31 ޖެނުއަރީ 2017 - 06:29

މިއީ އިންޑިއާގެ ފަގީރު ހިސާބެއްގައި ދިރިއުޅުނު އަންހެނެއްގެ ފަސް އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު ގެއްލުނުތާ 25 އަހަރު ފަހުން ފެނުނު ހާދިސާގެ ވާހަކަ އެވެ. ހޮލީވުޑް ބްލޮކްބަސްޓާ ފިލްމު "ލައަން" އަކީ މި ކުއްޖާއަށް ދިމާވި ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

ފަސް އަހަރުގެ ފިރިހެން ދަރިފުޅު ސަރޫ އާއި 14 އަހަރުގެ ފިރިހެން ދަރިފުޅު ގުއްޑޫ ގެއްލުނު ދުވަސް ފާތިމާ މުންޝީގެ ހަނދާނުގައި މިއަދު ވީކަމެއްހެން ހަރުލާފައި އެބަހުއްޓެވެ. އެއީ 1987 ވަނަ އަހަރުގެ ރެއެކެވެ.

ސަރޫގެ އަސްލު ނަމަކީ ޝޭރޫ މުންޝީ ޚާން އެވެ. ސެންޓްރަލް އިންޑިއާގައި ހުންނަ ގަނޭޝް ތަލާއީ ކިޔާ ކުޑަކުޑަ އަވަށުގައި ދިރިއުޅެމުންދާ މި ފަގީރު އާއިލާގެ ދެބެން ގަޑިއެއްހާއިރު ތެރޭ ދެވޭ އަވަށަކަށް ދާން ރޭލުގައި ފުރީ އުކާލާ ކާއެއްޗެތި ހޯދާށެވެ. ބައްޕަ ކުދިންތައް ދޫކޮށްލާފައި ދިއުމުން މަންމަ އާއި ސަރޫގެ ހަތަރު ބެއިން ދިރިއުޅެމުން ދިޔައީ އުކާލާފައި ހުންނަ ކާއެއްޗެހި ހޮވައިގެންނެވެ.

އެ ރޭ ދެބެންނަށް ރޭލް ސްޓޭޝަނަށް ދެވުނުއިރު ތިބީ ވަރަށް ވަރުބަލިވެފަ އެވެ. ސަރޫ ގާތު ސްޓޭޝަންގައި އޮށޯވެ ނިދާލުމަށާއި ކާއެއްޗެއް ލިބޭތޯ ބަލާފައި އަންނާނެކަމަށް ބުނެފައި ބޭބެ ދިޔައީ އެވެ. އެއީ ސަރޫ އަށް ބޭބެ ފެނުނު އެންމެ ފަހު ފަހަރެވެ. ސަރޫ ނިދާފައި ހޭލެވުނުއިރު ސްޓޭޝަން އޮތީ ފަޅަށެވެ. ބޭބެ ވެސް ފެންނާކަށް ނެތެވެ. އެކަނިމާއެކަނި ސަރޫ މަޑުމަޑުން ގޮސް އެތާ އޮތް ރޭލު ބުރިއަކަށް އެރި އެވެ. ގެއަށް ދެވޭނެ ކަމުގެ އުންމީދުގަ އެވެ. ސަރޫ ހީކުރީ އޭނާގެ ބޭބެ ވެސް އެ ރޭލުގައި އިންނާނެ ކަމަށެވެ.

ބޭބެ ނުފެނިގެން އެކަނިވެ ހާސްވެފައި އިންދާ ސަރޫއަށް ނިދުނީ އެވެ. އޭނާއަށް ހޭލެވުނީ އިރުގެ އަލިކަން ލޮލަށް އެޅިގެންނެވެ. އޭރު ރޭލު ވަރަށް ބާރަށް ކޮންމެވެސް ދިމާލަކަށް ދަތުރުކުރަނީ އެވެ. ހަގީގަތުގައި ރޭލު ދަތުރުކުރަމުން ދިޔައީ ކަލްކަތާ އަށެވެ. އެއީ ސަރޫގެ ރަށާ 1،000 މޭލު ދުރުގައި އޮތް ތަނެކެވެ.

ކުޑަކުޑަ ސަރޫ އެތައް ހަފުތާއެއް ވަންދެން އުޅުނީ އެކި އަވަށްތަކުގެ މަގުމަތީގަ އެވެ. އެހެން އުޅެނިކޮށް ލިބޭ ކުޑަ އެތިކޮޅުކޮޅު ކާލައިގެން އަނެއްކާވެސް އެހެން ރޭލަކަށް އަރަނީ އެވެ. ކޮންމެ ފަހަރަކު ވެސް އެ އަރާ ރޭލުން ހަމަ ރަށަށް ދެވޭނެކަމުގެ އުންމީދުގަ އެވެ. ސަރޫ އަށް އޭނާގެ އަވަށުގެ ނަމެއް ވެސް ނޭނގެ އެވެ.
