ޑިޖިޓަލް ސްޓްރެޓިޖީއާ އެކު، ކޮރަޕްޝަނަށް އޮތް ފުރުސަތު ވަރަށް ހަނިވާނެ: ރައީސް
ޑިޖިޓަލް ސްޓްރެޓިޖީއާ އެކު، ކޮރަޕްޝަނަށް އޮތް ފުރުސަތު ވަރަށް ހަނިވާނެ: ރައީސް

ޑިޖިޓަލް ސްޓްރެޓިޖީއާ އެކު، ކޮރަޕްޝަނަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އިދާރާތަކުން ހިދުމަތް ހޯދުމަށް "ވަންގަވް" ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، ޑިޖިޓަލް ސަރުކާރު ހިނގައިގަތުމުން ލިބޭ ފައިދާތަކެއް އެބަހުރި ކަމަށެވެ. އެއް ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ނޭއްގާނީ އަމަލުތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވުމެވެ. އަނެއް ކަމަކީ ސަރުކާރުގެ ހިދުމަތްތައް ލިބިގަތުމުގައި ކަރުދާސް ބޭނުންކުރަންޖެހޭ ވަރަށް ވަރަށް ބޮޑަށް ކުޑަވުން ކަމަށް ވިދާޅުވި އެވެ.

އެއީ، އިގުތިސޯދީ އަދި ތިމާވެށީގެ ނަޒަރުން ބަލާއިރު ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ އެ މީހަކު ހުރި ތަނަކުން، އެ ބޭނުންވާ ހިދުމަތެއް އިނގިލި ކުރިއަށް ތިލަވުމެވެ. ރާއްޖެ ކަހަލަ ގިނަ އަތޮޅުތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމަކަށް ޑިޖިޓަލް ސަރުކާރެއް ވަރަށް މުހިއްމު ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަކަށް ބަލާއިރު ވެސް ޑިޖިޓަލް ސަރުކާރެއްގެ ބޭނުންތެރިކަން ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ބޮޑު. ދިވެހިން އެދޭ އިގުތިސޯދީ ކުރިއެރުމަށް ބަލާއިރު ވެސް އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ވެސް ޑިޖިޓަލް ސަރުކާރެއް ދިވެހިންނަށް މިހާރު ކޮންމެހެން ބޭނުންވޭ،" ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީހަކުން ހިދުމަތެއް ހޯދާ ނަމަ ކުރިއްސުރެ ހިނގަމުން ދިޔަ މަގަކީ، ކަނޑު ހުރަސްކޮށް ވެރިރަށް، މާލެ އަށް ދަތުރުކުރުން ކަމަށާއި މާލެ އާދެވޭނެ ގޮތެއް ނެތް ނަމަ ޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ހިދުމަތް ނުހޯދާ ތިބުމެވެ. ހިދުމަތެއް ހޯދަން އޮފީހަކަށް ދެވުނަސް ކިއުގައި ގިނަ ވަގުތު މަޑުކުރަން ޖެހުމުގެ އުނދަގޫތައް ބޮޑުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެ ހުރިހާ ތަކުލީފެއް އުފުލަން ޖެހޭއިރު ބޭނުންވާ ހިދުމަތާ ގުޅޭ އެންމެ އެކަށީގެންވާ މައުލޫމާތު އެއް ތަނަކުން ލިބޭކަށް ނުހުރޭ. ހިދުމަތެއް ހޯދުމަށްޓަކައި ފޯމެއް ފުރައި އެތައް ލިޔުންތަކެއް ކަރުދާހަށް ޕްރިންޓްކޮށް ހުށަހަޅަން ޖެހުމަކީ ވެސް ރައްޔިތުން އުފުލަމުން އަންނަ މަޖުބޫރުވީ ޒިންމާއެއް. އެ ތަކުލީފުތަކަށް އަޅުގަނޑުމެން މި ހޯދައިދޭ ލުޔަކީ ވަންގަވް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ވަންގަވް ހިދުމަތް ފެށީ ފަސް އިދާރާއަކުންނެވެ. އެއީ އިކޮނޮމިކް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ފުވައްމުލަކު ސިޓީ ކައުންސިލެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ އެ އިދާރާތަކަށް ވަކިން ގުޅުމުގެ ބަދަލުގައި 1500 އަށް ގުޅައިގެން، ވަންގޮވްގައި މި ވަގުތު ބައިވެރިވެފައިވާ ތަންތަނުގެ މައުލޫމާތު ލިބޭނެ ކަމަށެވެ. ހުރިހާ އިދާރާއެއް އެ ނިޒާމަށް އެކުވުމުން، އެ ނަމްބަރު ވާނީ ސަރުކާރުގެ މައި ކޯލް ސެންޓަރަށެވެ.

"އަޅުގަނޑުމެން މި ގާއިމުކުރާ ޑިޖިޓަލް ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުން. ޑިޖިޓަލް ސަރުކާރުގައި ހިމެނޭ މުއައްސަސާތަކުގެ އެޕްލިކޭޝަން ފޯމުތައް މިހާރު ހުންނާނީ ފަސޭހައިން ހިދުމަތްތަކަށް އެދެވޭނެ ގޮތަށް ބަދަލުކޮށްފައި. އަދި ހޯދަން ބޭނުންވާ ހިދުމަތްތަކާ ބެހޭ ހުރިހާ މައުލޫމާތެއް އެއް ތަނަކުން ލިބޭނެ. މީގެ ސަބަބުން ރައްޔިތުންގެ އެތައް ވަގުތެއް ސަލާމަތްކުރެވި، ހިދުމަތް އަވަސްވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މިފަދަ ޒަމާނީ ޓެކްނޮލޮޖީތަކާއެކު ކަންބޮޑުވުންތަކެއްވެސް ހުންނާނެ ކަން ފާހަގަކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، "ވަންގަވް" ހަދާފައިވަނީ ޒަމާނީ، އީޖާދީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށް، ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ ފެންވަރެއްގަ އެވެ.

"ވަންގަވް" އިން ހިދުމަތް ދޭއިރު، ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކުރުމުގެ ހުއްދައަށް އެދޭނެ އެވެ. އ ހިދުމަތެއް ފޯރުކޮށްދޭނީ، އެ މީހާގެ ޒާތީ މައުލޫމާތު ބޭނުންކުރުމުގެ ހުއްދަ އޮންނަ، އީ ފާސް މެދުވެރިކޮށް، އެ މީހަކު އަމިއްލައަށް ދިނުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ހުރިހާ ދިވެހިން ވެސް އީ ފާސް ހެދުމަށް ރައީސް މިއަދު އިލްތިމާސް ކުރެއްވި އެވެ.