޔަސް ރަނގަޅު ވަނީ ވެރިކަންކުރާ މީހާ ނޫން ކަމަށާއި ނިޒާމް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ވެރިކަމުގައި ހިންގާ ކޮންކްރީޓްތައް މަޑުޖައްސާލުމަށް ފަހު ގައުމި މިދަނީ ކޮން މިސާރަބަަކަށްތޯ ވިސްނަން ޖެހެ އެެވެ. މި އިންތިހާބުގައި ދައްކަންވީ ވާން އުޅޭ ގޮތެއްގެ ވާހަކަ ކަމަށާއި އެއީ ނިޒާމީ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.