10 ޖުލައި 2023 - 15:13

ކ. ތުލުސްދޫގައި އިއްޔެ ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި، ފިރިހެން އޯޕަން ޑިވިޝަންގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި މިއަދު ރާޅާއެޅި ދިވެހި ހަ ރާޅާއެޅުންތެރިން ވެސް ވާދަކުރި ހީޓުތަކުން އެއްވަނަ ހޯދައިފި އެވެ.
ފުރަތަމަ ބުރުގައި 12 ހީޓު ކުރިއަށް ގެންދިޔައިރު، އިއްޔެ ވަނީ ފުރަތަމަ ހަ ހީޓު ބާއްވާފަ އެވެ. މިއަދުގެ ހީޓްތައް ފެށީ ހެނދުނު 11:30 ގަ އެވެ. ފުރަތަމަ ބުރުގެ ބާކީ ހަ ހީޓުން ވެސް ދިވެހި ސާފަރުން އެއްވަނަ ހޯދި އެވެ.
މީގެ ތެރެއިން ވެސް އެންމެ ތަފާތު ސްކޯއެއް ހޯދީ މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން، ތުލުސްދޫގެ އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަންމަޑޭ ވަނީ 11 ވަނަ ހީޓުގައި ވާދަކޮށް ޖުމްލަ 17.67 ޕޮއިންޓް ހޯދައިގެން ހީޓުގެ އެއްވަނަ ހޯދައިފަ އެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 8.17 އަކާއި 9.50 ޕޮއިންޓެއް ހޯދައިފަ އެވެ. ދެ ސްކޯ ވެސް ހޯދީ ބެރަލް ރާޅަކުންނެވެ.
އަންމަޑޭގެ ފަހަތުން މި ހީޓުގެ ދެވަނައިގައި ނިންމީ 9.84 ޕޮއިންޓް ހޯދި ލަންކާގެ ލަކްޝިތާ މަދުޝާން އެވެ. ތިންވަނައަށް ދިޔަ އިރާނުގެ އަރާޝް ސަގާރީ ޝަޒްހަމްދާނީ އަށް ލިބުނީ 1.94 ޕޮއިންޓެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުން ބްރޯންޒް މެޑަލް ހޯދި ހުސެއިން އަރީފް (އިބޫ) ވާދަކުރީ މި ބުރުގެ ފަހު ހީޓުގަ އެވެ. އިބޫ އެއްވަނަ ހޯދީ ޖުމްލަ 12.33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ 4.67 ޕޮއިންޓް ހޯދި އަފްގާނިސްތާނުގެ އަފްރިދޫން އަމޫ އެވެ.
ހޫދު އަހުމަދު (ހޫބްޒް) އެއްވަނަ ހޯދީ 10 ވަނަ ހީޓުގައި ވާދަކޮށް 13.50 ޕޮއިންޓް ހޯދައިގެންނެވެ. ހީޓުގެ ދެވަނައަށް ދިޔައީ 10.83 ޕޮއިންޓް ހޯދި ލަންކާގެ ކަނަޕަތީ ރަމޭޝް ޖޭ ހޭލާ އެވެ. ހީޓު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ވެސް ހޫބްޒް ދެވަނައިގައި އޮތް އިރު އޭނާ އެއްވަނައަށް އެރީ ބެރަލް އެއް ދުއްވާލައިގެން 7.50 ޕޮއިންޓް ސްކޯ ކޮށްގެންނެވެ.
ހީޓު 9 ގައި ވާދަކުރި އިސްމާއިލް މިގުލާލް (ކުޑަ އިއްސެ) ވަނީ ޖުމްލަ 11.17 ޕޮއިންޓް ހޯދައިގެން މި ހީޓު ކާމިޔާބު ކޮށްފަ އެވެ. ދެވަނައަށް ދިޔައީ އަށް ޕޮއިންޓް ހޯދި ޗައިނީސް ޓައިޕޭގެ ޖޯން ޖޯން ޗާން އެވެ.
އަށްވަނަ ހީޓުގައި ވާދަކުރި އަބްދުﷲ އަރީފް (ފުކޫ) އެއްވަނަ ހޯދީ 10.50 ހޯދައިގެންނެވެ. ދެވަނައަށް ދިޔަ ސިންގަޕޫރުގެ ޖޫލިއެން މާކް ސްޕަކަރޮޓޭލާ އަށް ހޯދުނީ 6.84 ޕޮއިންޓެވެ.
މިއަދު އެޅި ފުރަތަމަ ހީޓު ކަމަށްވާ، މެއިން އިވެންޓުގެ ހަވަނަ ހީޓުގައި ވާދަކުރި ޖައިލަމް ނިޒާރު އެއްވަނަ ހޯދީ 9.67 ޕޮއިންޓް ހޯދައިގެން ބަންގްލަދޭޝްގެ މުހައްމަދު މަންނާން ފަހަތަށް ޖައްސާލައިފަ އެވެ. މަންނާން އަށް ހޯދުނީ 7.26 ޕޮއިންޓެވެ.
ޖައިލަމް މި ހީޓުގެ އެއްވަނަ ހޯދުމުން އޭނާ ވާދަކުރަން ޖެހޭނީ ދެވަނަ ބުރުގެ ފުރަތަމަ ހީޓުގައި، ތުލުސްދޫގެ ހަސަން ނާސިހު (ޗިކާ) އާއި އާދަމް މުއީން އިބްރާހިމް އާ އެކު އެވެ. ޗިކާ އާއި މުއީން ވަނީ ފުރަތަމަ ބުރުގައި އިއްޔެ ވާދަކުރި ހީޓުތަކުން ދެވަނަ ހޯދައިފަ އެވެ. ރާއްޖޭގެ ތިން ރާޅާއެޅުންތެރިންނާ އެކު މި ހީޓުގައި ދެން ވާދަކުރާނީ ޖަޕާނުގެ އިއްކޮ ވަޓަނަބޭ އެވެ.
ޖައިލަމް އާއި ޗިކާ އަދި މުއީންގެ އިތުރުން ރާއްޖޭގެ ފަސް ރާޅާއެޅުންތެރިން ވެސް ވާދަކުރާނީ ވަކިވަކި ހީޓުގަ އެވެ. ދެވަނަ ބުރުގައި މުޅި އެކު ހަ ހީޓު ކުރިއަށް ގެންދާނެ އެވެ.