ޕީއެސްޖީއަކީ ބައިބައިވެފައިވާ ކްލަބެއް ކަމަށް އެމްބާޕޭ ބުނެފި
ޕީއެސްޖީއަކީ ބައިބައިވެފައިވާ ކްލަބެއް ކަމަށް އެމްބާޕޭ ބުނެފި

ޕެރިސް (ޖޫން 10) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަކީ ބައިބައިވެފައިވާ ކްލަބެއް ކަމަށް އެޓީމަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފި އެވެ.

އުމުރުން 24 އަހަރުގެ އެމްބާޕޭ މިހެން ބުނެފައި ވަނީ ފްރާންސް ފުޓްބޯލް މެގަޒިން ލެކީޕް އަށް ދިން އިންތަވިއު އެއްގަ އެވެ.

އަންނަ ސީޒަނުގެ ނިޔަލަށް އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު ހަދާފައިވާ ކޮންތްރެކްޓް ހަމަވާއިރު، ކޮންޓްރެކްޓް އާ ނުކުރާނެކަން އެމްބާޕޭ ވަނީ ހާމަ ކޮށްފަ އެވެ.

އޭނާ އަކީ ޕީއެސްޖީގެ ތާރީހުގައި ވެސް އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އަންނަ ސީޒަނުގައި އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު، ޕީއެސްޖީގެ ރައީސް ނާސިރު އަލް ޙެލައިފީ ވަނީ، ހިލޭ ޓްރާންސްފާގައި އެމްބާޕޭ ކުލަބް ދޫކޮށްލިޔަ ނުދޭނެކަމަށް ބުނެފަ އެވެ.

"އަހަރެންނަށް ހީވަނީ ޕީއެސްޖީ އަށް ކުޅުމަކީ މާ ބޮޑު ފައިދާއެއް ވިބޭ ކަމެއް ނޫން ހެން، އެއީ ބައިބައިވެފައިވާ ކްލަބެއް،" އެމްބާޕޭ ބުނެފައި ވާކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އެމްބާޕޭ ވަނީ 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ފްރާންސް ލީގު ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ކުލަބަށް 41 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުން ކެޓީ ޖަރުމަންގެ ބެޔާން މިއުނިކް އަތްދަށު ވެގެން މުބާރާތުގެ ގަދަ 16 އިންނެވެ.

"އަހަރެމެންނަށް ކުރެވެން ހުރި ކަމެއް ކުރިން [ޗެމްޕިއަންސް ލީގު ހޯދަން]، ތި ފަރާތުން ޖެހޭނީ ޓީމު ބިނާކުރާ މީހުންނާ، ސްކޮޑް އެކުލަވާލުމުގައި ޝާމިލްވާ ފަރާތްތަކާ ވާހަކަ ދައްކަން."

ޕީއެސްޖީ އިން ވަނީ މިދިޔަ ސީޒަންގައި ހުރި ކޯޗު ކްރިސްޓޯފް ގަލްޓިއޭ މަގާމުން ދުރުކޮށް، މިދިޔަ ހަފްތާ އެ މަގާމަށް އޭއެސް ރޯމާ އާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖައްސައިފަ އެވެ.

ޕީއެސްޖީ ފާއިތުވި ދެ ސީޒަންގައި ކުޅުނު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، 36، ވަނީ އަންނަ ސީޒަނުގައި އެމެރިކާ ލީގުގެ އިންޓަ މަޔާމީ އަށް ބަދަލުވެފަ އެވެ. ހަމަ އެއާ އެކު އެޓީމަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ، 31، ގެ ކުރިމަގާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.