އެއްލާލާފައި ހުންނަ ކާއެއްޗެހިން ކިލާ ފިލުވައިގެން ކައި އުޅުނެވެ. އެވެސް ލިބެނީ މަގުމަތީގައި އުޅޭ އެހެން ކުދިންނާ ތަޅާފޮޅައި ގަދަވި ފަހަރަކު އެވެ.
ރޭލުގައި މަސައްކަތްކުރާ މީހަކު އެމީހާގެ ޖިފުޓީގައި ނިދާލާނެ ފުރުސަތު ސަރޫ އަށް އެއްފަހަރު ލިބުނެވެ. ނަމަވެސް އެ ފަހަރު އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އޭނާއަށް ބޯހިޔާވަހިކަން ދިން މީހާ ގޮސް އެމީހާ ނިދާ ތަނުގައި އޭނާއާ އެކު ނިދަން ބުނުމާ އެކު އެމީހާގެ ނިޔަތް ރަނގަޅުނޫންކަން ކުޑަކުޑަ ސަރޫ އަށް ވިސްނުނެވެ. އޭނާ ފިލަން ދުއްވައިގަތުމުން، ރޭލްވޭގައި މަސައްކަތްކުރާ މީހާ ފަހަތުން ދުވެ އަތުލަން ވަރަށް މަސައްކަތް ކުރި އެވެ. އޭނާ ސަލާމަތްވީ ނަޖިސް ހޮޅިއެއްގެ ތެރެއަށް ވަދެ ފިލައިގެންނެވެ.
އެންމެ ފަހުން ބަޔަކަށް ސަރޫ ފެނިގެން ގެންދިޔައީ ނާވާ ޖީވަން ކިޔާ ޔަތީމުޚާނާއަކަށެވެ. އެތަނުގައި އޭނާ ދެ މަސް ދުވަހު ހުރި ފަހުން ޓަސްމީނިއާގެ ދެމަފިރިން ކަމަށްވާ ސުއި އާއި ޖޯން ބްރިއާލީ އޭނާ އެޑޮޕްޓްކޮށްގެން ޓަސްމީނިއާއަށް ގެންދިޔައީ އެވެ. ޓަސްމީނިއާ އަކީ އޮސްޓްރޭލިއާގެ ދެކުނުގައި ވަކިން އޮންނަ ޖަޒީރާ ރަށެކެވެ.
"ލައަން" ފިލްމުގައި، ސަރޫ އެޑޮޕްޓްކުރި ސުއި އާއި ޖޯންގެ ބައި ކުޅެފައިވަނީ ނިކޯލް ކިޑްމަން އާއި ޑޭވިޑް ވެންހަމް އެވެ.
ކާއެއްޗެހި ހޯދަން ދެ ދަރިން ގޮސް އެނބުރި ނައުމުން އެކުދިންގެ މަންމަ ފާތިމާ ކަންބޮޑުވެފައި ހުއްޓާ އެއް މަސް ފަހުން ގެއަށް ގެނައީ ދޮށީ ދަރިފުޅުގެ ގަބުރެވެ. ދޮށީ ދަރިފުޅު މަރުވިކަން ޔަގީން ވިޔަސް ސަރޫ އެނބުރި އަތުވެދާނެކަމަށް ފާތިމާގެ ހިތް ބުނެ އެވެ. އޭނާ ދިރިހުރީ އެ ޔަގީންކަމުގަ އެވެ.
ސަރޫ ނުފެނި ފާއިތުވީ ކޮންމެ ދުވަހަކީ ފާތިމާގެ ހިތުގައި ތަފާތު ވަހުމްތައް އުފެދެމުންދިޔަ ދުވަހެކެވެ. ދަރިފުޅު ދުނިޔޭގައި ހުންނާނެތޯ އަދި ދުނިޔޭގައި ހުރި ނަމަ ދަރިފުޅު އުޅެނީ ކޮން ފަދަ ހާލެއްގައި ބާއޭ ކޮންމެ ދުވަހަކު ހިތަށް އަރަ އެވެ.
"އަހަރެން ވަރަށް ކަންބޮޑުވި. އެހެންނަމަވެސް މައިވަންތަކަމުގެ އިހްސާސް ކުރެވެނީ ދަރިފުޅު ކޮންމެވެސް ދުވަހަކުން އަންނާނޭ،" ފާތިމާ ބުންޏެވެ.
ސަރޫ ގެއްލުނުތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުސަރޫ ދިޔައީ އޭނާ އެޑޮޕްޓްކުރި ދެމަފިރިންނާ އެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންނެވެ. އޭނާ ކިޔެވުމަށާއި ކުޅިވަރަށް މޮޅެވެ. އަދި ރައްޓެހިން ވެސް އެހާ ގިނަ އެވެ. ނަމަވެސް އާއިލާ އާއި އަވަށުގެ މަތިން އޭނާ ހަނދާނެއް ނުނެތެވެ. އޭނާ ދިރިއުޅުނު އަވަށުގެ ބައެއް ލޭންޑްމާކްތައް އޭނާގެ ދުރު ހަނދާނުގައި ކޮންމެވެސް ވަރަކަށް ހުއްޓެވެ. ނަމަވެސް އެ އަވަށަށް ކިޔާ ނަމެއް އަދި އޮންނަ ހިސާބެއް ވެސް ނޭނގެ އެވެ.
ރޭގަނޑު އޭނާއަށް ނުނިދިފައި އޮވެ އެވެ. އުފަން މަންމައަށް ޚިޔާލީ މެސެޖުތައް ފޮނުވަ ފޮނުވަ އެވެ. އޭނާ ދިރިހުރިކަމާއި ގަދަވެ ސަލާމަތުން ހުރި ވާހަކަ އޭނާ ޚިޔާލީ ގޮތުން މަންމަ އަށް ފޮނުވަ އެވެ.
ގޫގުލް އާތު ވުޖޫދަށް އައުމާ އެކު ސަރޫ އޭނާގެ އުފަން ރަށް ހޯދުމުގެ މަސައްކަތް ފަށައިގަތެވެ. މަންމައާ ވަކިވިތާ 25 އަހަރު ފަހުން ސަރޫ ވަނީ އޭނާގެ އަވަށާއި މަންމަ ހޯދުމުގައި ކާމިޔާބު ހޯދާފަ އެވެ. ގޫގުލް އާތު ގެ އެހީގަ އެވެ.
އޭނާ އެންމެ ފުރަތަމަ ކުރި ކަމަކީ އޭނާގެ ހަނދާން ހުރި މިންވަރަކުން ހަނދާން ހުރި ތަންތަންތަނާއި އެ ތަންތަނަށް ކިޔާ ނަންތައް ނޯޓް ކުރީ އެވެ. ކޮންމެ ރެއެއްގެ އެތައް ގަޑިއިރެއް އޭނާ ގޫގުލް އާތުން އިންޑިއާގެ އެކި އަވަށްތައް ވަކިވަކިން އެތަންތަނުގެ ލޭންޑް މާކްތަކަށް ދަންދެން ހޯދަމުން ދިޔަ އެވެ. އޭނާގެ ގެއްލިފައިވާ ގެއާއި އާއިލާ ހޯދުމުގެ އުންމީދުގަ އެވެ.
އެންމެ ފަހުން މާޗް 2011 ގައި ސަރޫއަށް ސައްކަތް ކާމިޔާބުވި އެވެ. އިންޑިއާގެ އެކި އަވަށްތަކުގެ މަގުތައް ހޯދަމުން ދަނިކޮށް ސަރޫގެ ރަށުގެ ބޭރުގައި އޮންނަ ފެން ރައްކާކުރާ ޑޭމެއް އޮންނަ ހަނދާންވެ އެތަން ހޯދަނިކޮށް ފެނުނީ އެވެ. އަދި އަހުގެ ފައިވާނެއްގެ ބައްޓަމަށް އޮންނަ އެ އަވަށުގެ މަގުތައް ވެސް ސަރޫ ދެކެފަރިތަ ތަންތަންހެން ހީވި އެވެ. ޗާޓުން ފެނުނު ނިޝާނަކަށް ފިތާލުމާއެކު އެ އަވަށުގެ ނަން ފެނުނެވެ. އެއީ ބުރުހާންޕޫރެވެ. އަވަސް އަވަހަށް މައުސް ކޮޅުކޮޅަށް ދުއްވާ އެހިސާބުގަނޑު ބަލަން ފެށި އެވެ. އަދި އޭނާ ކުޑައިރު ކުޅެން އުޅުނު ތަންތަނާއި މަގުތައް ހަނދާންވެ އެއީ އެތަންތަންކަން ޔަގީން ކުރެވުނެވެ. އޭނާގެ އަމިއްލަ އަވަށުގެ ނަން ކަމަށްވާ ގަނޭޝް ތަލާއީ ވެސް ސަރޫގެ ހަނދާނަށް ކުއްލިއަކަށް އަ އެވެ. ކުޑައިރު އޭނާއަށް އެ ނަން ކިޔަން އުނދަގޫކަމުން "ގިނޭޝްތިލޭ" ކިޔާ މަތިން ހަނދާން ވީމަ އެވެ.
އޭނާގެ މަންމަ އާއި އާއިލާ އެ އަވަށުގައި އަދިވެސް ދިރިއުޅެދާނެ ބާއެވެ؟ އެއީ ސަރޫގެ ހިތަށް ދެން އެރި ސުވާލެވެ. އޭނާ މަންމަ އާ ބައްދަލުކުރަން އިންޑިއާ އަށް ދިޔަ އެވެ. ސަރޫގެ މަންމައަށް އޭނާ ފެނުމާއެކު ވެސް އެއީ ދަރިފުޅުކަން ޔަގީންވި އެވެ. ނިތްކުރީގައި ކުޑައިރުލާފައި އިން ލަކުނު ފެނުމުންނެވެ.
ފާތިމާ ބުނީ އަވަށްޓެރިއެއްގެ ގޭގައި ތަށި ދޮވެދޭން އޮއްވާ މީހަކު ހަޅޭއްލަވަމުން ގޮސް ދަރިފުޅު އަތުވެއްޖޭ ބުނި ކަމަށެވެ.
"އަހަރެންގެ މައިވަންތަކަމުގެ ޖަޒުބާތަށް ޖޯކް ނުޖަހާށޭ ބުނެ އަހަރެން އެހެން ބުނި މީހާއާ ދިމާލަށް ހަޅޭއްލަވައިގަތިން. ނަމަވެސް އޭނާ ގަދަކަމުން އަހަރެން އަތުގައި ހިފައި ދަމާ ގެއަށް ގެންދިޔައިރު ގޭތެރޭގައި ހުރީ ހަމަ ހަގީގަތުގައި ވެސް އަހަރެންގެ ދަރިފުޅު،" ހިތްދަތި 25 އަހަރަށް ފަހު ސަރޫއާ ފުރަތަމަ ބައްދަލުވި ދުވަސް ހަނދާނަށް ގެންނަމުން ފާތިމާ ކިޔައިދިނެވެ.
"އަހަންނަށް އޭނަ ފެނުމުން ކުއްލިއަކަށް މީހަކާ ގަނޑުވީ. އެ ދެލޮލުގައި ވެސް ތަފާތެއް ނެތް. ނިތްކުރީގައި ކުޑައިރު ލީ ލަކުނު ވެސް ހުރި. އަހަންނަކަށް އެއީ އަހަރެންގެ ދަރިފުޅު ކަމާ މެދު އެއްވެސް ޝައްކެއް ނުވި. މާތްﷲ އަހަރެންގެ ދުޢާ އިޖާބަ ކުރެއްވީ،" ފާތިމާ ބުންޏެވެ.
ފާތިމާ ބުނީ ދަރިފުޅާ ބައްދަލުވި އެ ދުވަހަކީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. އެހާ ދުވަސްވީއިރު ވެސް މަންމަ އަށާއި އާއިލާއަށް އޭނާގެ ހިތުގައި އޮތް ލޯތްބަށް ބަދަލެއް ނައިސް ހުރީތީ ފާތިމާ ވަރަށް އުފާވި އެވެ. އަދި އެއީ އޭނާގެ ދަރިއެކޭ ބުނަން ފަޚުރުވެރިވެ އެވެ.
ފާތިމާ ބުނި ގޮތުގައި އޭނާގެ ކުޑަކުޑަ ސަރޫ އަކީ ވެސް ވަރަށް ވިސްނުންތޫނު އެހާމެ ސަމާސާކުރާ އުފާވެރި މިޒާޖެއްގެ ރަނގަޅު ކުއްޖެކެވެ. މުޅިން އެހެން ބައްރެއްގައި އެހެން ބަޔަކާ އެކު އެހާ ގިނަ ދުވަސްތަކެއް ވޭތުކޮށްފައި ވިޔަސް ދަރިފުޅުގެ އެ ސިފަތައް އަދިވެސް ހުރިގޮތަށް އެބަހުރިކަމަށް ފާތިމާ ބުންޏެވެ.
ސަރޫ އަށް މަންމައާ ވާހަކަ ދެއްކެނީ ތަރުޖަމާނެއްގެ އެހީގަ އެވެ. ނަމަވެސް ސަރޫ މަންމަ އަށް ވަދާއު ކިޔައި ފުރައިގެން ދިޔައީ އަލުން އަންނާނެ ކަމަށް ވައުދު ވަމުންނެވެ. ދަރިފުޅު އަލުން އެނބުރި އަންނާނެ ދުވަހަކަށް ފާތިމާ އިންތިޒާރު ކުރެ އެވެ. އަދި ދަރިފުޅު ގެންގުޅެ ބޮޑުކުރި އޮސްޓްރޭލިޔާގެ ދެމަފިރިންނަށް ފާތިމާގެ ހިތް ވަނީ ލޯތްބާއި ޝުކުރުން ފުރިފަ އެވެ.
"ލައަން" އަކީ ސަރޫ ލިޔެފައިވާ އޭނާގެ ހަޔާތުގެ ވާހަކައިގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.