ދައުލަތުގެ އިދާރާތަކުން ހިދުމަތް ހޯދަން "ވަންގަވް"
ދައުލަތުގެ އިދާރާތަކުން ހިދުމަތް ހޯދަން "ވަންގަވް"

ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހިދުމަތް ހޯދުމަށް އޮންލައިން ޕޯޓަލް، "ވަންގަވް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ލޯންޗުކޮށްދެއްވައިފި އެވެ.

ސަރުކާރުގެ "ސިންގަލް ވިންޑޯ" ޕްރޮޖެކްޓަށް އުފެއްދި ޓްރޭޑްނެޓް މޯލްޑިވްސްއިން ދެ އަހަރުގެ ތެރޭގައި ހެދި ޕޯޓަލްއިން މި ވަގުތު ފަސް އިދާރާއެއްގެ ހިދުމަތް ލިބޭނެ އެވެ. އެއީ؛

އިކޮނޮމިކް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އެޗްޕީއޭ، ޓޫރިޒަމް މިނިސްޓްރީ އަދި ފުވައްމުލަކު ކައުންސިލެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު އިދާރާތަކުގެ ހިދުމަތް ވެސް، ވަންގަވް އިން ލިބޭނެ ކަމަށް ޓްރޭޑްނެޓުން ބުންޏެވެ.

ވަންގަވްގެ ބްރޭންޑް އާކިޓެކްޓް ޝިނާޒު ސައީދު ވިދާޅުވީ ވަންގަވްގެ ކޮންސެޕްޓަކީ ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބޭނެ ގޮތަށް ފަރުމާ ކުރުން ކަމަށެވެ. އެގޮތަށް، އެ ޕޯޓަލް އަށް ވަދެވޭނީ އީ-ފާސް ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިނާޒު ވިދާޅުވީ އިދާރާތަކުން ދޭ ކޮންމެ ހިދުމަތެއް މަސައްކަތްކުރާ ގޮތް ވަކިން ބެލުމަށް ޓްރޭޑްނެޓްގެ މުވައްޒަފުން، ކޮންމެ ހިދުމަތަކަށް ހަތަރު ހަފުތާ ހޭދަކުރި ކަމަށެވެ. އެގޮތަށް، ޕޯޓަލް އިން ފަސް އިދާރާއެއްގެ 111 ހިދުމަތެއް ލިބޭނެ އެވެ.

ވަންގަވް އިން ވެސް ފެންނާނީ ގޫގުލް އިން ފެންނަ ގޮތަށް ސާޗް ބާ އެކެވެ. އެ ތަނުގައި ވެސް، ބޭނުންވާ ހިދުމަތުގެ ނަމެއް ނުވަތަ އެޖެންސީގެ ނަން ޖަހައިގެން ސާޗުކުރެވޭނެ އެވެ.

މިހާތަނަށް ހިދުމަތްތައް ހޯދަމުން ދިޔައީ އެ މިނިސްޓްރީއެއްގެ ވެބްސައިޓަކުންނެވެ. އަދި އެކި އިދާރާތަކުން ދޭ ލިޔުންތައް އެކި ލެޓަހެޑްގައި ހުރެ އެވެ. ނަމަވެސް، ވަންގަވް އިން އެ ހުރިހާ ކަމެއް ބަދަލުވާނެ އެވެ.

ޝިނާޒު ވިދާޅުވީ ވަންގަވް އިން ހިދުމަތް ހޯދުމަށްފަހު ދޭ ލިޔުންތައް ހުންނާނީ އެއް ޓެމްޕްލޭޓަށެވެ. ވަކި މީހަކު ސޮއިކުރުމުގެ ބަދަލުގައި، އެ ލިޔުމަކީ ދިވެހި ދައުލަތުގެ ރަސްމީ ލިޔުމެއްކަން ބަޔާންކޮށްފައި އޮންނާނެ އެވެ.

ސަރުކާރުގެ އިދާރާތަކާ ގުޅޭގޮތުން އަބަދު ވެސް ލިބޭ އެއް ޝަކުވާ އަކީ ހިދުމަތް ލަސްވުމެވެ. ވަންގަވް އިން އެ ހުރިހާ ކަމަކަށް ވެސް ހައްލު ލިބޭނެ އެވެ. ހިދުމަތެއް ހޯދަން އެދުމަށްފަހު، އެ ފޯމެއް އޮތް މަރުހަލާ އެނގި، އަދި އެކަން ޕްރޮސެސްކުރެވޭނެ ލަފާކުރެވޭ ދުވަސް ވެސް ޕޯޓަލް އިން ފެންނާނެ އެވެ. އަދި ވަންގަވްގެ ހުރިހާ ކަމެއް ލޮގް ކުރާތީ، އެ މުވައްޒަފަކުން ހިދުމަތްދޭ މީހުން އެނގި، ހާމަކަން ބޮޑު ގޮތެއްގައި މިކަން ވާނެ ކަމަށް ޝިނާޒު ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ވުމުން، ދައުލަތުން ކަރުދާހަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެ، މަސައްކަތުގެ ސްޕީޑު އަވަސްވާނެ ކަމަށް ސަރުކާރުން ބުންޏެވެ.