އެމެރިކާ އިން މަނާކުރާ ގައުމުތަކުގެ ލިސްޓަށް ޕާކިސްތާން އިތުރުކޮށްފާނެ
އެމެރިކާ އިން މަނާކުރާ ގައުމުތަކުގެ ލިސްޓަށް ޕާކިސްތާން އިތުރުކޮށްފާނެ

ވޮޝިންޓަން (ޖެނުއަރީ 30) - އެމެރިކާ އަށް ވަނުން މަނާކުރާ ގައުމުތަކުގެ މީހުންގެ ލިސްޓަށް ޕާކިސްތާން ލުމަށް ކުރިން ވިސްނި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ލިސްޓަށް ޕާކިސްތާން އިތުރު ކުރުމަކީ ވެދާނެ ކަމެއް ކަމަށް ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ރެއިންސް ޕްރީބަސް ވިދާޅުވެއްޖެ އެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާ އިމިގްރޭޝަން ސިޔާސަތުގެ ދަށުން މަނާކޮށްފަ އެވެ. އެއީ ސީރިއާ، އީރާން، އިރާގު، ލީބިއާ، ސޮމާލިއާ، ޔަމަން އަދި ލީބިއާ އެވެ.

"އެ ހަތް ގައުމަކީ ކޮންގްރެސް އާއި ރައީސް އޮބާމާގެ ސަރުކާރުން ވެސް ޓެރަރިޒަމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ގައުމުތައް،" ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޕްރީބަސް ވިދާޅުވި އެވެ. "މި ބާވަތުގެ އެހެން ގައުމުތައް ވެސް ލިސްޓުގައި ހިމެނިދާނެ. މިސާލަކަށް ޕާކިސްތާނާއި އެހެން ބައެއް ގައުމުތައް."

ޓްރަމްޕް ނެރުއްވި އަމުރުގައި ނުހިމެނުނު ނަމަވެސް ޕާކިސްތާނާއި އަފްޣާނިސްތާން މީހުން އެމެރިކާ އަށް އެތެރެވާ އިރު މިހާރު ދަނީ ވަރަށް ބޮޑަށް ޗެކް ކުރަމުންނެވެ. ޕާކިސްތާން ދަރިކޮޅުގެ ގިނަ ބަޔަކާއި ޕާމަނަންޓް ރެސިޑެންޓުންގެ ގޮތުގައި ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު އެމެރިކާގައި ދިިރިއުޅެ އެވެ.

ޕްރީބަސް ވިދާޅުވީ ޓްރަމްޕް ސަރުކާރުގެ ބޭނުމަކީ އެމެރިކާގެ ރައްޔިތުން ހިމާޔަތް ކުރުން ކަމަށެވެ.

"ޓެރަރިސްޓުންނަށް ވާގިވެރިވާ ގައުމުތަކާއި ޓެރަރިސްޓުން ތަމްރީނު ކުރާ ގައުމުތައް ވެސް އެބަވޭ. ބޭނުމަކީ އެ ގައުމުތަކުގެ މީހުންގެ ފަރާތުން އެމެރިކާ އަށް ކުރިމަތިކޮށްފާނެ ގެއްލުމަކުން ސަލާމަތް ކުރުން،" ޕްރީބަސް ވިދާޅުވި އެވެ.

ޗީފް އޮފް ސްޓާފް ވިދާޅުވީ އެމެރިކާގެ ރައްޔިތުން ރައީސް ކަމަށް ޓްރަމްޕް އިންތިޚާބު ކުރީ އޭނާގެ އިމިގްރޭޝަން ސިޔާސަތު އެނގި ހުރެ ކަމަށެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އަދި އެ ސިޔާސަތާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުގައި ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ.