އިބާދުﷲ އަށް އަނިޔާވެ ސީޒަން ނިމިއްޖެ
އިބާދުﷲ އަށް އަނިޔާވެ ސީޒަން ނިމިއްޖެ

ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ ރާއްޖޭގެ ދުވުންތެރިޔާ އިބާދުﷲ އާދަމް އަށް އަނިޔާވެ، އޭނާ ނުހިމަނައި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ ޓީމު ތައްޔާރު ވެއްޖެ އެވެ.

އިބާދުﷲ އަށް އަނިޔާވެ ސީޒަން ނިމިއްޖެ
އިބާދުﷲ އަށް އަނިޔާވެ ސީޒަން ނިމިއްޖެ

އަންނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިްސް އަށް ތައްޔާރު ވުމުގެ އަޒުމުގައި ދެ އަހަރުގެ ތަމްރީން ސްކޮލާޝިޕެއްގައި ސްޕްރިންޓަރު އިބާދުﷲ ޖެމެއިކާއަށް ފުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އިބާދުﷲ އަކީ މިދިޔަ އަހަރު އޮގަސްޓް މަހު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި 200 މީޓަރުން ސެމީ ފައިނަލަށް ދަތުރު ކުރި އެތުލީޓެކެވެ. ސޯޝަލް މީޑިއާގައި އޭނާ ބުނެފައި ވަނީ، އަނިޔާ ވެގެން އޭނާ އަށް މިއަހަރުގެ ސީޒަން ނިމިފައި ވާކަން އޭނާ ވަނީ އެ ޕޯސްޓުގައި ބުނެފަ އެވެ.

"އުންމީދުކުރި ގޮތާ ހިލާފަށް، ކުރިމަތިވި އަނިޔާއަކާ ގުޅިގެން އަހަރެންނަށް މިވަނީ ސީޒަން ނިމިފައި،" އިބާދުﷲ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓުގައި ލިޔެފައި ވެއެވެ.

މި މަހު 12-16 އަށް ތައިލެންޑުގައި ކުރިއަށް ގެންދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ސްކޮޑުގައި އިބާދުﷲ ގެ އިތުރުން، ޖެމެއިކާގައި ތަމްރީނު ހަދާ ރާއްޖޭގެ މުހައްމަދު މިންހާލް ޝާމިން އާއި އައިޝަތު ހިމްނާ ހަސަން އަދި މަރިޔަމް ރޫޔާ އަލީ ވެސް ނުހިމެނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މިދިޔަ ހުކުރު ދުވަހު، ޗެމްޕިއަންޝިޕަށް ދާ ރާއްޖޭގެ 15 ދުވުންތެރިންގެ ސްކޮޑް އިއުލާން ކޮށްފަ އެވެ.

ތައިލެންޑަށްދާ ސްކޮޑުގައި ފިރިހެން އަށް ދުވުންތެރިންނާއި، އަންހެން ހަތް ދުވުންތެރިން ހިމެނެ އެވެ. ފިރިހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ހަސަން ސާއިދު، ނަޖުދާން އަބްދުﷲ، ހުސެއިން ރިޒާ (ކުޑަ ރިޒާ)، އިބްރާހިމް ނާހިލް ނިޒާރު، ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)، ބްދުއްރަޝީދު އިސްމާއިލް (ރައްޓު)، އާދަމް ރިއްފަތު އަދި ނުޖޫމް ހަސަން އެވެ.

އަންހެން ދުވުންތެރިންނަކީ ހައްވާ މުޒްނާ ފާއިޒް، ޒިވާ މޫސާ ޝަފީއު، އަހްނާ ނިޒާރު، ފަސޫހާ އަހުމަދު، މަރިޔަމް އަލްހާ ހުސެއިން، އައިޝަތު ޝަބާ ސަލީމް އަދި އާމިނަތު ލަޔާނާ މުހައްމަދެވެ.

އޭޝިއާ މުބާރާތާ އެކު ރާއްޖޭގެ އެތުލީޓުންނަށް މިވަނީ އަންނަ މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ރަނގަޅު ފެންވަރު މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ލިބިފަ އެވެ.

ހުކުރު ދުވަހު އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ، އައިއޯއައިޖީގެ ޔޫތު ކޭމްޕަށް ހޮވުނު ދެ ކުދިން ވެސް އިއުލާން ކޮށްފަ އެވެ. އައިއޯއައިޖީގެ ޔޫތު ކޭމްޕަށް ހޮވުނީ އަހުމަދު ހޫދު ހަސަން އާއި ޔޫސުފް އައިޝް މުހައްމަދެވެ.